ރިޕޯޓް

އާންމު ކުލާހެއްގައި ތިބޭ މޫހަބު (ގިފްޓަޑް) ކުދިން ސަމާލުކަން ނުދޭކަމަށް ފެންނަނީ ކީއްވެ؟ (ދެވަނަ ބައި)

ފާޠިމަތު ސަރީރާ ޢަލީ ޝަރީފް

(03 މާޗްގެ އަދަދާއި ގުޅޭ)

ނޯޓު: އިނގެރޭސި ބަހުގެ "ގިފްޓަޑް" (gifted) މި ލަފުޒުގެ ބަދަލުގައި މި ލިޔުމުގައި ބޭނުންކުރާނޭ ދިވެހި ލަފުޒެއް ހޯދުމަށް ކުރެވުނު މަސައްކަތުން، "ގިފްޓަޑް" މި ލަފުޒުގެ ފުރިހަމަ މާނަ ނެރެވޭ ދިވެހި ލަފުޒެއް އޮތްކަމަށް ނުފެނުމުން، ޢަރަބި ބަހުގެ "މައުހޫބް" (موهوب) މި ލަފުޒު ބޭނުންކުރަން ނިންމީ، ފޭސްބުކުގައި "ބަސްޖަގަހަ" އޮޅީގައި ކުރެވުނު މަޝްވަރާތަކަށް ފަހު، "މައުހޫބް" މި ލަފްޒަކީ ވެސް ދިވެހި ލަފުޒަކަށް ނުވިނަމަވެސް، "ގިފްޓަޑް" މި ލަފުޒަށް ވުރެ ދިވެހި އަޑުތަކާ ގާތް، އަދި ފަސޭހައިން ދިވެހި އަޑުތަކަށް ފައްތައިލެވިދާނޭ ލަފުޒެއްކަމަށް ވާތީ، ޢަރަބި ބަހުގެ "މައުހޫބް" ދިވެހިކޮށްލައިގެން، "މޫހަބު" މި ގޮތަށް، ކިޔާލަން ފަސޭހަ ގޮތަކަށް ލިޔުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް ގަބޫލުކުރެވޭތީއެވެ. ކިޔުންތެރީންގެ ފާޑުކިއުމަށް މަރުހަބާއެވެ.

***************************************************************

މޫހަބު (ގިފްޓަޑް) ކުދިންނާ މެދު އާންމުކޮށް ގަބޫލުކުރެވިފައި އޮންނަ ކަމެއް އޮވެއެވެ. އެއީ، އެ ކުދިންނަކީ ކުލާހުގައި އާދަޔާ ޚިލާފަށް ސަމާލުކަން ދޭ، ޓީޗަރު ބުނާ ކޮންމެ ވާހަކައެއް ކަނުލައި އަޑުއަހާ، ގޭގައި ހަދަން ދޭ ފިލާވަޅުތައް ވެސް އެއްވެސް މައްސަލައެއް ނެތި ނިންމައިލާ ކުދިބައެއް ކަމެވެ. އެހެންނަމަވެސް، މިއީ ހުރިހައި މޫހަބު ކުދިންގެ ކިބައިން ފެންނަ ކަންތައްތަކެއް ނޫނެވެ. ތެދެކެވެ. މޫހަބު ކުދިންގެ ތެރޭގައި އެ ފަދަ ކުދިންވެސް ތިބެއެވެ. އެހެންނަމަވެސް، ޙަޤީޤަތަކީ ވަރަށް ގިނަ މޫހަބު ކުދިންގެ ކިބައިން މިއާ ދިމާ އިދިކޮޅު އުޅުން ވެސް ފެންނަ ކަމެވެ. ކުލާހުގައި ސަމާލުކަން ނުދިނުމާއި، ގެއަށް ދޭ މަސައްކަތް ނުނިންމުމާއި، މަސައްކަތް ނިންމުމަށް ފަހު ވެސް ޓީޗަރާ ހަވާލު ނުކުރުމަކީ މި ކުދިންގެ ކިބައިން ފެނިދާނެ ކަންކަމެވެ. ގިނަ ފަހަރު މި ކުދިން ސައިކޮލޮޖިސްޓަކާ ހަމައަށް ގެންދެވެނީ ވެސް ދައްކާ ވާހަކަ "އަޑު ނާހާތީ"، ނުވަތަ "ބަސް ނާހާތީ"، ނުވަތަ "ރުޅި ގަދަކަމުން"، ނުވަތަ ސްކޫލުގައި ފިލާވަޅަށް "ސަމާލުކަން ނުދޭތީ"، ނުވަތަ "އެއް ތާކު ހިމޭނުން ނީނދެވޭތީ"، އެހެން ކުދިންނާ "ތަފާތު"ކަމެއް ޓީޗަރުންނަށް ފާހަގަކުރެވޭތީ ސްކޫލުގެ ފަރާތުން އެކަމަށް އެދިގެންނެވެ.

މޫހަބުކަމަކީ އެއްކޮޅުން ބޮޑު ރަހުމަތަކަށް ވާއިރު، އަނެއް ކޮޅުން އެ ކަމުގެ ސަބަބުން ކުއްޖާއަށް ނުހަނު ގިނަ އުނދަގޫތަކާ ވެސް ކުރިމަތިލާން ޖެހިދާ ކަމެކެވެ. އުމުރާ ގުޅޭ ގޮތަށް ތައްޔާރުކުރެވިފައި ހުންނަ ފިލާވަޅުތަކަކީ އެ ކުދިން ޝައުޤުވެރިކުރުވަނިވި ފިލާވަޅުތަކަކަށް ނުވެ ހިނގައިދާނެއެވެ. އާދަޔާ ޚިލާފަށް ހަކަތަވެރި މި ކުދިންނަށް ޖާގަ އޮތް ތަނަކަށް ނުކުމެވިއްޖެ ނަމަ، ކޮންޓްރޯލުން ނެއްޓިގެން ދުވަން ބޭނުންވެދާނެއެވެ. ކުޅިވަރުތައް ކުޅުމުގައި ހުންނަ ގަވައިދުތައް ވެސް މި ކުދިން ވަރަށް އަވަހަށް ދަސްކޮށްފާނެއެވެ. އެހެނަސް ހަމަ އެހައި އަވަހަށް އެ ގަވައިދުތައް މަތީން ފޫހިވެ، މުޅީން އައު ގަވައިދުތަކެއް އަމިއްލައަށް ހަދަން ބޭނުންވެދާނެއެވެ. މިކަމަކީ އެހެން ކުދީންނަށް ބަލައިގަނެވޭ ކަމަކަށް ނުވެހިނގައިދާނެއެވެ. މި ހުންނަނީ ޓީޗަރުންނަށް ފަސޭހަ ކަންކަމަށް ނުވެހިނގައިދާނެ ކަންކަމެވެ.

ކުރިންވެސް ދެންނެވުނު ފަދައިން، މޫހަބުކަމަކީ އެ ކަމުގެ ސަބަބުން ކުއްޖާއަށް ފަހި ފުރުސަތުތަކެއްގެ އިތުރުން އުނދަގޫތަކެއް ވެސް ކުރިމަތިކުރުވަފާނެ ކަމެކެވެ.

ސަމާލުކަން ދިނުމުގައި މޫހަބު ކުދިންނަށް އުނދަގޫވަނީ ކީއްވެ؟

އާންމު ގޮތެއްގައި ސްކޫލަށް ދާން ފަށާއިރު މި ކުދިންނަކީ ސަމާލުކަން ނުދޭ ކުދިންނެއް ނޫނެވެ. ގިނަ ފަހަރު މި ކުދިން ޕްރީ-ސްކޫލަށް ދާން ފަށަނީ ކަންކަން ބަލައިހޯދައި ދަސްކުރުމުގެ ޝައުގުވެރިކަން ބޮޑު ކުދިންތަކެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ގިނަ ފަހަރު ޕްރީ-ސްކޫލުގައި ކިޔަވައިދެނީ މި ކުދިންނަށް ކުރީއްސުރެ ވެސް އެނގޭ އެއްޗެއްސެވެ.

ގިނަ މޫހަބު ކުދިންނަކީ ވަރަށް ޅަފަތުގައި ލިޔަންކިޔަން ދަސްކުރާ ކުދިބައެކެވެ. އެހެންކަމުން ގްރޭޑް-3 ގެ ފެންވަރުގައި ފޮތް ކިޔާ، އުމުރުން ގާތްގަނޑަކަށް 5 އަހަރުގެ މޫހަބު ކުއްޖަކު ޕްރީ-ސްކޫލަށް ގޮސް، ހަފްތާއެއް ވާންދެން "ހަފްތާގެ އަކުރު"އަށް ސަމާލުކަން ދީގެން އިންނާންވެއްޖެ ނަމަ އެ ކުއްޖާއަށް އެކަން ވާނީ ވަރަށް ބޮޑު ތަކުލީފަކަށެވެ.

އާންމު ކުލާހެއްގައި ތިބޭ ގިނަ ކުދިންނަކީ އެވަރެޖް ކުދިންކަމުގައި ވާތީ، ކިޔަވައިދިނުން ބައްޓަންކުރެވިފައި އާންމުކޮށް ހުންނަނީ އެ ކުދިންގެ ކިޔެވުމަށް ބޭނުންވާނޭ ކަންކަމަށް އަމާޒުކުރެވިގެންނެވެ. ހަފްތާއެއް ވާންދެން ތަފާތު ހަރަކާތްތަކުގެ ތެރެއިން އެންމެ އަކުރެއް ކިޔަވައިދެނީ އެހެންވެގެންނެވެ.

އެހެންނަމަވެސް، ސްކޫލަށް ދާން ފަށާއިރު އެއްގޮތަކަށް ވެސް ލިޔަންކިޔަން ނޭނގުނުކަމުގައި ވިޔަސް، އަދި "ހަފްތާގެ އަކުރު" މި ފެންނަނީ މުޅިން އަލަށް ކަމުގައި ވިޔަސް، އެހެން ކުދިންނަށް ވުރެ މާ އަވަހަށް މޫހަބު ކުދިން ދަސްކުރެއެވެ. އެވަރެޖް ކުދިންނަށް ދަސްކުރުމަށް ނުވަ ފަހަރާއި ބާރަ ފަހަރާ ދެމެދުގެ އަދަދަކަށް ތަކުރާރުކުރުން ބޭނުންވާއިރު، ތޫނުފިލި ކުދިންނަށް ބޭނުންވަނީ ހަ ފަހަރާއި އަށް ފަހަރާ ދެމެދުގެ ތަކުރާރުކުރުމެކެވެ. އަދި މޫހަބު ކުދިންނަށް ބޭނުންވަނީ އެންމެ ފަހަރެއް ނުވަތަ ދެ ފަހަރެއްގެ ތަކުރާރުކުރުމެކެވެ. އެހެންކަމުން، ސްކޫލަށް ދާން ފަށާއިރު ލިޔަންކިޔަން އެއްގޮތަކަށް ވެސް ނުދަންނަ މޫހަބު ކުއްޖާއަށް ވެސް ހަފްތާއެއް ވާންދެން އެންމެ އަކުރަކަށް ސަމާލުކަން ދީގެން އިނުން ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ.

ކުލާހުގައި ނަގައިދޭ ފިލާވަޅުގައި ކުދިންނަށް އާ އެއްވެސް ކަމެއް ނުހިމެނޭ ނަމަ، ވަރަށް ގިނަ ފަހަރު ކުލާހުގައި އެ ވަގުތަކު ނަގައިދޭ ފިލާވަޅަކަށް ވުރެ ޝައުޤުވެރި އެހެން ކޮންމެވެސް ކަމަކާ ދިމާއަށް ކުދިންގެ ވިސްނުން ސޮއްސައިލައެވެ. މިއީ ޓީޗަރުން ވަރަށް ރަނގަޅަށް ދަންނަ ކަމެކެވެ. މިއަކީ ވަކި މޫހަބު ކުއްޖަކަށް ވީތީ ވާ ގޮތެއް ނޫނެވެ. މިއީ ހަމަ ކޮންމެ ކުއްޖަކަށް ވެސް ވާ ގޮތެކެވެ. އެހެންނަމަވެސް، މޫހަބު ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ އާދަޔާ ޚިލާފަށް ޚިޔާލު ތަނަވަސް ކުދިބައެއްކަމުން މި ކުދިންނަށް މިކަން ދީމާވާލެއް އެހެން ކުދިންނަށް ވުރެ ގިނަކަމަށް ވެއެވެ. އެހެންކަމުން، ކިޔަވައިދޭ ފިލާވަޅުގައި ކުއްޖާގެ ޝައުޤުވެރިކަން ދަމައިގަންނަ ފަދަ އާ ކަމެއް ނެތް ނަމަ، ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން، ބޭރަށް ކުޅެން ދެވޭނެ ނަމައޭ ހިތަށް އަރައިގެން އިންނަ ފަދަ ގޮތަކަށް ވެސް މި ފަދަ ކުއްޖަކު އިނދެދާނެއެވެ.

އެ ކުއްޖާ އެ އިންނަނީ އެހެން ހިތަށް އަރައިގެންކަމަށް ވެސް ވެދާނެއެވެ. އެހެންނަމަވެސް، އެ ކުއްޖާގެ ވިސްނުމުގައި އެނބުރެނީ މުޅީން އެހެން ޚިޔާލުތަކެއްކަމަށް ވުން ވެސް އެކަށީގެންވެއެވެ. ބޭރުގައި އެތިބަ ދޫނިތަކަށް އުދުހެވެނީ ކީއްވެގެންބާއެވެ؟ ނުވަތަ ގަހުން ވެއްޓޭ ފަތްތައް އެހެން ދިމާއަކަށް ނުގޮސް ބިންމައްޗަށް ވެއްޓެނީ ކީއްވެގެންބާއެވެ؟ އެ ކުއްޖާގެ ސިކުނޑީގައި އެނބުރެނީ މި ފަދަ ސުވާލުތަކަށް ވުންވެސް އެކަށީގެންވެއެވެ.

ސަމާލުކަން ނުދެވުމާއި ގިނަކަންކަމާ އެއްފަހަރާ އުޅެވުން.

މޫހަބު ކުދިންގެ ކިބައިން ފެންނަ އެންމެ ހައިރާންކުރުވަނިވި އެއް ކަމަކީ، އެއްވެސް ސަމާލުކަމެއް ނުދީ އިންކަމަށް ފެނުނުނަމަވެސް، ޓީޗަރު އެ ބުނެދިން ފިލާވަޅަކާ ގުޅޭ ގޮތުން އެ ކުއްޖަކާ ސުވާލެއް ކޮށްފިނަމަ، ވަރަށް ގިނަ ފަހަރު އެއްވެސް ދަތިކަމެއް ނެތި އެ ސުވާލަކަށް ޖަވާބު ދޭ ކަމެވެ. މި ކަމުން އެނގެނީ، އެތައް ބައިވަރު ކަންކަމާ ވިސްނަމުން ވެސް، އިތުރު ކަންކަމާ އުޅެމުން ވެސް، ކުލާހުގައި ހިނގާ ކަންކަމަށް އެ ކުދިން ދޭ ކުޑަކުޑަ ސަމާލުކަމަކުން ވެސް ފިލާވަޅުން ދޭހަވާންޖެހޭ އެއްޗެއް ނަގައިގަތުމަކީ އެ ކުދިންނަށް މާކަ އުނދަގޫ ކަމެއް ނޫން ކަމެވެ. އެހެންނަމަވެސް، ކުއްޖާ އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިންލެއް ބޮޑުކަމުން ޓީޗަރު ބުނެދިން އެއްޗެއް އެއްވެސް މިންވަރަކަށް މޭރުން ނުވެ، އަދި ކުއްޖާގެ ނަމުން ގޮވައިލުމުން ވެސް އަޑުނީވިދިއުމަކީ ވެސް މި ކުދިންނަށް ދިމާވާ ކަމެކެވެ.

މިހެން ދިމާވާ ނަމަ ކުއްޖާ ކިޔެވުމަށް އެއްވެސް ޝައުޤުވެރިކަމެއް ނުހުންނަނީކަމަށް ވެސް ޓީޗަރަށް ހީވެދާނެއެވެ. އެކަމަކު ގިނަ ފަހަރު ޙަޤީޤަތް އޮންނަނީ މިއާ ދިމާ އިދިކޮޅަށެވެ. މޫހަބު ކުދިންނަކީ އާ ކަންކަން ދަސްކުރަން އާދަޔާ ޚިލާފު ބޮޑު ޝައުޤުވެރިކަމެއް ހުންނަ ކުދިބައެކެވެ. އެހެންނަމަވެސް، ކުލާހުގައި ކިޔަވައިދެމުންދާ ފިލާވަޅަކީ އެ ކުދިންނަށް އެނގިފައި ހުރި ކަންކަންކަމަށް ވާނަމަ، އެ ކުދިންގެ ސިކުނޑިއަށް އެއީ "ފިލާވަޅަކަށް" ނުފުދެއެވެ. އެހެންކަމުން، ފިލާވަޅުން އަލަށް ދަސްވާ އެއްޗެއް ނެތިއްޖެ ނަމަ، އަމިއްލަ ޚިޔާލީ ދުނިޔެއަކަށް ގެނބުމަކީ މޫހަބު ކުދީންނަށް ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ.

ތިބާގެ ދަރިފުޅަކީ މޫހަބު (ގިފްޓަޑް) ކުއްޖެއް ނަމަ އެ ދަރިފުޅަށް އެހީތެރިވެދެވޭނީ ކިހިނެއް؟

ތިބާގެ ދަރިފުޅަކީ މޫހަބު ކުއްޖެއްކަމަށް ކަމާ ބެހޭ މާހިރުން ނިންމާފައިވާ ނަމަ، އެ ދަރިފުޅަށް ކިޔަވައިދިނުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހުމަކީ ވަރަށް ގާތް ކަމެކެވެ. އަދި ތިބާގެ ދަރިފުޅަކީ މި ފަދަ ޚާއްޞަ އެހީތެރިކަމަކަށް ބޭނުންވާ ކުއްޖެއް ނަމަ، ސުކޫލުގައި މި ފަދަ ކުދިންގެ ކަންކަން ބަލައްޓަން ތިބޭ ޚާއްޞަ ޓީޗަރުންނާއި، ކުއްޖާއަށް ކިޔަވައިދޭ ޓީޗަރުންނާ މަޝްވަރާކޮށްގެން، އެ ފަރާތްތަކާއެކު ޚާއްޞަ މަސައްކަތްތަކެއް ކުރުމަކީ ދަރިފުޅަށްޓަކައި ތިބާ ކުރަންޖެހޭ ކަމެކެވެ.

މޫހަބު ކުދިންނަށް އެކަށީގެންވާ މިންވަރަށް "ފިލާވަޅަކަށް" ވާ މިންވަރުގެ ފިލާވަޅެއް ނަގައިދެވޭ ނަމަ ސަމާލުކަން ދިނުމަކަށް އެ ކުދިންނަކަށް ދައްޗެއް ނޫނެވެ. އެވަރެޖް ކުދިންނަށް އަމާޒުކޮށްގެން ތައްޔާރުކުރާ ފިލާވަޅުގައި މޫހަބު ކުއްޖާގެ ސިކުނޑިއަށް ފުދޭ މިންވަރުގެ ފިލާވަޅެއް ހިމެނިފައި ނެތިދާނެކަމަށްޓަކައި، އެ ފިލާވަޅަކާ ގުޅޭ އިތުރު މަޢުލޫމާތު ގެނެސްދިނުން، ނުވަތަ ހަމަ އެ މަޢުލޫމާތު ވެސް ތަފާތު ގޮތްގޮތަށް ހުށަހެޅުން، ނުވަތަ ކުއްޖާގެ ދިރިއުޅުމުގެ ކަންކަމާއި ކުއްޖާގެ ޚާއްޞަ ޝައުޤުވެރިކަން ހުންނަ ކަންކަމާ އެ މަޢުލޫމާތު ގުޅޭ ގޮތް ސާފުވާނޭހެން ކިޔަވައިދިނުމަކީ ކުދިންގެ ސަމާލުކަން ހޯދައި، ޝައުޤުވެރިކަން ހިފެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންކަމެކެވެ.

ދަސްކުރުމުގައި އެކި ކަހަލަ އުނދަގޫތައް ހުރުމުގެ ސަބަބުންނާއި، އެކިއެކި ސަބަބުތަކާ ހުރެ ފިލާވަޅަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ފިލާވަޅުން ބޭރަށް އަމިއްލަ ޚިޔާލީ ދުނިޔެއަކަށް ކުދިން ގެއްލޭކަމީ ގިނަ ޓީޗަރުން ދަންނަ ކަމެކެވެ. އެހެންނަމަވެސް، މޫހަބު ކުދިންގެ ޚާއްޞިޔަތާއި އެ ކުދިންގެ ޚާއްޞަ ބޭނުންތަކަށް ރަނގަޅަށް ހޭލުންތެރިވެފައި ނުތިބޭ ބައެއް ޓީޗަރުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ، މި ފަދަ ކުދިންގެ ތެރޭގައި ފިލާވަޅު ރަނގަޅަށް ދޭހަވުމުގެ އިތުރުން، ފިލާވަޅުން ދަސްވާނޭ އައު އެއްޗެއް ނެތިގެން، ފިލާވަޅަށް ސަމާލުކަން ނުދެވުމުގެ ސަބަބުން އަމިއްލަ ޚިޔާލީ ދުނިޔެއަކަށް ގެއްލޭ ކުދިން ވެސް ތިބޭކަން ނޭނގުމެވެ. ކުއްޖާއަށް ބޭނުންވާ އެހީތެރިކަމަކީ ކޮބައިކަން ދެނެގަނެވޭނީ އެ ކުއްޖާއަށް ދިމާވާ "މައްސަލަ"އިގެ ވަށައިގެން ހުރި ސަބަބު/ތައް ރަނގަޅަށް ދެނެގަނެވިގެންނެވެ.

ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ޓީޗަރުންގެ ފަރާތުން ހޯދުމަށްޓަކައި ބެލެނިވެރިޔާ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުއްޖާގެ ޚާއްޞަ ބޭނުންތަކާ ބެހޭ ގޮތުން ޓީޗަރާ ވާހަކަދެއްކުމެވެ. ގިނަ ޓީޗަރުން އެ މީހުން ކިޔަވައިދޭ ކުދިންނަށް އެންމެ ރަނގަޅު ގޮތް ވާން އެދެއެވެ. އެ ޓީޗަރަކު ކިޔަވައިދޭ ދަރިވަރުން މޮޅުވެ ކުރިއަރައިދާން އެދެއެވެ. އެ ދަރިވަރުންގެ ކުރިއެރުމަކީ އެ ޓީޗަރުންގެ ކާމިޔާބީއާއި ފަޚުރުކަމުގައި ދެކެއެވެ. އަދި ކިޔަވައިދޭ ފިލާވަޅުން ހާސިލުކޮށްދޭން ބޭނުންވާ މިންވަރު ކުދިންނަށް ހާސިލުނުވާނަމަ، އެއީ އެ ޓީޗަރަކު ފޭލުވުންކަމުގައި ދެކޭ ޓީޗަރުންވެސް މަދެއް ނޫނެވެ.

ކަން މިހެން އޮތް އިރު، ޓީޗަރާ ވާހަކަދައްކާއިރު "ފޫހިވުން"، "މޫހަބު" މި ލަފްޒުތައް ބޭނުންކުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުވެދާނެއެވެ. ކުލާހުގައި ކުއްޖާ ފޫހިވަނީކަމަށް ބެލެނިވެރިއަކު ބުނުމުން ޓީޗަރު ހިތްހަމަނުޖެހުން ގާތެވެ. އެހެނީ، ގިނަ ޓީޗަރުންނަކީ ކުދިންނަށް ކިޔަވައިދިނުމަށްޓަކައި ގިނަ ތައްޔާރީތަކެއް ވެ، ބުރަ މަސައްކަތްތަކެއް ކުރާ ބައެކެވެ.
ކުއްޖާ ފޫހިވަނީކަމަށް ބުނުމުން އެއީ ޓީޗަރުގެ ޤާބިލުކަމަށް ކިޔޭ ފާޑެއްކަމަށް ވެސް ޓީޗަރަށް ވިސްނިދާނެއެވެ. އަދި ތިބާގެ ދަރިފުޅަކީ މޫހަބު ކުއްޖެއްކަމަށް ޓީޗަރުގެ ގާތުގައި ބުނާއިރު، އެ ޓީޗަރަށް އެކަން ގަބޫލުނުކުރެވޭ ނަމަ، ތިބާގެ ދަރިފުޅުގެ ޤާބިލުކަމާއި ފެންވަރު ތިބާއަށް އޮޅިގެން އުޅެނީކަމަށް ވެސް ޓީޗަރު ހީކޮށްފާނެއެވެ.

ކުއްޖާއަކީ މޫހަބު ކުއްޖެއްކަމަށް ޓީޗަރުގެ ގާތުގައި ބުނުމުން ކުއްޖާގެ ޚާއްޞަ ބޭނުންތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އާންމުކޮށް ގިނަ މޫހަބު ކުދިންގެ ކިބައިގައި ހުންނަ ކަންކަމަށް ސަމާލުކަން ދެވޭ ގޮތް ވެއެވެ. އަދި ކުއްޖާ ކުލާހުގައި ފޫހިވަނީކަމަށް ބުނެފި ނަމަ ޓީޗަރުގެ ޤާބިލުކަމާ ގުޅޭ ކަންކަމަށް ސަމާލުކަން ދެވޭ ގޮތް ވެއެވެ.

އެހެންކަމުން، ތިބާގެ ދަރިފުޅަކީ މޫހަބު ކުއްޖެއްކަމަށް، ނުވަތަ ކުއްޖާ ކުލާހުގައި ފޫހިވަނީކަމަށް ޓީޗަރުގެ ގާތުގައި ބުނުމުގެ ބަދަލުގައި، ކުއްޖާގެ ބޭނުންތަކާ މެދު ވާހަކަދައްކައިގެން، ޓީޗަރާއެކު މަސައްކަތްކޮށްގެން އެ ބޭނުންތައް ފުއްދައިދެވޭނެ ގޮތްގޮތް ހޯދިދާނެއެވެ.

ނިންމުން.

ގިނަ މޫހަބު ކުދިންނަކީ އާންމުކޮށް ހީކުރެވިފައި އޮންނަ ގޮތަށް، ހުރިހައި ކަމަކުން ފަހި ދިރިއުޅުމެއް ލިބިފައިވާ، ހުރިހައި ކަމަކަށް އެއް ވަރަކަށް ކުޅަދާނަ ކުދިބައެއް ކަމަކަށް ނުވެއެވެ. އޭގެ ތެރެއިން ގިނަ ކުދިންނަކީ އެ ކުދިންނަށް ލިބިފައިވާ މޫހަބުކަމެއްގެ ސަބަބުން ގިނަ އުނދަގޫތަކަކާއެކު ދިރިއުޅޭ ކުދިބައެކެވެ. ކުލާހުގައި ފިލާވަޅަށް ސަމާލުކަން ދޭން ދަތިވުމުގައި މި އުނދަގޫތަކުގެ ދައުރު ވެސް އޮވެއެވެ. އެހެންނަމަވެސް، އެ ކުދިންގެ ސަމާލުކަން ހޯދައި، އެ ސަމާލުކަން ހިފެހެއްޓުމަށްޓަކައި، އެ ކުދިންނަށް "ފިލާވަޅަކަށް" ފުދޭ މިންވަރަށް، ޝައުޤުވެރިކުރުވަނިވި އައު ކަންތައްތަކާއި މަޢުލޫމާތު ހިމެނިއްޖެ ނަމަ އެ ފިލާވަޅަކަށް އެ ކުދިންގެ ސަމާލުކަން ވެސް ހޯދެއެވެ.

މޫހަބު ކުދިންނަކީ މާ ގިނަ ބަޔަކަށް ނުވާތީ، އެ ފަދަ ކުއްޖެއްގެ ޙަޔާތުގައި ބައިވެރިވެލަން ލިބުމަކީ ކޮންމެކޮންމެ ދުވަހަކު ކޮންމެކޮންމެ މީހަކަށް ލިބޭ ފުރުޞަތެއް ނޫނެވެ. މޫހަބު ކުއްޖަކަށް ކިޔަވައިދޭން ލިބޭ ދުވަސްކޮޅަކީ ކޮންމެ ބެލެނިވެރިއަކާއި ޓީޗަރަކަށް ވެސް ލިބޭ ވަރަށް ނާދިރު ފުރުޞަތެކެވެ. މި ފުރުޞަތުގެ ބޭނުން ރަނގަޅަށް ހިފައި، އާންމު ކުލާހެއްގައި އިންނަ މި ފަދަ ކުއްޖެއްގެ ޝައުޤުވެރިކަން ހޯދައިގެން، އެ ކުއްޖާގެ ސަމާލުކަން ހިފަހައްޓައިގެން އެ ކުއްޖާއަށް ކިޔަވައިދެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ގިނަ ޓީޗަރުން ދެކެއެވެ. މޫހަބު ކުދިންނަށް ކިޔަވައިދޭން ލިބޭ ޓީޗަރުންގެ ފުށުން އާދަޔާ ޚިލާފު ބޮޑު އުފާވެރިކަމަކާއި ހިތްހަމަޖެހުމެއް ފެންނަ އެއް ސަބަބަކީ ވެސް މިއީކަމަށް ވެއެވެ.

ބެލެނިވެރިންނާއި ޓީޗަރުންވެސް ހަނދާނުގައި ބަހައްޓަންވީ އެންމެ މުހިންމު އެއް ކަމަކީ ހުރިހައި ކުދިން ހުރިހައި ކަމަކަށް އެއްވަރަކަށް ކުޅަދާނަ ނުވާނޭކަމެވެ. އަދި، ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަމެވެ. އެކި ކުދިންނަށް ދަސްކުރެވެނީ އެކި ގޮތަށް، އެކި މިންވަރަށް ކަމެވެ. އެކި ކުދިންނަށް އެކި ކަންކަން އުނގެނުމުގެ ކުޅަދާނަކަން ލިބިފައި ވަނީ ވެސް އެކި މިންވަރަށް ކަމެވެ.
ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއްކަން ދަނެގެން، ހަމަ އެންމެ ކުއްޖަކު ވެސް ބާކީ ނުކޮށް، ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ކުޅަދާނަކަން ތަންދޭ ދާއިރާއަކުން ނުވަތަ ދާއިރާތަކަކުން ކިޔަވައިދެވޭކަން ކަށަވަރުކޮށް، އެ ކުއްޖެއްގެ ކުޅަދާނަކަން ތަންދޭ އެންމެ ރަނގަޅު ހިސާބަކަށް ކޮންމެ ކުއްޖަކު ވެސް ގެންގޮސްދިނުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަކީ ހަމަ ކޮންމެ ބެލެނިވެރިއަކާއި ކޮންމެ ޓީޗަރެއްގެ މައްޗަށް ވެސް އޮތް ނުހަނު ބޮޑު ޒިންމާއެކެވެ.


މި ލިޔުމުގެ ފުރަތަމަ ބައި.

https://oneonline.mv/22358 މަޢުލޫމާތު.

Azzam, A. (n.d.). Six Strategies for Challenging Gifted Learners. ASCD Education Update, 58(4). Retrieved March 10, 2020, from EducationUpdate: http://www.ascd.org/publications/newsletters/education-update/apr16/vol58/num04/Six-Strategies-for-Challenging-Gifted-Learners.aspx Bright Hub Education. (n.d.). Retrieved March 10, 2020, from Bright Hub Education: https://www.brighthubeducation.com/teaching-gifted-students/64963-differentiated-instruction-to-reach-gifted-learners-in-the-mainstream-classroom/ Cicerchia, M. (n.d.). Touch-type Read. Retrieved from https://www.readandspell.com/gifted-children-problems Cummins, D. (2014, 7 15). Psychology Today. Retrieved from Psychology Today: https://www.psychologytoday.com/us/blog/good-thinking/201407/the-problem-being-gifted National Association for Gifted Children. (n.d.). Retrieved March 10, 2020, from National Association for Gifted Children: https://www.nagc.org/resources-publications/resources/supporting-gifted-children Palmer, D. (2011, 12 26). Psychology Today. Retrieved from Psychology Today: https://www.psychologytoday.com/us/blog/gifted-kids/201112/gifted-kids-learning-problems Smutny, J. F. (2000, May). Hoagies' Gifted Education Page. Retrieved March 02, 2020, from Hoagies' Gifted Education Page: https://www.hoagiesgifted.org/eric/e595.html