ޚަބަރު

ވަޒީފާ އަދާކުރާ މީހުންނަށް އިހާނެތިކޮށް ހަދާ ވިޔަފާރިތަކަށް ސްޓިމިއުލަސް ޕެކޭޖުން އިސްކަމެއް ނުދޭނަން: މަބްރޫކު

އިބްރާހިމް ޒަކީ

ވަޒީފާ އަދާކުރާ މީހުންނަށް އިހާނެތިކޮށް ހަދާ ވިޔަފާރިތަކަށް ސްޓިމިއުލަސް ޕެކޭޖުން އިސްކަމެއް ނުދޭނެ ކަމަށް ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާބެހޭ މައުލޫމާތު ދިނުމަށް ދަރުކާރުގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކު ވިދާޅުވީ، ވަޒީފާ އަދާކުރާ ފަރާތްތަކާމެދު އެކި ގޮތްގޮތަށް އަމަލުކޮށްގެން، އިކޮނިކް މިނިސްޓްރީގެ ޖޮބް ސެންޓަކަށް މިހާރުވެސް 100 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ނޯޕޭ ލީވް ނަގަން ޖެހުމާއި، މުސާރަ ބަދަލުކުރުމާއި، އެލަވަންސްތައް ކަނޑާލުމުގެ އިތުރުން ބައި މުސާރަ ދިނުމާއި ވަކި މުއްދަތަކަށް ވަޒީފާ އިން ސަސްޕެންޑް ކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، މަބްރޫކު އަދި ވިދާޅުވީ، ވަޒީފާ އަދާކުރާ މީހުންނަށް އިހާނެތިކޮށް ހަދާ ވިޔަފާރިތަކަށް ސްޓިމިއުލަސް ޕެކޭޖުން އިސްކަމެއް ނުދޭނެ ކަމަށެވެ. ނަމަވެސް އެކަމާބެހޭ ތަފްސީލެއް މަބްރޫކު ނުދެއްވައެވެ.

ކޮވިޑް 19 ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުމުގެ ތެރެއިިން، ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފުކޮށްފައެވެ.

އެ ފަންޑުގެ ދަށުން ހުރިހާ ވިޔަފާރިތަކަށް ލު ގޮތެއްގައި ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވެސް ސަރުކާރުން ވަނީ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމައިފައެވެ.

އޭގެ ތެރޭގައި ބޭންކް ތަކުން ނަގާފަިއވާ ލޯނުތައް ދެކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމާއި، އެޗްޑީއެފްސީން ނަގާފައިވާ ލޯނުތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުން ހިމެނެއެވެ.

މީގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާތަކަށްވެސް ކަންތައްތަކެއްް ހަމަޖައްސައި ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.