ކޮރޯނާ ވައިރަސް

އައްޑޫސިޓީގެ ފިހާރަތައް ވަކިގަޑިއެއްގައި ބަންދުކުރަން ނިންމީ އެޗްޕީއޭއާ މަޝްވަރާކޮށްގެނެެއް ނޫން: މަބްރޫކު

އިބްރާހިމް ޒަކީ

އައްޑޫސިޓީގެ ފިހާރަތައް ވަކިގަޑިއެއްގައި ބަންދުކުރަން ނިންމި ނިންމުމަކީ، އެޗްޕީއޭއާ މަޝްވަރާކޮށްގެން ނިންމި ނިންމުމެއް ނޫން ކަމަށް ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

މިއަދުންފެށިގެން އައްޑޫސިޓީގެ ވިޔަފާރިކުރާ ތަންތަނުގެ ހިުދމަތްދޭ ގަޑިތަކަށް ވަނީ ބަދަލު ގެނަސްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނުގައި ބުނެފައިވަނީ މިއަދު އިރުއޮއްސި 6:00 ގެ ފަހުން އެތަންތަނުގެ ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް ކަމަށެވެ.

މީގެ އިތުރުން އިރުއޮއްސި 6:00 ގެ ފަހުން އެތަންތަން ބަންދުކުރަން ޖެހޭނެ ކަމަށާއި، ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދޭން ބޭނުންވާނަމަ، އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު، ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދެވޭ ގޮތަށް ހަމަޖެހިފައިވާާކަމަށްވެސް ބުނެފައިވެއެވެ.

އެކަމާގުޅިގެން މިއަދުގެ ނިއުސްކޮންފަރެންސްގައި ނޫސްވރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މަބްރޫކު ވިދާޅުވީ، ސިޓީ ކައުންސިލްގެ އެ ނިންމުމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ މަޝްވަރާކޮށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.

އެކަމާ ގުޅިގެން އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލްގެ އެ ނިންމުމަކީ، ޑިރެކްޓާ ޖެނެރަލް އޮފް ހެލްސް ސާވިސަސް އާ މަޝްވަރާކުރެއްވުމަށްފަހު އައްޑޫ ކޮވިޑް 19 ޓާސްކްފޯސް އިން ނިންމައިގެން ނިންމި ނިންމުމެއް ކަމަށެވެ.

ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ސޯބެ ވިދާޅުވެފައިވެއެވެ.