ވިލިމާލެ

ވިލިމާލޭ މަގުތަކުން ޖަރާސީމު ފިލުވުމުގެ މަސައްކަތް ފަށައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ މަގުތަކުން ޖަރާސީމު ފިލުވުމަށް، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް އާއި، މާލޭ ސިޓީކައުންސިލުން ފަށައިގެން ކުރިއަށް ގެންދާ މަަސައްކަތުގެ ދަށުން ކުލޮރިން އަޅައިގެން ވިލިމާލެ މަގުތައް ދޮވެ، ސާފު ކުރުމުގެ މަސައްކަތް މިއަދު މަސައްކަތް ފަށައިފިއެވެ.

އެމްޑީއެފުން ބުނީ، މި މަސައްކަތްކުރިއަށް ގެންދަނީ، އެމްއެންޑީއެފްގެ ފަޔާރެސްކިއު ސާވިސްގެ ވެހިކަލްތައް ބޭނުންކޮށްގެން ކަމަށެވެ. މި މަސައްކަތުގެ ދަށުން އިއްޔެ ވަނީ ހުޅުމާލޭގެ މަގުތަކުން ޖަރާސީމު ފިލުވުމުގެ މަސައްކަތްވެސް ފަށައިފައެވެ.

އެގޮތުން ހުޅުމާލޭގެ މަގުތަކުގެ އިތުރުން ބަސް ސްޓޮޕް ތަކާއި ފްލެޓްތައް ހިމެނޭ ސަރަހައްދު ތަކާއި، ކޮމާޝަލް ބްލޮކްތައް ހިމެނޭ ސަރަހައްދުތަކުންވެސް ޖަރާސީމު ފިލުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަދުވެސް އެމަސައްކަތް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އޭގެ ކުރިން މިދިޔަ ހޯމަ ދުވަހު މާލޭގެ މަގުތަކުން ޖަރާސީމު ފިލުވުމުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ.

އެމްއެންޑީއެފުން ބުނީ، އެ މަސައްކަތުގެ ދަށުން މާލޭގެ މަގުތައް ސާފު ކުރުމުގެ މަސައްކަތުގެ ބައެއްވެސް މިއަދު ކުރިއަށް ގެންދާ ކަމަށެވެ.