ކުޅިވަރު

ރާއްޖޭގެ ދެބެއިން ދުނިޔޭގެ ރޭންކިންގެ ގަދަ 100ގައި ހިމެނިއްޖެ

އައިދާ އަބްދުލް ހަކީމް

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ އަންހެން ޑަބަލްސް އިވެންޓުގެ ރޭންކިންގެ ގަދަ 100 ތެރޭގައި ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ދެބެއިން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ހިމެނިއްޖެ އެވެ.

ނަބާހާ އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރޭންކިންގައި މި ލިބުނު ކުރިއެރުމާ އެކު އޮލިމްޕިކްސް އަށް ކޮލިފައިވާން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ. އުއްމީދަކީ ކުރިޔަށް އޮތް މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެގެން އެ ހިސާބަށް ވާސިލުވުން ކަމަށެވެ.

މިދެކުޅުންތެރިންނަކީ ދުނިޔޭގެ ރޭންކިންގެ އިވެންޓެއްގެ ގަދަ 100 ތެރޭގައި ހިމެނުނު ރާއްޖޭގެ ފުރަތަމަ ދެ ކުޅުންތެރިންނެވެ. އެންމެ ފަހުން އާންމުކުރި ރޭންކިންގައި ނަބީ އާއި ނަބާ އޮތީ އަންހެން ޑަބަލްސް ބައިން ދުނިޔޭގެ 93 ވަނައިގަ އެވެ. މިއީ އޭގެ ކުރިން ނެރުނު ރޭންކިންއާ އަޅައިބަލާއިރު 10 ދަރަޖައިގެ ކުރިއެރުމެކެވެ.

އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ ރާއްޖެއަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަ ވަނަ މެޑަލް ގެނެސްދީފަ އެވެ.

މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމު ހޯދި ލޯ މެޑަލްގައި ވެސް މިދެބެއިންގެ ހިއްސާ ވަރަށް ބޮޑެވެ. އެމުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުން ނަބީހާ ރަން މެޑަލް ހޯދި އިރު ޑަބަލްސް އިވެންޓުން މިދެބެއިން ވަނީ ރިހި މެޑަލް ހާސިލު ކޮށްފައެވެ.

މީގެ އިތުރުން މިދިޔަ އަހަރު ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ނަބާހާ ވަނީ ރަން މެޑަލް ހޯދައިފައެވެ. ނަބާހާ އާއި ނަބީހާ އަކީ ރާއްޖޭގެ އެއްވަނަ ޕެއާ އެވެ.