ޚަބަރު

މައްކާ އާއި މަދީނާ އަދި ރިޔާދު ވެސް ލޮކްޑަައުން ކޮށްފި

އައިދާ އަބްދުލް ހަކީމް

ސައުދީ އަރަބިއާގެ މައްކާ، މަދީނާ އަދި ރިޔާދު ލޮކްޑަައުން ކޮށްފިއެވެ.

ކޮވިޑް 19ގެ ސަބަބުން އަޅާ ފިޔަވަޅެއްގެ ގޮތުން ސައުދީގެ އެންމެ މުހިންމު ތިން ސިޓީ ލޮކްޑައުން ކޮށްފައިވާކަން ސައުދީ ރަސްގެފާނު ސަލްމާން ހާމަކޮށްފައި ވަނީ މިއަދު ނެރުއްވި ހާއްސަ ގަރާރަކުންނެވެ. އެގަރާރަށް އަމަލު ކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.

އެގަރާރުގައި ބުނެފައިވާ ގޮތުން މައްކާ، މަދީނާ އަދި ރިޔާދު ވެސް ލޮކްޑަައުން ކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ. އަދި އެ ތިން ސިޓީގައި ކާފިއު އިއުލާނުކޮށްފައިވާ ވަގުތުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.

ސައުދީގައި އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތަކީ ރޭގަނޑު 7:00 ފެށިގެން ހެނދުނު 6:00 ހަމައަށެވެ. ނަމަވެސް މައްކާ، މަދީނާ އަދި ރިޔާދު ލޮކްޑައުންކޮށް އެ ތިން ސިޓީގައި އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތަކީ ހަވީރު 15:00 އިން ހެނދުނު 6:00 ހަމައަށެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވުހާން ސިޓީން ފެތުރެން ފެށި ކޮވިޑް 19 ދުނިޔޭގެ ގިނަ ގައުމުތަކަކަށް މިހާރު ފެތުރިފައިވާއިރު ސައުދީން ވެސް އެބަލީގެ 900 ކޭސް މިހާތަނަށް ވަނީ ފެނިފައެވެ. އަދި އެބަލީގައި ދެ މީހަކު ވަނީ މަރުވެފައެވެ.