ދުނިޔެ

ކޮވިޑް 19އާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް އޭޑީބީން ރާއްޖެއަށް 500،000 ޑޮލަރު ދެނީ

މަރިޔަމް ޝަހުދާ

ކޮވިޑް 19އާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް އޭޝިއަން ޑިވަލޮޕްމަންޓް ބޭންކުން (އޭޑީބީ) ރާއްޖެއަށް 500،000 (ފަސް ލައްކަ) ޑޮލަރު ދޭން ނިންމައިފިއެވެ.

އެ ބޭންކުން މިއަދު އާންމު ކުރި ޕްރެސް ރިލީސްއެއްގައި ބުނެފައިވަނީ މިހާލަތުގައި ރާއްޖެއަށް އެހީވުމަށް ފަސް ލައްކަ ޑޮލަރު ދިނުމަށް ނިންމާފައިވަނީ އެ ބޭންކުގެ އޭޝިއާ ޕެސިފިކް ޑިޒާސްޓާ ރެސްޕޮންސް ފަންޑުން ކަމަށެވެ. އަދި މިއީ އެ ބޭންކުން ރާއްޖެއަށް ދީފައިވާ 100،000 ޑޮލަރުގެ ޓެކްނިކަލް އެހީތެރިކަމުގެ އިތުރަށް ދޭ އެހީގެ ފައިސާ ކަމަށް އެ ބޭންކުން ބުނެއެވެ.

މީގެ އިތުރުން އެ ބޭންކުން ދިވެހި ސަރުކާރާއި ރާއްޖޭގެ ޑިވަލޮޕްމަންޓު ޕާނަރުންނާއެކު ވަރަށް ކައިރިން މަސައްކަތް ކުރާ ކަމަށް އެ ބޭންކުން ބުނެއެވެ. އަދި ވީހާވެސް އަވަހަށް ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެބޭންކުން ބުނެއެވެ.

ރާއްޖެއަށް މިދޭ ފައިސާގެ އެހީތެރިކަމުގެ ސަބަބުން ސރުކާރަށް ދިމާވެފައިވާ ފައިސާގެ ދަތިކަމަށް ލުޔެއް ލިބޭނެ ކަމަށް އޭޑީބީން ބުނެއެވެ. އަދި މި ފައިސާއިން ރާއްޖެއަށް ބޭނުންވާ މެޑިކަލް ސާމާނު ހޯދޭނެކަން އެބޭންކުން ފާހަގަ ކުރެއެވެ.