އަމިއްލަ ޝިޕިންފް ލައިނެއް އޮތުމުން އަގުހެޔޮކޮށް މުދާ ގެނެވޭނެ ކަމަށާއި އޭގެ ފައިދާ ބޮޑުވާނެ ކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ރޭ ކުރެއްވި ޓުވީޓެއްގައި އަމްރު މިހެން ވިދާޅުވީ އެސްޓީއޯގެ ދަށުން މޯލްޑިވްސް ސްޓޭޓް ޝިޕިންގް ކުންފުނި އުފެއްދިކަން އިއުލާނު ކުރުމާއި ގުޅިގެންނެވެ. މިކަން އިއުލާނު ކޮށްދެއްވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.
އަމްރު ކުރެއްވި މި ޓުވީޓުގައި ވިދާޅުވީ މިފަދަ އަމިއްލަ ޝިޕިންގް ލައިނެއްގެ ސަބަބުން އާންމުން ބޭނުންވާ މުދާ ފަސޭހަ ކަމާއެކު ރާއްޖެއަށް ގެނެވޭނެ ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް ހެޔޮ އަގެއްގައި މުދާ ފޯރުކޮށްދިނުމަށް އޭގެން އެހީތެރިވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.
އަމުރުގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ، ރާއްޖެ މިހާރު މި ތަހައްމަލުކުރަމުންދާ ފަދަ އުނދަގޫ ހާލަތްތަކަށް ބަލާ އިރު އަމިއްލަ ޝިޕިން ލައިނެއް އޮތުމުގެ މުހިންމުކަން ބޮޑު ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން މިރޭ 12 އިން ފެށިގެން ރާއްޖެއަށް މީހުން އައުން މަނާކޮށް، ބޯޑަރުތައް ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ނިންމަވާފަ އެވެ. މި ވަގުތަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތައް ވެސް އެ ގޮތަށް ބަންދުކޮށްފައި އޮތް ވަގުތެކެވެ. ވަކީން ހާއްސަކޮށް ދުނިޔޭގެ އެއް ގައުމުން ވައިގެ މަގުން ދަތުރުކުރުން ވަނީ މުޅީން ހުއްޓުމަކަށް އައިސްފަ އެވެ. އެހެން ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާޑު ދަތިކަމެއް ނެތި ފޯރުކޮށްދޭނެ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެސްޓީއޯ އިންވެސް ވަނީ ރައްޔިތުން ކާޑަށް ނުޖެހޭނެ ކަމަށާއި ގަނޑުކޮށް ކާޑު ގަތުމުގެ ބޭނުމެއް ނެތް ކަމަށް ބުނެފަ އެވެ.
ރާއްޖެއަށް ބޭނުންވާ މޭވާ އާއި ތަރުކާރީ ވެސް ގެނެވޭނެ އިންތިޒާމު ކާގޯ ފްލައިޓުތައް މެދުވެރިކޮށް ގެނެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސް ސޯލިހު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.