ޚަބަރު

72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ އެކު 11 މީހަކު ހައްޔަރުކޮށްފި

72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ އެކު 11 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތް މީހަކު ހައްޔަރު ކޮށްފައިވަނީ މަސް އުޅަނދަކުން ކަމަށެވެ. އަނެއް ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މާލެއާއި ހުޅުމާލެއިން ކަމަށެވެ.

ޖުމުލަ 11 މީހުން ހައްޔަރު ކުރި އިރު މިއީ ނުވަ ދުވަހު މަސައްކަތް ކޮށްގެން ލިބުނު ކާމިޔާބީއެއް ކަމަށް ހަމީދު ފާހަގަ ކުރައްވާފައި ވެއެވެ. އެގޮތުން 61 ކިލޯގެ ހިރޮއިން އަތުލައިގަނެވިފައިވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އަދި މެރިން ޕޮލިސްގެ މަސައްކަތުން ކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ އަތުލައިގަތް މަސްތުވާތަކެއްޗަކީ އޭގެ އެންމެ ނުރައްކާތެރި އެއް ބާވަތް ކަމަށްވާ ހިރޮއިން ކަމަށެވެ.