ދުނިޔެ

ކޮވިޑް 19 : ލަންކާގައި ކާފިއު ހުކުރު ދުވަހުގެ ހެނދުނު 06:00 އާއި ހަމަޔަށް އިތުރުކޮށްފި

އަލީ ޔާމިން

ކޮވިޑް 19 ފެތުރުން ކޮންޓްރޯލު ކުރުމަށް އަވަށްޓެރި ސްރީލަންކާގެ ހުރިހާ ސަރަހައްދަކަށް މިމަހު 20ގައި އިއުލާނުކުރި ކާފިއުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

ލަންކާއިން އެގައުމުގެ ކޮލޮމްބޯ، ގަމަޕަހާ އަދި ޕަތުލާމްގެ ކާފިއު އަންގާރަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް އިތުރުކުރީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

ނަމަވެސް ލަންކާ ސަރުކާރުން ބުނީ، އަންގާރަ ދުވަހުގެ މެންދުރު 12:00އިން ފެށިގެން ކޮލޮމްބޯ، ގަމަޕަހާ އަދި ޕަތުލާމްގެ ކާފިއު މިމަހުގެ 27ވާ ހުކުރު ދުވަހުގެ ހެނދުނު 06:00 އާއި ހަމަޔަށް އިތުރުކޮށްފައިވާ ކަމަށެވެ.

ލަންކާގައި ކާފިއު އިއުލާނު ކޮށްފައިވާ މުއްދަތުގައި އެގައުމުގައި ދިރިއުޅޭ ދިވެހިން ސަރުކާރުގެ އިރުޝާދުތަކަށް ސަމާލުވުމަށް އެގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުން އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.