މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ)

އިންތިޚާބީ ލީޑާޝިޕަށް ނޫނީ ގައުމީ ޖަލްސާއެއް ނުބޭއްވޭނެ، ނިންމުންތައް ވެސް ބާތިލުވާނެ: ވައްޑޭ

އިންތިޚާބީ ލީޑާޝިޕަށް ނޫނީ ޕީޕީއެމްގެ ގައުމީ ޖަލްސާއެއް ނުބޭއްވޭނެ ކަމަށާއި އެފަދަ ޖަލްސާއަކުން ނިންމާ ނިންމުންތައް ވެސް ބާތިލުވާނެ ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ވައްޑޭ މިހެން ވިދާޅުވި އިރު، ޚާއްސަ ގޮތުން ބާއްވާ ޕީޕީއެމްގެ ގައުމީ ޖަލްސާއެއް އަންނަ ހުކުރު އަދި ހޮނިހިރުގައި އޮންނާނެ ކަމަށް އެ ޕާޓީން ވަނީ އިއުލާނުކޮށްފަ އެވެ.

"ވަން" އަށް ދެއްވި އިންޓިވައުއެެއްގައި ވައްޑޭ މިއަދު ވިދާޅުވީ ގައުމީ ޖަލްސާއެއް ބާއްވަން މިހާރު މަސައްކަތް އެކުރަނީ އިންތިޚާބީ ލީޑަޝިޕަކުން ނޫން ކަމަށާއި އެ ޖަލްސާ ސައްހަ ނުވާނެ ކަމަށެވެ. މިހާރު ޕާޓީ ހިންގަން އިސްވެ އެތިބި މީހުން ވަނީ ޕާޓީގެ ޝަޚުސު ވަރަށް ބޮޑަށް އޮޅުވައިލައިފައި ކަމަށް ވައްޑޭ ވިދާޅުވި އެވެ.

"ޕާޓީގެ އެއްވެސް ކަމެއް ނިންމުމުގެ ބާރު ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން މުޝްތަޝާރަކަށް ނޯންނާނެ. ސިވިލް ކޯޓުން ކުރި ހުކުމުން ވެސް އެފަދަ ބާރުތަކެއް ދީފައެއް ނޯންނާނެ." ވައްޑޭ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަކީ ޕާޓީގެ ނައިބު ރައީސެއް ނޫން ކަމަށެވެ. ޕާޓީގެ އިންތިޚާބީ ރައީސް، ރައީސް މައުމޫން ވަނީ އަދުރޭ ނައިބު ރައީސް ކަމުން ވަކިކުރައްވާފައި ކަމަށް ވެސް ވައްޑޭ ވިދާޅުވި އެވެ.

ވައްޑޭ ވިދާޅުވީ މިހާރު ބާއްވަން އުޅޭ ގައުމީ ޖަލްސާ ހުއްޓުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ގާނޫނީ އިމުގެ ތެރެއިން ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ އާންމު މެންބަރުން އެދޭ ފަދައިން އެ ޕާޓީ އަލުން އަނބުރައި ޕާޓީގެ އިންތިޚާބީ ރައީސްގެ އަތްޕުޅު މައްޗަށް ލިބިގެން ދާނޭ ކަމަށެވެ.