އެމްއެމްއޭ

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި 272 މިލިޔަން ޑޮލަރު އެބަހުރި

އިބްރާހިމް ޒަކީ

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި 272 މިލިޔަން ޑޮލަރު އެބަހުރި ކަމަށް، ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19އިގެ ރާއްޖެއާބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މަބްރޫކު ވިދާޅުވީ، އެ ފަނޑަށް އަންނަ ބަދަލާބެހޭ މައުލޫމާތު ކޮންމެ ހަފްތާއަކު ފިނޭންސް މިނިސްޓްރީން ހާމަ ކުރަމުން ގެންދާ ކަަމަށާއި، މިވަގުތު އެ ފަންޑުގައި ހުރީ 272 މިލިޔަން ޑޮލަރު ކަމަށެވެ.

މަބްރޫކު ވިދާޅުވީ، "އެފަންޑަށް ފައިސާ ވަންނަ ގޮތަކީ އެއާޕޯޓް އެރައިވަލް ފީގެ ގޮތުގައި ނެގޭ ހަ ޑޮލަރުގެ ގޮތުގައި އެމްއޭސިއެލުން ނަގާ ފައިސާ ދެނީ މިފަންޑުގެ ތެރެއަށް އަދި މިފަންޑަށް ލެވޭ ފައިސާއަކީ އިންވެސްޓް ކުރެވިގެން އެއަށް ފައިސާ އިތުރުކުރެވޭ ގޮތަށް ހެދިފައި އޮންނަ ފަންޑެއް،" ކަމަށެވެ.

އަދި އެ ފަންޑުން ހަރަދު ކުރުމަށް މިހާރު ހަމަޖެހިފައި އޮންނީ، ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭގެ އޮފިޝަލުން ހިމެނޭ ބޯޑަކުން އެޕްރޫވް ކުރާގޮތަށް ސޮވަރިން ފަންޑުން ހަރަދު ކުރެވޭ ގޮތަށް ކަމަށެވެ.

ނަމަވެސް ސަރުކާރުން މިހާރު ނިންމާފައި އޮތީ، އެކަމަށް ގާނޫނީ ހަމަތަކެއް އެކުލަވާލައި މަޖިލީހަށް ފޮނުވުމަށް ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.