ކޮލަމް

އިސްލާމީ ސިޔާސަތު : ވެރިކަމެއް ޤާއިމު ކުރުމާއި ޚިލާފަތުގެ ނަޒަރިއްޔާ - 3

އަބްދުﷲ ފާރޫގް ހަސަން

1

ޕްރޮފެސަރ މުޙުސިން ޢުޘްމާނީ ނަދުވީ

ތަރުޖަމާ : އަބްދުﷲފާރޫގުޙަސަން

ޖިހާދުގެ މާތްކަން ބަޔާންކުރައްވައިފައިވާ ޙަދީޘު ފުޅެއް ބުޚާރީ އާއި މުސްލިމުގައިވަނީ ބަޔާންކުރައްވައިފައެވެ. އެ ހަދީޘުފުޅުގައިވާ ގޮތުން މާތްﷲގެ މަގުގައި ހެދުނާއި ހަވީރު ޖިހާދަށް ނުކުތުމަކީ ދުނިޔޭގައިވާހައި އެއްޗެއްސަށްވުރެ ހެޔޮކަން ބޮޑު ކަމެކެވެ. ކީރިތި ޤުރްއާނުގައި ޒަކާތުގެ ބެހެނިވެރީން ބަޔާންކުރައްވަމުން ވަޙީކުރައްވައިފައިވާ ފީސަބީލިﷲގެ މަޠުލަބަކީވެސް ޖިހާދެވެ. އިލްމުވެރީން ޝަރަޙަކުރައްވަނީ ވެސް އެގޮތަށެވެ. ނަމަވެސް ޖިހާދަށްޓަކއި ހެނދުނާއި ހަވީރު ނުކުތުން ވެސް މިހާރަކަށްއައިސް ބަޔަކު މީހުން ހަދައިފައިވަނީ "ބަގީޗާތަކުން މާހޮވަން ދިޔުން" ފަދަ ކަމެއް ކަމުގައެވެ. އިސްލާމީ ވެރިކަމެއް ގާއިމުކުރުމުގެ މަސައްކަތާމެދު ވެސް ބައެއް މީހުން ދެކެނީ މިފަދަ ގޮތަށެވެ. އެއީ ކުރަންޖެހޭ ކަމެއް ކަމާމެދު އިންކާރު ނުކުރިކަމުގައިވިޔަސް އެކަމަށްދީފައިވަނީ ވަރަށް ދަށު ދަރަޖައެކެވެ. މުސްލިމުންގެ ގިނަބައެއްގެ ޖަޒުބާތީ ގުޅުމެއް އެމަސައްކަތަކާ ގުޅިފައެއް ނޯވެއެވެ. އައްލާމާ ސައްޔިދު ސުލައިމާނު ނަދުވީގެ އަންނަނިވި ލިޔުއއްވުމުން އަޅުގަނޑުގެ މިބަޔާނަށްތާއީދު ލިބެއެވެ.

" އިލްމުވެރީން އެތައް ދުވަހަކުއްސުރެ ދުނިޔަވީ މަސައްކަތްޕުޅުތަކުން އެއްކިބާވެ ވަޑައިގެން ތިއްބެވުމާއި ސޫފީންޚާނުގާހު ތަކުގައި ފޮރުވި ވަޑައިގެން ތިއްބެވުމުގެ ނަތީޖާއެއްގެ ގޮތުން އާއްމުންނަށް ޔަޤީންވީ ވެރިކަމާއި ސިޔާސަތުގެ ތެރެޔަށް ވަނުމާއި އެކަންކަން ރާވައި ތަދުބީރުކުރާން އުޅުމަކީ ދުނިޔަވީ ކަމެއްކަމުގައެވެ. ޢިލްމުވެރީންނާއި ތަގުވާވެރީން ތިއްބަވަންވާނީ އެކަންކަމާ ދުރުވެ ވަޑައިގެން ކަމުގައެވެ." ( ސީރަތުއްނަބިއްޔު، ޖިލްދު : ހަތެއް، ސަފްޙާ : 142 )

މުސްލިމުންނަށް ކުރެވިފައިވާ އަނެއް ކުށަކީ ސާލިހުޢަމމަލުތަކަކީ ހަމައެކަނި އަޅުކަމާއި ނަމާދު ރޯދަ ގިނަކުރުން ކަމުގައި ބަލައިގަނެވުން ކަމެވެ. ސަރުކާރަށްޓަކައި ކުރެވޭ މަސައްކަތަކީ ދުނިޔެވަންތަ ކަމެއްކަމުގައި ބަލާންފެށުމެވެ. މިއީ ދީނުގެ ރަނގަޅު ތަސައްވުރެއްނނޫނެވެ. މުސްލިމުންގެ ވަރަށް ގިނަ ބަޔެއްގެ މެދުގައި އާއްމުވެފައި އޮންނަ ކުށްވިސްނުމެކެވެ. ޙަޤީޤަތަށް ވިސްނާއިރު އުންމަތުގެ ލާބަޔޔަށްޓަކައި އިޚްލާސްތެރިކަމާއެކު ވެރިކަން ހޯދާން މަސައްކަތްކުރުމަކީ ނުހަނު ސަވާބުހުރިކަމެކެވެ.

ކުރީންވެސް ވާހަކަ ދައްކައިފައިވާނެ ފަދައިން އިމާމަކު ހޮވައި އައްޔަން ކުރުމުގެ މުހިންމުކަމަށްޓަކައި އިތުރުސަހާބީންވަނީ ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޠާހިރު ހަށިކޮޅު ފަސްދާނުނނުވަޑުއްވައި ފަސްމަތީ ބާއްވަވައިފައި ޚަލީފާއަކު އައްޔަން ކުރެއްވުމުގެ މަސައްކަތްޕުޅު އިސްކުރައްވައިފައެވެ. އެކަމުން އެނގެނީ އިސސްލާމްދީނުގައި ވެރިކަމެއް ޤާއިމު ކުރުމަކީ ވާޖިބެއް ކަމެވެ. އަޅުގަނޑު "އިސްލާމީވެރިކަމެއް" މި އިސްޠިލާޙު ބޭނުންކުރާ ކޮންމެތަނެއްގައިވެސް އަޅުގަނޑުގެ މުރާދަކީ މިންހާޖުއް ނުބުއްވަތުގައި ހިންގޭ ޚިލާފަތެކެވެ. މިފަދަވެރިކަމެއް ގާއިމު ކުރރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެކެވެ. އެ ވާޖިބު އަދާކުރުމަށް އެޅޭ ހހުރަސްތައް ނައްތައިލަން މަސައްކަތްކުރުމަކީ ވެސް ވާޖިބެކެވެ. އައްލާމާ އިބްނު ޙަޒަމް އެކަލޭގެފާނުގެ ފޮތެއް ކަމުގައިވާ "އަލްފަޞްލު ބައިނަލް މިލަލި ވައއްނަހްލި" މި ފޮތުގެ ހަތަރުވަނަ ޖިލްދުގެ 87 ވަނަ ސަފުޙާގައި ސަރީހު ކޮށްލިޔުއްވައިފައިވެއެވެ.

" މިއީ ސުންނަތް ޖަމާއަތުގެ އިމާމުންނާއި، ހުރިހައި މުރުޖިއާއިންނާއި އެންމެހައި ޝީއީންނާއި ޚަވާރިޖުން އެކަމެއްގެ މައްޗަށް އިއްތިފާގުވެފައިވާ ކަމެކެވެ. މާތްﷲގެ ހުކުމްފުޅުތައް ޤާއިމުކުރައްވާ، އިސްލާމީ ޝަރީއަތުގެ ހުކުމްތަކާ އެއްގޮތަށް ސިޔާސީ ނިޒާމު ޤާއިމުކުރައްވާ އަދުލުވެރި އއިމާމަކަށް ތަބާވުމަކީ ވާޖިބެކެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ގެންނެވި ޝަރީއަތާ އެއްގޮތަށް ސިޔާސީ ނިޒާމު ހިންގުމަކީ ވާޖިބެކެވެ."

އިސްލާމީ ވެރިކަމެއް ޤާއިމުކުރުމަކީ ވާޖިބެއްކަމަށާއި އިސްލާމީ ވެރިކަމެއްގައި އިސްލާމީ ޤާނޫނުތައް ތަންފީޒު ކުރުން ވާޖިބުވާނެކަން ސާބިތުކޮށްދިނުމުގެ ގޮތުން މީގެ އިތުރަށްވެސް ވަރަށް ގިނަ އާލިމުންގެ ބަސްފުޅުތައް ހުށަހެޅިދާނެއެވެ. އެވެރިކަމެއްގައި އިސްލާމީ ޤާނޫނުތައް ތަންފީޒުނުވާނަމަ ވެރިކަން ހިންގާންތިބި އެންމެންނަކީ މުސްލިމުންކަމުގައި ވިޔަސް އއެވެރިކަމަކީ އިސްލާމީ ވެރިކަމަކަށެއް ނުވާނެއެވެ. އެފަދަ ވެރިކަމެއް ހިންގަންތިބޭ ބަޔަކަށް ހަމަ މަގު ދައްކައިދީ ނަސޭހަތްތެރިވުމުން ވެސް އިސްލާޙުނުކޮށްފިނަމަ އެފަދަ ވެރިކަމެއް ބަދަލުކުރާން މަސައްކަތް ކުރުން ހުއްދަވާނެއެވެ.

ކީރިތި ޤުރްއާނާއި ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތާއި، އަލްޚުލަފާއުއްރާޝިދޫންގެ ސީރަތުގެ އަލީގައި ވިސްނުން ހިންގާއިރު އިސްލާމްދީނުގައިވާ ސަރުކާރު ހިންގުމުގެ ނިޒާމަކީ ރަސްކަމެއް ނޫނެވެ. އެމީހެއްގެ އަތުގައި ހުރިހައި އިޚްތިޔާރުތަކަކާއި ބާރުތަކެއް އޮވެފައި ސަރުކާރުގެ ޚަޒާނާ އެމީހެއްގެ އަމިއްލަ މިލްކަކަށްހަދައި އެމީހެއްގެ އާއިލާއިން ވެރިކަން ވާރުތަ ކުރަމުން އަންނަ ގޮތަށް ރޭވި ހަމަޖެހިފައިވާ ރަސްކަމަކީ އިސްލާމީވެރިކަމެއް ނޫނެވެ. ޝައްކެއްނެތެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ޝަރީއަތާއިގެން ވަޑައިގެންނެވުމުގެ ކުރީން ދުނިޔެއިން ވަނީ އެފަދަ ނިޒާމުތައް ފެނިފައެވެ. ނަމަވެސް މުޙައްމަދީ ޝަރީއަތްވަނީ އޭގެ ކުރީގެ ޝަރީއަތްތައް މަންސޫޚުކޮށްފައެވެ. އިސްލާމީ ވެރިކަމުގެ ނިޒޒާމަކީ މުސެލީނީ އާއި ހިޓުލަރު ނަމޫނާ ދައްކައިފައިވާ ފަދަ ޑިކްޓޭޓަރޝިޕެއއް ވެސް ނޫނެވެ. އަރަބި ދުނިޔޭގައި ސައްދާމު ހުސައިނާއި މުއައްމަރުލް ގައްޒޒާފީ ހިންގެވި ފަދަ އެކެއްގެ މުށުތެރޭގައި ހުރިހައިބާރެއް އޮންނަ ނިޒާމެއް ވެސް ނޫނެވެ. ފޭޝިޒަމެއް ނުވަތަ ކޮމިޔުނިޒަމެއްވެސް ނޫނެވެ. މާކްސް އާއި ލެނިން ނަމޫނާ ދައްކައިފައިވާ ކޮމިއުނިޒަމާއި ސޯޝަލިޒަމުގެ ނިޒާމު ފަދަ ދީނާއި އަޚްލާޤީ ހުރިހާ ތަސައްވުރަކާ ޚިލާފު ނިޒާމެއްވެސް ނޫނެވެ. ހަމައެފަދައިން އިސްލާމީ ނިޒާމަކީ ސިކިއުލަރ ޖުމްހޫރިއްޔަތެއް ވެސް ނޫނެވެ. ލާދީނީ ޖުމްހޫރިއްޔަތުގައި ދީނީ ތަސައްވުރެއް ނޯވެއެވެ. ޤާނޫނުގެ މަންބަޢެއްކަމުގައި ބަލަނީ އާއްމުން ބޭނުންވާގޮތެކެވެ. ދީނާ ޚިލާފުވިޔަސް އަޚްލާގާ ފުށުއެރިޔަސް ފަރުވާލެއްނެތެވެ. ޝައްކެއްނެތެވެ. ސިޔާސަތުގެ އިސްލާމީ ނިޒާމަކީ ޖުމްހުރިއްޔަތާ ތިމާގެ ކަމެއްހުރި ނިޒާމެކެވެ. ނަމަވެސް އެއީ ޔޫރަޕުގައި އާއްމުވެފައި މި އޮންނަ ޒާތުގެ ޖުމްހޫރީ ނިޒާމެއް ނޫނެވެ. އިސްލާމީ ނިޒާމުގައި ބަޔަކު ކިތަންމެ ބޭނުންވި ކަމުގައިވިޔަސް ދީނނާއި އަޚްލާޤީއަގުތަކާ ވަޑިފަތިވާ ޤާނޫނެއް ނެހެދޭނެއެވެ.