އައިލެންޑް އޭވިއޭޝަން

އެހީތެރިކަން ބޭނުން ވެއްޖެ ހާލަތެއްގައި ގައުމީ އެއާލައިން އޮތީ ތައްޔާރަށް: ރިޒްވީ

އައިދާ އަބްދުލް ހަކީމް

ކޮވިޑް19 އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ މި ދަތި އުނދަގޫ ހާލަތުގައި އެހީތެރިކަން ބޭނުން ވެއްޖެ ހިނދެއްގައި، ގައުމަށް ހިދުމަތް ކޮށްދިނުމަށް އައިލެންޑް އޭވިއޭޝަން ސާވިސް އޮތީ ތައްޔާރަށް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

ރިޒްވީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުލަތުގެ ކަމާއިބެހޭ އިދާރާތަކުން އެހީތެރިކަން ބޭނުން ވެއްޖެ ހާލަތެއްގައި އެކުންފުނިން އޮޕަރޭޓު ކުރާ ކާގޯ ފްލައިޓުތަކާއި މުވައްޒަފުން ތިބީ އެކަމަށް ތައްޔާރީ ހާލަތުގައި ކަމަށެވެ. އެކުންފުންޏާ އެކު މަސައްކަތް ކުރާ ރާއްޖޭގެ އެހެން އެއާލައިންތަކުން ވެސް އެކަމަށް ތައްޔާރަށް ތިބި ކަމަށް ރިޒްވީ ވިދާޅުވިއެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ކުރިއަށް އޮތީ ދަތި ދުވަސްތަކެއް ކަމަށް ދުނިޔޭގެ ސައްހަތު ޖަމިއްޔާ އިން ވެސް ވަނީ ބުނެފައެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި އެބަލި ފެތުރެން ފެށުމާއި ގުޅިގެން ރާއްޖެއަށް އާންމުކޮށް ފްލައިޓްތައް އަންނަ ގައުމުތަކުން ވަނީ އެގައުމުތަކުގައި އެބަލި ފެތުރެމުން ދާތީ އެއާޕޯޓްތައް ބަންދުކޮށްފައެވެ. މީގެ ތެރޭގައި ރާއްޖޭގެ އެންމެ އަވަށްޓެރި ދެ ގައުމު ކަމުގައިވާ އިންޑިއާ އާއި ސްރީލަންކާ ވެސް ހިމެނެވެ.