ޓްރީޓޮޕް ހޮސްޕިޓަލް

މަހަކު 43 މިލިއަން ހޮސްޕިޓަލުގެ ވެރިން އަމިއްލައަށް ހަރަދުކުރާގޮތަށް ޓްރީޓޮޕް ސަރުކާރަށް ހިލޭ

10

ޗަންޕާ ބްރަދާސްގެ ބޮޑު ހިއްސާއެއް އޮވެގެން ހުޅުމާލޭގައި ހިންގާ ޓްރީޓޮޕް ހޮސްޕިޓަލް ކޮވިޑް19 އާއި ގުޅިގެން އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށް ދިވެހި ސަރުކާރަށް ދީފައިވާ އިރު، މިހާރު ވެސް އެ ތަނަށް މަހަކު 43 މިލިއަން ހަރަދުކުރާ ކަމަށް ބުނެފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ބޯޑުގެ ނިންމުން އެނގޭ ފަރާތަކުން "ވަން"އަށް ބުނީ، މި ހާލަތުގައި އިމަޖެންސީގައި ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރަން ސަރުކާރުން އެދުމުން، ހޮސްޕިޓަލްގެ ބޯޑުން އިއްޔެ ނިންމާފައިވަނީ ކޮންމެ މަހަކު ހޮސްޕިޓަލް ހިންގުމަށް މިހާރު ގާތްގަނޑަކަށް ހިނގާ ހަރަދު، 43 މިލިއަން ރުފިޔާ ވެސް ހޮސްޕިޓަލުގެ އޯނަރުން މަހުން މަހަށް ކުރަމުން ގެންދާ ގޮތަށް ސަރުކާރުގެ ބޭނުން ތަކަށް ހޮސްޕިޓާ ދޫކުރާ ގޮތަށް ކަމަށެވެ.

ވަން އަށް މައުލޫމާތު ދިން ފަރާތުން ބުނީ، މިގޮތަށް ޓްރީޓޮޕްގެ ބޯޑުން މިކަން ހަމަޖެއްސުމުން، ސަރުކާރުން ޓްރީޓޮޕް ހޮސްޕިޓަލާ ހަވާލުވާ ހާލަތުގައިވެސް އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ 400 ވަރަކަށް މުވައްޒަފުންނަށް ކުރަން ޖެހޭ ހަރަދުތައް ކުރާނީ ހޮސްޕިޓަލްގެ އޯނަރުން ކަމަށެވެ. އެ 400 ވައްޒަފުންގެ ތެރޭގައި 38 ޑޮކްޓަރުންނާއި 21 މެޑިކަލް އޮފިސަރުންނާއި 121 ނަރުހުން ހިމެނޭ ކަމަށާއި މީގެ އިތުރުން ދުވަހުން ދުވަހަށް ހޮސްޕިޓާ ހިންގުމަށް ބޭނުންވާނެ އަސާސީ ހުރިހާ ކަމެއް ވެސް ކޮށްދޭނީ ޓްރީޓޮޕްގެ އޯނަރުންގެ ފަރާތުން ކަމަށް ވަން އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ބޯޑުގެ މައިގަނޑު ނިންމުމަކީ، ކޮވިޑް19 ގެ ނުރައްކާތެރި ހާލަތުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ޓްރީޓޮޕް ހޮސްޕިޓަލް ދިވެހި ސަރުކާރާ ހަވާލުކޮށްގެން ހިނގާ ހުރިހާ ހަރަދެއް ހޮސްޕިޓަލުގެ އޯނަރުންގެ ފަރާތުން ކޮށްދިނުން ކަމަށް ވެސް އޭނާ ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ވަސީލަތްތައް އަގެއް ނެގުމަކާ ނުލައި ސަރުކާރަށް ދިނުމުގެ އިތުރަށް އިމަޖެންސީ ހާލަތުގައި ބޭނުންކުރާ ރައްކާތެރި 150 ހެދުން ވެސް އެ ހޮސްޕިޓަލްގެ ފަރާތުން ވަނީ ސަރުކާރަށް ހަދިޔާކޮށްފައި ކަމަށާއި އިތުރު 2000 ހެދުން ސަރުކާރަށް ހަދިޔާކުރުމަށްޓަކައި ވަރަށް އަވަހަށް ރާއްޖެއިން ބޭރުން ގެނައުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލްއިން ދިވެހި ސަރުކާރަށް އެއްބާރުލުން ދިނުމަށް މި ނިންމި ނިންމުމާއެކު، އެ ހޮސްޕިޓަލަށް ސިއްހީ އިމަޖެންސީ ހާލަތުގެ ކަންކަން ރާއްޖޭގައި ބަލަހައްޓާ ޓާސްކް ފޯހުން ޒިޔާރަތްކޮށް، ހޮސްޕިޓަލްގެ މެނޭޖްމަންޓާ ބައްދަލުކޮށް، ސަރުކާރުން ހޮސްޕިޓަލާ ހަވާލުވާ ހާލަތުގައި ކަންކަން ގެންދާނެ ގޮތް މިހާރު ވަނީ އިންތިޒާމުކޮށްފައެވެ.