ޚަބަރު

ލަންކާއިން އަންނަން ބޭނުންވާ ދިވެހިންނަށް ފްލައިޓެއް ބާއްވަނީ

އައިދާ އަބްދުލް ހަކީމް

އަވަށްޓެރި ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން އަނބުރާ ރާއްޖެއަށް އަންނަން ބޭނުންވެ ނާދެވިފައި ތިބި މީހުނަށް ހާއްސަކޮށް އިނަ މޯލްޑިވްސް ހޮލިޑޭސް އިން ރާއްޖެއަށް ފްލައިޓެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ސްރީލަންކަން އެއާލައިންގެ ޖެނެރަލް ސޭލްސް އެޖެންޓްސް ކަމަށްވާ އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު "ވަން" އަށް ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ލަންކާގައި ތިބި ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ގައުމަށް އަންނަން ބޭނުންވެ އެކަމަށް އެދެމުންދާތީ، މިމަހުގެ 27 ވަނަ ދުވަހު ޗާޓަރު ފްލައިޓެއް ބާއްވަން ދިވެހި ސަރުކާރާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ.

"ވަރަށް ގިނަ ބަޔަކު އެދެމުން އެބަދޭ ރާއްޖެ އަންނަން ބޭނުންވެގެން. އަޅުގަނޑުމެން މި ބަލަނީ 27ގައި ފްލައިޓު ބާއްވަން. މި ފްލައިޓު ބާއްވާނެ އަގެއް އަދި ނުނިންމަން، ޗާޓަ ފްލައިޓެއްވީމަ ޑިމާންޑް އޮންނަ ވަރަށް ބަލައި އަޅުގަނޑުމެން އަގެއް ހަމަޖައްސާނީ" ފިރާގު ވިދާޅުވި އެވެ.

ފިރާގް ވިދާޅުވީ އަންނަން ބޭނުންވާ ދިވެހިން އެކުންފުނީގެ ނަންބަރު 3336886 އަށް ގުޅުއްވުމުން ނަން ނޯޓުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރިދާނެ ކަމުގެ ބިރަށް ދިވެހި ސަރުކާރުން ވަނީ ބޭރުން އަންނަ ޓޫރިސްޓުން ފިޔަވައި އެހެން އެންމެން 14 ދުވަހުގެ ކަރަންޓީނަކަށް ދާން ޖެހޭ ގޮތަށް ހަމަޖައްސާފަ އެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސްރީލަންކާގައިވެސް ކޮވިޑް19 ހަލުވިކަމާއިއެކު ފެތުރެމުންދާތީ އެގައުމުގައި ވަނީ ކާފިއު އިއުލާނުކޮށްފައެވެ.