މިނިސްޓްރީ އޮފް ކޮމިނިއުކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ

ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު 435 މުވައްޒަފަކަށް ހަަމަޖައްސައިދީފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަަވަޅެއްގެ ގޮތުން ސަރުކާރު ބަންދު ކުރުމުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް 435 މުވައްޒަފަކަށް މިހާތަނަށް ހަމަޖައްސައިދީފައިވާ ކަމަށާއި ހާލަތު ރަނގަޅު ނުވާނަމަ އިތުރު މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަމުން ގެންދަވާނެ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ވިދާޅުވެއްޖެއެވެ.

"ވަން" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހް ވިދާޅުވީ ސަރުކާރުގެ އޮފީސްތައް ބަންދުކުރި ނަމަވެސް ރައްޔިތުން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް ބުރޫ އެރިޔަ ނުދިނުމަށްޓަކައި އެމިނިސްޓްރީގެ ފަރާތުން އެކުލަވާލި އައިޓީ ޓާސްކް ފޯހުން ބުރަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ.

މަލީހު ވިދާޅުވީ އިއްޔެ އާންމު ކުރި ހިސާބުތަކަކީ ކޮންމެހެން ހިދުމަތްތައް ދޭން ޖެހޭ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ ތެރެއިން މިވަގުތަށް ހަމަޖެއްސި އަދަދު ކަމަށެވެ. ކުރިއަށް އޮތްތާނގައި އިތުރު މުވައްޒަފުންނަށް މިހިދުމަތް ދިނުމަށް އައިޓީ ޓާސްކް ފޯސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ މިހާލަތު އިތުރު ދުވަސްތަކަށް ދިގުދެމިގެންދާ ނަމަ އަދި އިތުރު މުވައްޒަފުންނަށް ގޭގައި ތިބެގެން ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް. އަޅުގަނޑުމެންގެ އައީޓީ ޓާސްކް ފޯސްއިން އެކަމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންދަނީ" މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ ކުރިން ސަރުކާރުގެ ލިޔެކިޔުން ބަދަލުކުރާ ގަވަމަންޓް އީ-ލެޓަމެނޭޖްމަންޓް ސިސްޓަމް (ޖެމް)، ބޭނުން ކުރެވެނީ ސަރުކާރުގެ އޮފީސް ތަކުގައި އެކަނި ކަމަށެވެ. ނަމަވެސް މިގެނެވުނު ބަލާއި ގުޅިގެން ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ގޭގައި ތިބެގެން ކުރެވޭނެ ކަމަށެވެ.

ކޮމިޔުނިކޭޝަން މިނިސްޓްރީން އިއްޔެ އާންމު ކުރި ހިސާބުތަކަށް ބަލާއިރު މިހާތަނަށް މާލޭގެ 34 އިދާރާއެއްގެ 73 މުވައްޒަފަކާއި ހަތް ސްކޫލެއްގެ މުވައްޒަފުންނަށް ވަނީ އެކްސެސް ދީފަ އެވެ. މީގެ އިތުރުން، 26 ކައުންސިލް އިދާރާއެއްގެ 41 މުވައްޒަފަކަށް ގޭގައި ތިބެގެން ލިޔެކިޔުން ބަދަލުކުރުމަށް އެކްސެސް ދީފައިވެއެވެ.

ދައުލަތުގެ އިދާރާތަކުގެ ހިދުމަތްތައް މެދުނުކެނޑި ކުރިޔަށް ގެންދިއުމަށްޓަކައި އެ މިނިސްޓްރީން އައިޓީ ޓާސްކް ފޯހެއް އެކުލަވާލީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ.