ކުޅިވަރު

ހޭންޑްބޯލް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

އައިދާ އަބްދުލް ހަކީމް

މިމަހު ބާއްވަން ކުރިން ހަމަޖެއްސި ހޭންޑްބޯލް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ކޮވިޑް 19 އާ ގުޅިގެން ފަސްކޮށްފިއެވެ.

ހޭންޑް ބޯލް އެސޯސިއޭޝަނުގެ ރައީސް އަހުމަދު އިސްމާއިލް ސޮއި ކުރައްވައި އިއްޔެ މެންބަރު ކުލަބްތަކަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އަހަރީ އާންމު ޖަލްސާ ފަސްކުރީ ކޮވިޑް 19އިން ރައްކާތެރިވުމަށް ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ އާއި މިފަދަ ދަނޑިވަޅެއްގައި މީހުން އެއްވެ ނޫޅުމަށް ސިއްހީ އިދާރާތަކުން އިރުޝާދު ދީފައިވާތީ ކަމަށެވެ.

އެހެންކަމުން މިމަހު ބޭއްވުމަށް ހަމަޖެއްސި އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. އެ ސޯސިއޭޝަނުން ބުނީ އަހަރީ އާންމު ޖަލްސާ ދެން ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ. ދާދި ފަހުން ރާއްޖެއަށް ތައާރަފުވި ހޭންޑްބޯލް އެސޯޝިއޭޝަންގައި 26 ކްލަބެއް ވަނީ ރަޖިސްޓްރީ ވެފައެވެ.

ހޭންޑްބޯލްގެ އިތުރުން ރާއްޖޭގެ އެއް ނަންބަރު ކުޅިވަރު ކަމަށްވާ ފުޓުބޯޅަ އެސޯސިއޭޝަންގެ ކޮންގްރެސް ވެސް ވަނީ ފެށެން މަދުވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ކެންސަލް ކޮށްފައެވެ. އަދި އެކޮންގްރެސް ވެސް ދެން ބާއްވާނެ ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.