ޚަބަރު

ސޭންޑީސް ބަތަލާ ރިސޯޓު މޮނިޓަރިން އިން ނަގައިފި

އިބްރާހިމް ޒަކީ

ސާމަޕަލް ނެގި މީހާ ނެގެޓިވް ވެފައިވާތީ، ސޭންޑީސް ބަތަލާ ރިސޯޓް ވަނީ މޮނިޓަރިންއިން ނަގާފައި ކަމަށް ކޮވިޑް 19އާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، ކޮވިޑް 19 އަށް ޝައްކު ކުރެވިގެން އެރަށުން ނެގި ސާމަޕަލްތައް ނެގެޓިވް ވެފައިވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ، ސޭންޑީސް ބަތަލާ ރިސޯޓް މޮނިޓަރިންގެ ހާލަތުން ނެގުމުން މިހާރު މޮނިޓަރިންގައި އޮތީ ސިނަމަން ހަކުރާ ހުރާ، ޖޭއޭ މަނަފަރު، މާހާ އަދި އައިލެންޑް ސަފާރީ ކަމަށެވެ.

މަބްރޫކު ވިދާޅުވީ، ސިނަމަން ހަކުރާ ހުރާ މޮނިޓަރިންގައި އޮތީ، ކޮވިޑް 19 އަށް ޝައްކު ކުރެވޭ ބިދޭސީއެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ.

އަދި އޭނާވަނީ ރިސޯޓްގައި އެކަހެރި ކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.

ޖޭއޭ މަނަފަރު ރިސޯޓުން މޮނިޓަރިންގައި އޮތީ، ކޮވިޑް 19 އަށް ޝައްކުކުރެވުނު ދިވެއްސެއްގެ ސާމްޕަލް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށް ދާތީއެވެ.

އައިލެންޑް ސަފާރީން މޮނިޓައިންއަށް ލާފައި އޮތީ، ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ދެމީހަކު އެ ސަފާރީން ފެނުމާ ގުޅިގެން އެ ދެމީހުން ފަރުވާއަށް ނެގުމަށްފަހުގައެވެ. އަދި އެ ސަފާރީން ދަތުރުކުރި އެހެން އެންމެން ވަނީ އެކަހެރިކޮށްފައެވެ.

ރާއްޖެއިން މމިހާތަނަށް 13 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން އަށް މީހުން ވަނީ ރަނގަޅުވެފައެވެ. އަނެއް ފަސްމީހުންނަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.

އެހުރިހާ މީހުންނަކީވެސް ބިދޭސީންނެވެ.

ކޮވިޑް 19 ގެ ހާލަތާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން މިހާރު އައިސޮލޭޝަންގައި 21 މީހުން އެބަތިބި ކަމަށެވެ.

މީގެ އިތުރުން ކަރަންޓީިން ފެސިލިޓީތަކުގައި މިހާރު 737 މީހުން އެބަތިބި ކަމަށްވެސް ވިދާޅުވިއެވެ.