ޚަބަރު

ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގަައި ގެސްޓްހައުސް ވިޔަފާރިއަށް 28.9 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ

އަލީ ޔާމިން

ކުރިއަށް އޮތް ހަމަ މަސް ދުވަހުގެ ތެރޭގަައި ގެސްޓްހައުސް ވިޔަފާރިއަށް 28.9 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް)އިން ބުނެފިއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތަކަށް ކުރަމުންދާ އަސަރުތަކާއި އެ ނޫންވެސް ބައެއް ކަންކަން ދެނެގަތުމަށް އެ އެސޯސިއޭޝަނުން ވަނީ ސާވޭއެއް ކުރިއަށް ގެންގޮސްފައެވެ.

އެ ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގައި ހިންގަމުން އަންނަ ގިނަ ގެސްޓްހައުސްތަކަކީ ލޯނު ނަގައިގެން ފަށާފައިވާ ވިޔަފާރިތަކަށް ވުމާއި ބިމު ކުލީގެ ގޮތުގައި ބޮޑު އަދަދެއް ހޭދަކުރަމުން އަންނަ ތަންތަންތަން ކަމަށް ޖީއޭއެމް އިން ބުނެ އެވެ.

ޖީއޭއެމްއިން ބުނީ ގެސްޓްހައުސްތަކަށް ލިބޭ އާމްދަނީގެ 26 އިންސައްތައަކީ ސަރުކާރަށް ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ކަމަށާއި 56 އިންސައްތަ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ހަރަދުތަކަށް ހޭދަވާ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތަކުން ރާއްޖެއަށް ދަތުރުތައް ކުރުން ހުއްޓާލުމާއި، ޔޫރަޕުގެ ބައެއް ގައުމުތަކާއި ޗައިނާ ފަދަ ގައުމުތައް ލޮކްޑައުންކުރުމާއިި ރާއްޖޭގެ ގެސްޓްހައުސްތަކަށް މީހުން އައުން ސަރުކާރުން މަނާކުރުމާއެކު ގެސްޓްހައުސްގެ ވިޔަފާރި މުޅިންހެން ހުއްޓިފައިވާ ކަމަށް ޖީއޭއެމްއިން ބުނެއެވެ.

މީގެ އިތުރުން ޖީއޭއެމްއިން ބުނީ ކޮވިޑް 19ގެ ހާލަތުގައިވެސް ސަރުކާރަށް ދައްކަން ޖެހޭ ޓެކްސްތަކާއި އެހެނިހެން ބިލްތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި ގެސްޓްހައުސްގެ ވިޔަފާރި މިހާރު އޮތް ހާލަތުން އަރައިގަނެވޭނެ ދުވަހެއް އަންދާޒާ ނުކުރެވޭ ކަމަށާއި ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި އެކަނިވެސް ގެސްޓްހައުސް ވިޔަފާރިއަށް ގާތްގަނޑަކަށް 28.9 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ސާވޭއިން ދައްކާ ކަމަށެވެ.

ގެސްޓްހައުސް ވިޔަފާރިއަކީ އެ ވިޔަފާރިއެއް ހިންގާ ރަށްތަކުގެ މުޖުތަމައަށް ސީދާގޮތުންނާއި ނުސީދާގޮތުން ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ވިޔަފާރިއެއް ކަމަށާއި އެ ސިނާއަތުން ލިބޭ މަންފާވެސް ބެހިގެން ދަނީ އެ މުޖުތަމަށް ކަމަށް ޖީއޭއެމް އިން ފާހަގަކޮށްފައި ވެއެވެ. ކޮވިޑް19 އިން އަރައިގަނެ، ގެސްޓްހައުސްތައް އަލުން ވިޔަފާރީގެ ތެރެޔަށް ވަދެ މަސައްކަތް ފަށައިގަންނަން ޖެހޭނީ ސުމަކުން ކަންވެސް ޖީއޭއެމްގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ޖީއޭއެމްއިން ބުނީ ކޮވިޑް 19އާ ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް މަރުހަބާކިޔާ ކަމަށާއި ވިޔަފާރިތަކަށް ލިބޭ މާލީ ގެއްލުމަށްވުރެ އާންމުންގެ ފުރާނަ މާ މުހިންމު ކަމަށެވެ. އަދި ހަމަ އެހެންމެ ގެސްޓްހައުސް ވިޔަފާރި ހުއްޓުނަ ނުދިނުމަށްޓަކައި ސަރުކާރު ތެރެއިންނާއި އެހީދޭ އެހެނިހެން ޖަމާއަތްތަކުގެ އެހީތެރިކަން ވެސް މި ވަގުތު ގެސްޓްހައުސް އިންޑަސްޓްރީއަށް ބޮޑުކަން މި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.