ދުނިޔެ

ކޮވިޑްް 19 : ތިން ހަފުތާއަށް ޔޫކޭ ލޮކްޑައުން ކޮށްފި

މަރިޔަމް ޝަހުދާ

ކޮވިޑްް 19ގެ ސަބަބުން ތިން ހަފުތާއަށް ޔޫކޭ ވެސް ލޮކްޑައުން ކޮށްފިއެވެ.

އިއްޔެއިން ފެށިގެން ޔޫކޭ ލޮކްޑައުންއަށް ގެންނަން ނިންމާފައިވާކަން އިއުލާނު ކުަރއްވާފައިވަނީ އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އެވެ. ކޮންމެހެން ބޭނުންވާ ވިޔަފާރި ނޫން އެހެން ހުރިހާ ވިޔަފާރިތަކެއް ވެސް މި ތިން ހަފުތާގައި ބަންދު ކުރުމަށް ބޮރިސް އެންގެވި ކަމަށް އެންބީސީ ނިއުސްގައި ރިޕޯޓު ކޮށްފައި ވެއެވެ.

އެގޮތުން ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ބޮރިސް އެންގެވީ އެގައުމުގެ ރައްޔިތުން ގޭގައި ތިބުމަށެވެ.

ޔޫކޭގައި ހަލުވި ކަމާއެކު ކޮވިޑް 19 ފެތުރެމުންދާ އިރު، ލޮކްޑައުން ދުވަސްވަރު ސަރުކާރުން އަންގާ ގޮތަށް އާންމުން އަމަލު ކުރޭތޯ ފުލުހުން ބަލާނެ ކަމަށް އެންބީސީނިއުސް ގައި ޔޫކޭ ސަރުކާރާއި ހަވާލާދީ ބުނެފައިވެއެވެ. އަދި އެގައުމުގެ ފުލުހުންގެ އެހީތެރިކަމާއެކު ބޭރަށް ނިކުމެ އުޅޭ މީހުން މަދު ކުރުމަށް މަސައްކަތް ކުރަމުން ގެންދަނީ ކޮވިޑް 19 ޖެހޭ މީހުންގެ އަދަދު މަދު ކުރުމުގެ ގޮތުން ކަމަށް އެންބީސީނިއުސްގައި ރިޕޯޓު ކޮށްފައިވެއެވެ.

އެގައުމު ފުލް ލޮކްޑައުން އަކަށް ދިޔަ ނަމަވެސް ކާބޯތަކެތި ފަދަ އާންމު ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ އެއްޗެހި ގަތުމަށް، ސިއްހީ އެހީތެރިކަން ހޯދުމަށް، ބޭނުންޖެހިފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަދި ކޮންމެހެން މަސައްކަތަށް ނިކުންނަން ޖެހޭ މީހުން މަސައްކަތަށް ދިއުމަށް ބޭރަށް ނިކުތުމުގެ ހުއްދަ އޮންނާނެ ކަމަށް އެންބީސީ ނިއުސްގައި ރިޕޯޓު ކޮށްފައި ވެއެވެ.

މީގެ އިތުރުން މި ދުވަސްވަރު ބޭއްވުމަށް ހަމަޖައްސާފައިވާ ކައިވެނިތަކާއި އެހެނިހެން މީހުން އެއްވެ އުޅޭ އެކި ހަރަކާތްތައް މަޑު ޖައްސާލުމަށް ޔޫކޭ ސަރުކާރުން އަންގާފައިވާ ކަމަށް އެންބީސީ ނިއުސްގައި ރިޕޯޓުކޮށްފައި ވެއެވެ.

ޔޫކޭއިން އިއްޔެއާއި ހަމައަށް ކޮވިޑް 19 އަށް ޖުމުލަ 5687 މީހަކު ޕޮސިޓިވްވެފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެއެވެ. އަދި އެ ގައުމުން މި ބަލީގައި މަރުވެފައިވަނީ 281 މީހުން ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެއެވެ.