ދުނިޔެ

ޗައިނާގައި ބޭއްވި މެރަތަންއެއްގައި 200 އަށްވުރެން ގިނަމީހުން މަކަރުހަދައިފި

މުހައްމަދު އައުޒަމް

ޗައިނާގެ ޝެންޒެންގައި މިމަހުގެ 25 ވަނަދުވަހު ބޭއްވި ހާފް މެރަތަންގައި 200އަށްވުރެ ގިނަމީހުން މަކަރުހެދިކަން ފަޅާއަރައިފިއެވެ.

މެރަތަން އިންތިޒާމްކުރި ފަރާތްތަކަށް ވަނީ 258 ދުވުންތެރިން މަކަރު ހަދާފައިވާކަމަށް ފާހަގަކުރެވިފައެވެ. މިދުވުންތެރިންގެ ތެރެއިން ބައެއް މީހުން ވަނީ މެރަތަންގައި ދުވަން ހަމަޖެހިފައިވާ ރޫޓު ބަދަލުކޮށް ޝޯޓްކަޓް ނަގާފައެވެ. އަދި ބައެއް ދުވުންތެރިން ވަނީ ބަދަލުގައި އެހެން މީހުން ބައިވެރި ކޮށްފައެވެ.

ގިނަ ބަޔަކު މަކަރުހެދިކަން ފާހަގަކުރެވުމުން މެރަތަން އިންތިޒާމްކުރި ފަރާތްތަކުން ވަނީ މިމައްސަލަ ތަހުގީގު ކޮށްފައެވެ. މަގުމަތީގައި ހަރުކޮށްފައިވާ ޓްރެފިކް ކެމެރާތަކުގެ ވީޑިއޯ ފޫޓޭޖް ބެލިބެލުމުން ވަނީ އެތައްބަޔަކު މަކަރުހެދިކަން ފަޅާއަރާފައެވެ. ދުވުންތެރިންތަކެއް ޝޯޓްކަޓް ނެގިކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. އަދި އެއް ބިޕެއްގައި ދެ ދުވުންތެރިން ދުވިކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ.

ވީޑިއޯ ފޫޓޭޖް ބެލިބެލުމުން ވަނީ އެތައްބައެއްގެ މަކަރުހެދުން ފަޅާއަރާފައި

ވީޑިއޯ ފޫޓޭޖުން ފާހަގަކުރެވުނު ފަރާތްތަކަށް ވަނީ ފިޔަވަޅުއަޅާފައެވެ. އެގޮތުން އެއް ބިބް ނަންބަރެއްގައި ދުވި ދުވުންތެރިން ވަނީ މުޅި އުމުރަށް މިމެރަތަން އިން ސަސްޕެންޑްކޮށްފައެވެ. އަދި މަކަރު ހެދިކަން ފަޅާއެރި 237 ދުވުންތެރިން ވަނީ ދެ އަހަރު ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.