ސިޔާސީ

ރައީސް ޔާމީން މިނިވަންކުރަން އެކަކުވެސް މަސައްކަތެއް ނުކުރޭ، މަސައްކަތް ކުރަނީ ލީޑަޝިޕް ގޮނޑިއަށް: ނިހާދު

އިބްރާހިމް ޒަކީ

އިދިކޮޅު ޕީޕީއެމް ކޯލީޝަނުގެ ތެރެއިން އެކަކުވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމު ޖަލުން މިނިވަން ކުރަން މަސައްކަތް ނުކުރާ ކަމަށާއި، އެންމެން ވެސް މަސައްކަތް ކުރަނީ ލީޑަޝިޕް ގޮނޑިއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ރާއްޖޭން އިތުރަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް ހާމަ ކުރެއްވުމަށް އިއްޔެ ބޭއްވި ނިއުސްކޮންފަރެންސްގައި، އިދިދިކޮޅު ފަރާތްތަކާ ކަންކަން ހިއްސާ ކުރުމާއި، ރައީސް ޔާމީިން ޖަލުން ދޫކޮށްލުމާ ބެހޭ ގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ޖަވާބާ ގުޅިގެންނެވެ.

އިއްޔެގެ ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ނޫސްވެރިޔަކު ސުވާލު ކުރެއްވީ، ސަރުކާރާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް އޮތް ވާހަކަ ރައީސް ވިދާޅުވާއިރު، ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް ޔާމީން ދޫކޮށްލައްވައި، މަޝްވަރާ ކުރެއްވުމުގެ ވިސްނުންފުޅެއް ނެތްތޯ އާއި، އިދިކޮޅު ލީޑަރުންނާ ގުޅުއްވައި މަޝްވަރާ ކުރެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވަންތޯ، އެވެ. އަދި އެއްވެސް ވަރަކަށް އިދިކޮޅު ފަރާތްތަކާ މަޝްވަރާ ނުކުރައްވާ ކަމަށް އެފަރާތްތަކުން ބުނާ ކަމަށްވެސް ސުވާލު ކުރެއްވި ނޫސްވެރިޔާ ވިދާޅުވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑްގެ ކަންކަމުގައި އެމަނިކުފާނު މަޝްވަރާ ހޯއްދަވަނީ ސިއްހީ ހިދުމަތްތެރިންނާއި ސިއްހީ އެކްސްޕާޓުންގެ ފަރާތުން ކަމަށެވެ. އަދި މިކަމުގައި ހުރިހާ ފަރާތްތަކުންވެސް، ހުރިހާ ޕާޓީތަކުންވެސް ޓެކްނިކަލް ޓީމުން އެ ދެއްވާ މަޝްވަރާއާ އެއްގޮތަށް އަމަލު ކުރައްވައި، ގޭގައި މަޑު ކުރެއްވުމަށް އިލްތިމާސްކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޖަލުގައި ތިއްބެވި ފަރާތްތަކަށް މައާފު ދިނުމުގެ އިހުތިޔާރު އޮންނަނީ ގާނޫނުގެ ތެރެއިން ވަކި އުސޫލަކުން ކަމަށާއި، އެގޮތުގެމަތިން އަމަލު ކުރައްވަމުން ގެންދަވާ ކަމަށާއި، ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއްް ނުގެންގުޅުއްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ޖަލުގައި ތިއްބެވި ފަރާތްތަކާއި ތިބި ފަރާތްތަކަށް މައާފު ދިނުމުގެ އިހުތިޔާރު މިއޮންނަނީ ގާނޫނުގެ ތެރެއިން ވަކި އުސޫލަކުން ހަމަޖެހިފައި، އެގޮތުގެމަތިން އަޅުގަނޑު އަމަލު ކުރަމުން މިގެންދަނީ، އެހެންވީމަ އެގޮތަށް އަޅުގަނޑު އަމަލު ކުރަމުން ގެންދާނަން، ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް،" ރައީސް ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރުންނާ މަޝްވަރާ ކުރެއްވުމުގެ ގޮތުން ކުރެއްވި ސުވާލަށް ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ލީޑަރުން އެމަނިކުފާނަށް ފޯނުން ގުޅުއްވަމުން ގެންދަވާ ކަމަށާއި، އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަކީ ބަރާބަރަށް އެމަނިކުފާނާ ގުޅުއްވައި ވާހަކަދައްކަވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް މިދެދުވަހު އަބްދުއްރަހީމް ގުޅުއްވި ދެ ކޯލެއް ނުނެގި ގޮސްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ގުޅޭ އިދިކޮޅު ފަރާތްތަކުގެ ލީޑަރުންނާ ފޯނުން ހަމަ ދޭތެރެއަކުން ގުޅަމުން ގެންދޭ ނަމަވެސް މިދޭތެރެއަކުން އަބްދުއްރަހީމް ކުރެއްވި ދެކޯލެއް އަޅުގަނޑަށް ނުނެގިގެންދިޔަ، އަބްދުއްރަހީމަކީ ބަރާބަރަށް އަޅުގަނޑާ ވާހަކަދައްކަވާ ބޭފުޅެއް، މިދިޔަ ދެދުވަހު އެބައޮތް ދެމިސްކޯލު، ފޯނު ނެގިއްޖެއްޔާވެސް އަލުން ގުޅަން، އަޅުގަނޑާ އެބޭފުޅުންނާ ބަރާބަރަށް ވާހަކަ ދެއްކޭ،" ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މެންބަރު ނިހާދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރައީސް ވިދާޅުވީ، "ވަރަށް ހެޔޮ ވާހަކައެއް، ތިޔައިގެ ތެރެއިން އެކަކުވެސް ރައީސް ޔާމީން މިނިވަންކުރާކަށް މަސައްކަތެއް ނުކުރޭ، އެންމެން މަސައްކަތް ކުރަނީ ލީޑަޝިޕް ގޮނޑިއަށް، މީ ހަގީގަތް، މިކަން އެނގޭނެ ހުކުމް އިއްވުމުން ހުރިހާ ބޮޑެތިން ފިލީ މަގުމައްޗަށް ނިކުންނާނެ ލީޑަރެއް ނުވި،" ކަމަށެވެ.