މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުން ހަރަދުކުރަން އޮންނަ ގޮތް ބަދަލު ކުރަން ގާނޫނެއް ހަދަނީ

އިބްރާހިމް ޒަކީ

2

އެމްއެމްއޭގައި އޮންނަ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުން ހަރަދުކުރަން މިހާރު އޮންނަ ގޮތް ބަދަލު ކުރަން ގާނޫނެއް ހަދަން ސަރުކާރުން ނިންމާފައިވާ ކަމަށް ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19އިގެ ރާއްޖެއާބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މަބްރޫކު ވިދާޅުވީ، މިހާރު އޮންނަނީ ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭގެ އޮފިޝަލުން ހިމެނޭ ބޯޑަކުން އެޕްރޫވް ކުރާގޮތަށް ސޮވަރިން ފަންޑުން ހަރަދު ކުރެވޭ ގޮތަށް ކަމަށެވެ. ނަމަވެސް ސަރުކާރުން މިހާރު ނިންމާފައި އޮތީ، އެކަމަށް ގާނޫނީ ހަމަތަކެއް އެކުލަވާލައި މަޖިލީހަށް ފޮނުވުމަށް ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

އެފަންޑާ ގުޅޭ ގޮތުން، އިއްޔެ އޮތް ނޫސްވެރީންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ރައީސް ސޯލިހަށް ސުވާލެއް ދަންނަވައިފަ އެވެ. ނޫސްވެރިޔާ ސުވާލުކުރީ ފަންޑު އޮތީ ޓޫކީ ސްޓްރަކްޗާއެއްގައިތޯ އެވެ. އެކަމާގުޅިގެން ރައީސް ވިދާޅުވެފައިވަނީ އެކަން އޮޅުން ފިލުއްވައިލެއްވުމަށްފަހު މަބްރޫކު މެދުވެރިކުރައްވައި އެ މައުލޫމާތު ދެއްްވާނެ ކަމަށެވެ.

އެކަމާ ގުޅިގެން މަބްރޫކު މިއަދު ވިދާޅުވީ، އެއްވެސް އިރެއްގައި އެ ފަންޑު އޮތީ ޓޫކީ ސްޓްރަކްޗާއެއްގައި ނޫން ކަމަށެވެ. އަދި ސަރުކާރުން އިތުރު ބަދަލެއް މިހާތަނަށް ގެނެސްފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، "އެފަންޑަށް ފައިސާ ވަންނަ ގޮތަކީ އެއާޕޯޓް އެރައިވަލް ފީގެ ގޮތުގައި ނެގޭ ހަ ޑޮލަރުގެ ގޮތުގައި އެމްއޭސިއެލުން ނަގާ ފައިސާ ދެނީ މިފަންޑުގެ ތެރެއަށް އަދި މިފަންޑަށް ލެވޭ ފައިސާއަކީ އިންވެސްޓް ކުރެވިގެން އެއަށް ފައިސާ އިތުރުކުރެވޭ ގޮތަށް ހެދިފައި އޮންނަ ފަންޑެއް،" ކަމަށެވެ.

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި މިހާރު 272 މިލިޔަން ޑޮލަރު އެބަހުރި ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.