ނުރައްކާތެރި ކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން، މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ނުބާއްވަން ނިިންމައިފިއެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މާދަމާ އަކީ މިއަހަރުގެ ޝަހީދުންގެ ދުވަސް ކަމަށާއި ނަަމަވެސް ކޮވިޑް 19ގެ ސަބަބުން މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ނުބާއްވަން ނިންމާފައިވާ ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ، ރާއްޖޭގައި އެންމެ ފުރަތަމަ ޝަހީދުންގެ ދުވަސް ފާހަގަކުރީ 1 ޝައުބާން 1400 \ގައި ކަމަށެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ގައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބްތާލުންގެ ހިދުމަތްތަކުގެ ހަނދާންކޮށް، އެ އަބްތާލުންގެ ޒިކުރާ އާކުރުމަށެވެ. ޝަހީދުންގެ ދުވަސް ނިސްބަތްވަނީ އިސްލާމްދީނާއި ގައުމުގެ ދިފާއުގައި ޕޯޗްގީޒުންނާ ހަނގުރާމަކުރައްވައި، އަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ.
އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއްވަނަ ދުވަހެވެ.
އައްސުލްތާނު އަލީ ހަ ވަނަ ސިރީ އައުދަ ސިއާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އަލިރަސްގެފާނު ޝަހީދުކުރި އިރު ރަސްކަމުގެ މުއްދަތަކީ ދެ މަހާއި 15 ދުވަހެވެ. އެރަސްކަލުން ރަސްކަމަށް އިސްވެވަޑައިގަތީ މީގެ 463 އަހަރު ކުރިން، މީލާދީން 1،558 ވަނަ އަހަރުއެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުއެވެ.