ބަޣާވާތް ކޮށްފާނެ ކަމުގެ ބިރަށް ސައުދީ ވަލީއަހުދު އެގައުމުގެ ސިފައިން ކުށްލި ހާލަތަށް ގެނެސްފިއެވެ.
ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެގައުމުގެ ސިފައިން ކުށްލި ހާލަތަށް ގެނެސްފައި މިވަނީ ސައުދީ ޝާހީ އާއިލާގެ ބަޔަކު ވަލީއަހުދުގެ ބާރުތަކުން ވަކިކުރުމަށް ބަޣާވާތެއް ރާވަމުންދާކަމުގެ އަޑުތައް ފެތުރެން ފެށުމުންނެވެ.
ސައުދީގެ ގިނައަދަދެއްގެ ސިފައިން މިހާރުވަނީ ރިޔާދުގެ އިރާއި ހުޅަނގުގެ ސަރަހައްދު ތަކަށް ޖަމާކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިހާރު ގެންދަވަނީ ޖީ-20 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އާޖެންޓީނާއަށް ވަޑައިގެންފައެވެ.
ވަލީއަހުދު ގެންނެވި މިބަދަލަކީ ގައުމުން ބޭރުގައި ހުންނަވަނިކޮށް ޝާހީ އާއިލާގެ ބައެއް ބޭފުޅުން ގެންނަން ނިންމާފައިވާ ބަޣާވާތުން ރައްކާތެރިވުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް އަރަބި މީޑިއާތަކުން ބުނެއެވެ.
ވަލީއަހުދާ ދެކޮޅަށް ބަޣާވާތް ކުރަން އުޅޭކަން ހާމަވެފައި ވަނީ ޝާހީ އާއިލާގެ ބޭފުޅަކު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވަލީއަހުދު ސަލްމާންގެ ބާރުތައް ވަކިކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ބުނުމުންނެވެ. އަދި ހާއްސަކޮށް ޖަރުމަނުގައި ދިރިއުޅުއްވާ ވަލީއަހުދު ހާލިދު ބިން ފަރްހާން އަލްސައުދް މީޑިއާއަކަށް ދެއްވާފައިވާ އިންޓަވިއުއެއްގައި އެގައުމުގެ ޝާހީ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުކިއުމާއި ގުޅިގެންނެވެ.
އަނިޔާވެރިކޮށް މަރާލައިފައިވާ ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ ފަހަތުގައި އެންމެ އިސްކޮށް ހުރީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ތުހުމަތު ކުރެވޭއިރު، އެކަމުގެ ސަބަބުން ޝާހީ ވެރިކަމުގައި ލައްގަނޑެއް ޖެހިފައިވާ ކަމަށް ޝާހީ އާއިލާގެ ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. ނަމަވެސް ވަލީއަހުދު ސަލްމާން މަގާމުން ދުރުކުރުމަށް އެތަކެއް ހުރަހެއް ވަނީ ކުރިމަތިވެފައެވެ.