އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 45

އަބްދުﷲ ފާރޫގް ހަސަން

9

(21 މާޗްގެ އަދަދާއި ގުޅޭ)

"ނޫނެކެވެ. އަހަރެމެންނަށް އޭނާއާ ބައިވެރިނުވެ ހެދޭނެގޮތެއް ނޯންނާނެއެވެ. އޭނާގެ ބައްޕާފުޅަކީ އަހަރެމެންގެ މުޙުސިނެއްކަމުގައި ނުވިޔަސް އަހަރެމެންނަކަށް އޭނާގެ އަމުރުފުޅަކާ ދެކޮޅެއް ނެހެދޭނެއެވެ."

مثــنّـى بــن حــارثـــة رضى اللّـه عنــه އީރާނުގެ ފިލައިގެންދިޔަ ލަޝްކަރުގެ ފަހަތުން އެބައިމީހުން ފައްސަވަމުން އެތައް ކޯހެއްގެ ދުރަށް ވަޑައިގެންނެވިއެވެ. އެއަށްފަހު ފުރާތުކޯރުގެ އައްސޭރީގައިހުރި އީރާނުގެ އަމީރެއްގެ ދެކިއްލާއެއް ފަތަޙަކުރެއްވިއެވެ. އެކަލޭގެފާނު ލަޝްކަރާއިގެން ވަޑައިގެން މަޑުކުރެއްވީ މަޒާރުގައެވެ. ޤާރަންގެ ލަޝްކަރުގެ ކުރިމަތީގައެވެ.

މުސްލިމުންގެ ލަޝްކަރުގެ ދެންތިބި ސިފައިންނާއެކު خــالــد بــن الـوليـد رضـى اللّـه عنـــه އޭރު ހުންނެވީ ޙުފައިރުގައެވެ. ޤާރަން ޔަޤީންކުރައްވައިގެން ހުންނެވީ މުސްލިމުންގެ މުޅިލަޝްކަރު މަޒާރަށް ޖަމާނުވަނީސް مثــنّـى بــن حــارثـــة رضى اللّـه عنــه އެކަލޭގެފާނުގެ ކުޑަކުޑަ ލަޝްކަރާއިގެން ފާރިސީންނާ ހަނގުރާމަ ނުފައްޓަވާނެކަމުގައެވެ. އީރާނުގެ ބައެއް އޮފިސަރުންގެ ޚިޔާލަކީ ވީހައިވެސް އަވަހަކަށް مثــنّـى އާ ދިމާކުރުމެވެ. ނަމަވެސް ޤާރަން` ވިދާޅުވިއެވެ. "އަހަރެމެންނަށް ކުޑަދުވަސްކޮޅަކު ހަނގުރާމަ ނުފަށައި ލަސްކޮށްލެވިއްޖެނަމަ ޢިރާޤުގެ ހުރިހައި ޤަބީލާތަކެއް އަހަރެމެންގެ ދިދައިގެދަށަށް ޖަމާވެދާނެއެވެ. އޭރުން އަހަރެމެންނަށް ކުޑަވެސް އުނދަގުލަކާނުލައި ދުޝްމިނުން ދެކުނުފަރާތުގެ ސަހަރާތަކާ ދިމާޔަށް ފައްސައިލެވިދާނެއެވެ. ހަނގުރާމަ ނުފަށައިތިބޭ ކޮންމެހިނދުކޮޅަކީވެސް އަހަރެމެންގެ ބާރު އިތުރުވަމުންދާނެ ވަގުތުކޮޅެކެވެ. ނަމަވެސް ދުޝްމިނުންނަކަށް އެކަމުގެ އެއްވެސް ފައިދާއެއް ނުލިބޭނެއެވެ. އެހެނީ މުސްލިމުންނަށް މަދަދު ހޯދޭނެ ސަރަޙައްދުތައްހުރީ މިހިސާބާ މާދުރުގައެވެ."

ވޭތުވެދިޔަ ހަނގުރާމަތަކުން ނުކުމެފައިވަނީ އީރާނީން ހީވެސްނުކުރާކަހަލަ ނަތީޖާތަކެކެވެ. އެހެންކަމުން އީރާނުގެ ބިންވެރީންގެ ލޯތައްވަނީ ހުޅުވިފައެވެ. ޢަރަބި ދަނޑުވެރީންގެ އެއްބާރުލުން ހޯދުމަށްޓަކައި އެބައިމީހުން ގެންދަނީ ޢަރަބި ދަނޑުވެރީންގެ ހިތްތަކަށް އެކިގޮތްގޮތުން ދަހިވެތިކަން ވެއްދޭތޯ މަސައްކަތްކުރަމުންނެވެ. ނަމަވެސް ވޭތުވެދިޔަތާނގައި ލިބިފައިވާ ހިތި ތަޖުރިބާތަކުގެ ސަބަބުން އީރާނުގެ ބިންވެރީންގެ ވަޢުދުތަކަށް އިތުބާރުކުރުމަކީ ޢަރަބި ދަނޑުވެރީންނަށް މާފަސޭހަކަމެއްކަމަކަށެއް ނުވެއެވެ.

އެކަމަކު ޢަރަބި ދަނޑުވެރީން މުސްތަޤްބަލާމެދު ގަންނަ ބިރު އެބައިމީހުންނަށް މަޖުބޫރުކުރުވަމުން ގެންދިޔައީ އީރާނުގެ ބިންވެރީންގެ ރުހުން ހޯދާށެވެ. އީރާނު މީހުން މުސްލިމުން ބަލިކުރުމަށްފަހު ހަނގުރާމައިގައި ވަކިއަތަކަށްނުޖެހިތިބި މީހުންނަށް މާފެއް ނުކުރާނެކަން ޢަރަބި ދަނޑުވެރީންނަށް ކަށަވަރުވެއެވެ. ޢަރަބި ދަނޑުވެރީންނަށް އެބައިމީހުންގެ މުސްތަޤްބަލު މުސްލިމުންނާ ގުޅުވޭފަދަ މަރުޙަލާއަކަށް އަދިއެއް ހަނގުރާމަ ކުރިޔަކަށް ނުދެއެވެ. އެހެންކަމުން މުސްލިމުން ކައިރިން ދުށުމުގެ ފުރުޞަތު ލިބިފައިނުވާ ޢަރަބި ޤަބީލާތައް ރުހުމާއި ނުރުހުމުގައި ދިޔައީ އީރާނާ ބައިވެރިވަމުންނެވެ.

ޢީރާޤުގެ ރައްޔިތުންގެ ތެރޭގައި އީރާނުގެ ބިރުގެންނެވުމަކާ ނުވަތަ ދަހިވެތިކުރުވުމަކާނުލައި މުސްލިމުންނާ ހަނގުރާމަޔަށް ނެރެވޭންތިބި ބަޔަކީ ކްރިސްޓިޔަން ޤަބީލާތަކެވެ. މުސްލިމުންނާ ޢަދާވަތްތެރިވުމުގައި ކްރިސްޓިޔަން ރާހިބުންނާއި ފާދަރީން ތިބީ މަޖޫސީ ކާހިނުންނަށްވުރެ ފަހަތަކު ނޫނެވެ. އެހެންކަމުން އީރާނުގެ ލަޝްކަރުގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދިޔަ ނިސްބަތަށް ބަލާއިރު ދެތިންހަތަރު ހަފްތާއަކަށް ހަނގުރާމަ ލަސްކޮށްލެވުނަސް ފާރިސީ ލަޝްކަރުގެ ޢަދަދު އިތުރުވެ މުސްލިމުން އެބައިމީހުންގެ ސަލާމަތްއޮތީ ފިލައިގެންދިޔުމުގައި ކަމަށް ދެކޭނެކަމުގައި ޤާރަނަށް ހީފުޅުވުމަކީ ޠަބީޢީ ކަމެކެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ޤާރަން އޭނާގެ އޮފިސަރުންގެ ބަޔަކާއެކު އޭނާގެ ކޭމްޕުގެ ބޭރުގައި ކޯރުގެ އައްސޭރީގައި ހިންގަވަހިންގަވައި ހުންނެވިއެވެ. އެބޭފުޅުންގެ ތެރޭގައި އީރާނުގެ ޝާހީ ޢާއިލާގައި ހިމެނިވަޑައިގަންނަވާ ދެރަސްދަރިކަލަކުވެސް ތިއްބެވިއެވެ.

ކުއްލިޔަކަށް ކޯރުގެ އަނެއްފަރާތުން އަސްތަކެއްގެ ފިޔަވަޅުގެ އަޑުއިވޭން ފަށައިފިއެވެ. އެފަރާތުން ދުޝްމިނުންގެ ޙަމަލައެއް އައުމުގެ އެއްވެސް ނުރައްކަލެއް އޮތްކަމަކަށް ލަފާކުރެވިފައެއްނެތެވެ. ނަމަވެސް ފާލަން ޙިމާޔަތްކުރަން ޙަވާލުކުރެވިފައިތިބި ސިފައިން އެބައިމީހުންގެ ލޮންސިތަކާއި ކަނޑިތަކާއި، ދުނިދަނޑިތައް އަތްމަތިކޮށްލިއެވެ. ގާތްގަނޑަކަށް ސަތޭކަފަންސާހެއްހައި އަސްވާރުން ހިރަފުސް ބުރުވަމުންއައިސް ފާލަމާ ކައިރީގައި މަޑުކޮށްލައިފިއެވެ. ބުރުސޫރަ ރީތި ޒުވާނެއް އަސްވާރުންނާ ވަކިވެގެން ކުރިޔަށްއައިސް ފާލަމުގެ ފާރަވެރީންނާ ވާހަކަދައްކަން ފަށައިފިއެވެ. ފާރަވެރީން އެ ޒުވާނާއަށް ތަންދީފިއެވެ. ޒުވާނާ އޭނާގެ އެކުވެރީންނަށް އަތުގެ އިޝާރާތުން މަޑުކޮށްލަން އަންގައިފައި ފާލަން ހުރަސްކޮށްފިއެވެ. އޭނާ ދިޔައީ ސީދާ ޤާރަން އަރިހަށެވެ. އޭނާ އަސްމަތީން ފުންމައިލައިފައި ވަރަށް އަދަބުވެރިކަމާއެކު ސަލާމްކޮށްފައި ދެންނެވިއެވެ. "އަޅުގަނޑުގެ ނަމަކީ ޒަރުބަޚުތެވެ. އަޅުގަނޑުގެ ބައްޕާފުޅަކީ قبــاد އެވެ."

ޤާރަން ހިނިފުޅު ވަޑުވައިލެއްވިއެވެ. "އަޅުގަނޑަށް އެނގެއެވެ. ކަލާގެ ޒަޚަމް ފަސޭހަވީތީ އަޅުގަނޑު އުފާކުރަމެވެ. ކަލާ ގެންނެވީ ކިތައް މީހުންތޯއެވެ؟"

ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "އަޅުގަނޑާއެކު އައީ ސަތޭކަފަންސާސް އަސްވާރުންނެވެ. ފައިމަގުގައި ހަނގުރާމަކުރާ ދުއިސައްތަވަރަކަށް މީހުން އަޅުގަނޑުމެންގެ ފަހަތުން އެބައާދެއެވެ. އެބައިމީހުންނަށްވެސް މާދަމާ މިހިސާބަށް އާދެވޭނެއެވެ. އަޅުގަނޑުގެ އެކުވެރީން ކޭމްޕަށް ގެންދަން މަނިކުފާނު އަމުރުފުޅު ބޭނުންވެއެވެ."

ޤާރަން އޮފިސަރަކަށް އެންގެވިއެވެ. "އެބައިމީހުން ކޭމްޕަށް ގެންދާށެވެ!"

އޮފިސަރު ދިއުމުން ޤާރަން ޒަރުބަޚުތާ މުޚާޠަބުކުރެއްވިއެވެ. "ކަލާގެ ބައްޕަ އުޅުއްވަނީ އާލާސްކަންފުޅާ ނޫންތޯއެވެ؟ މިހާރު އޭނާގެ ހާލުކޮޅަކީ ކޮބައިތޯއެވެ؟"

ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "ސާހިބާއެވެ! ބައްޕާފުޅުގެ ޙާލުކޮޅު އަދިވެސް ރަނގަޅެއް ނޫނެވެ. ނަމަވެސް މަނިކުފާނު ފަތަޙަ ހޯއްދަވާ ޚަބަރު ލިބިވަޑައިގަންނަވާއިރަށް ބައްޕާފުޅަށް ފަސޭހަފުޅު ވެދާނެއެވެ."

އީރާނުގެ ރަސްމަތިފުށުގެ ބޭފުޅެއްކަމުގައިވާ އަނޫޝްޖާން ސުވާލުކުރެއްވިއެވެ. "ކަލާ ފުދޭވަރަކަށް މީހުން ގެންނަވައިފީމުއެވެ. މިއީ ހައްތާވެސް ޢަރަބީންތޯއެވެ؟"

"އާދޭހެވެ!"

"ޢަރަބި ދަނޑުވެރީންނާމެދު ތިޔަބޭފުޅުން ކަންތައް ބަހައްޓަވާގޮތް ވަރަށް ރަނގަޅުކަމުގައި ހީވެއެވެ."

ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "މިއީ ހުސްއެކަނި އަޅުގަނޑުމެންގެ ދަނޑުވެރީންނެއް ނޫނެވެ. މީގެތެރެއިން ދެބައިކުޅައެއްބަޔަށްވުރެ ގިނައީ އަވަށްޓެރި އެހެނިހެން ބިންވެރީންގެ ދަނޑުތަކުގައި މަސައްކަތްކުރާ މީހުންނެވެ. އަޅުގަނޑުމެންގެ ދަނޑުތަކުގައި މަސައްކަތްކުރާ މީހުން ސިފައިންގެ ތެރެއަށް ވެއްދުމަށްފަހު އަޅުގަނޑު ކައިރި ހިސާބުހިސާބަށްވެސް ބުރެއްޖަހައިލީމެވެ. އަދި ދުވަސްކޮޅަކު މަސައްކަތްކުރެވޭގޮތްވިނަމަ އިތުރު އެތައްހާސްބަޔަކު އަޅުގަނޑާ ބައިވެރިވީސްކަން ކަށަވަރެވެ. އަޅުގަނޑުމެންގެ އަވަށްޓެރި ބިންވެރީން ހީފުޅުކުރައްވައިގެން ތިއްބެވީ އެބޭފުޅުންގެ ދަނޑުވެރީން ރުހުމުގައި ހަނގުރާމައިގައި ބައިވެރިނުވާނެކަމުގައެވެ. ނަމަވެސް އެބޭފުޅުންގެ ޚިޔާލުފުޅަކީ ކުށް ޚިޔާލުފުޅެކެވެ."

ޤާރަން ވިދާޅުވިއެވެ. "ތިޔަ ވިދާޅުވިގޮތަށް ކަންތައް ހުރިއިރު މާއަވަހަށް އެނބުރިވަޑައިގެންނެވީ ކީއްވެތޯއެވެ؟"

"ސާހިބާއެވެ. ހަނގުރާމަ ފެށޭއިރު ލަޝްކަރާ ދުރުގައި ހުންނާކަށެއް އަޅުގަނޑު ހިތްހަމައެއް ނުޖެހެއެވެ."

"ހަނގުރާމަ ފެށުމުގައި އިސްނަގާނީ މުސްލިމުންނެއް ނޫނެވެ. އަޅުގަނޑުމެންނެވެ. އަޅުގަނޑު ކަލާއަށް އަމުރުކުރަމެވެ. ކަލާ ހަމަމިހާރު އެނބުރިވަޑައިގަންނަވާށެވެ! ވީހައިވެސް ގިނަބަޔަކު ސިފައިންގެ ތެރެއަށް ވެއްދެވޭތޯ މަސައްކަތްޕުޅު ކުރައްވާށެވެ. ހަނގުރާމަ ފަށަންވުމުން ކަލާ ބަލައިފޮނުވޭނެއެވެ. އަޅުގަނޑުގެ އަމުރަކާނުލައި އެނބުރިވަޑައިގަންނަވައިގެން ނުވާނެއެވެ. ދެން އަވަހަށް ދަތުރު ފަށްޓަވާށެވެ. އެކަމަކު އަދި ކުޑަކޮށް މަޑުކޮށްލައްވާށެވެ. ކަލާގެ އަސްކޮޅު ތިޔަވަނީ މާބޮޑަށް ވަރުބަލިވެފައެވެ." ޤާރަން އެހެން ވިދާޅުވެފައި އޭނާގެ އަރިހުގައިހުރި އޮފިސަރަކަށް އެންގެވިއެވެ. "ޒަރުބަޚުތުގެ އަރިހުގައިގޮސް އޭނާއަށް އެހެން އަހެއް އަރުވާށެވެ!"

ޒަރުބަޚުތު ވިދާޅުވިއެވެ. "ސާހިބާއެވެ! އަޅުގަނޑު ދިޔުމުގެކުރީން އަޅުގަނޑުގެ އެކުވެރީންނާ ވާހަކަދައްކައިލަން ފުރުޞަތެއް ދެއްވުން އެދެމެވެ. އެހެންނޫނީ އަޅުގަނޑަކީ ފިނޑިޔެއްކަމުގައި އެބައިމީހުން ވާހަކަދައްކައިފާނެތީ އަޅުގަނޑު ބިރުގަނެއެވެ."

"ކަލާގެ އެކުވެރީންގެ ހިތްހަމަޖައްސައިދިނުމުގެ މަސްއޫލިއްޔަތާ އަޅުގަނޑު ހަވާލުވަމެވެ. ކަލާ ވަގުތު ނަންގަވައިނުލައްވާށެވެ."

ޒަރުބަޚުތު ސިފައިންގެ އޮފިސަރާއެކު އަސްކަރުގާހާ ދިމާޔަށް ވަޑައިގެންފިއެވެ. އިރުކޮޅެއްގެފަހުން އޭނާ އަނެއްކާވެސް ފާލަން ހުރަސްކުރައްވައިފައި އޭނާގެ އަވަށާ ދިމާޔަށް މިސްރާބު ޖައްސަވައިފިއެވެ.

+ + + + +

އޭގެ އަނެއްދުވަހު ޤާރަން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ އޭނާ އުންމީދު ނުކުރައްވާ މައްސަލައަކާއެވެ. ފަތިހު އޭނާ ހޭފުޅުލެއްވުމާއެކު ލިބިވަޑައިގެންނެވި ޚަބަރަކީ مثــنّـى بــن حــارثـــة رضى اللّـه عنــه ގެ ލަޝްކަރު ހަނގުރާމަޔަށް ތައްޔާރުވާ ޚަބަރެވެ. ޤާރަން ފޭލިގެކޮޅުން ބޭރަށް ނުކުމެވަޑައިގެން އޭނާގެ އަރިހަށް ޖަމާވަމުންދިޔަ އޮފިސަރުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "مثــنّـى ގެ ފަސްހާސް ސިފައިން އަމިއްލަޔަށް މަރުވަން ޤަޞްދުކުރީ ބާވައެވެ؟"

ސިފައިންގެ އޮފިސަރެއް ޖަވާބު އެރުވިއެވެ. "ސާހިބާއެވެ! ރޭ އެބައިމީހުން ފޭލިގެތައް ކުރިޔަށް ޖައްސައިފިއެވެ. މިހާރު އެބައިމީހުނާ އަޅުގަނޑުމެންނާ ދޭތެރޭގައި ހުރީ މޭލެއްހައި ދުރުމިނެވެ. އެބައިމީހުން ސަފުހަދައިގެން ތިބިގޮތުން ހީވަނީ ކުރިޔަށް އައުމުގެ ނުވަތަ އެނބުރިދިއުމުގެ އަމުރެއްގެ އިންތިޒާރުގައި ތިބިހެންނެވެ.

ޤާރަން އޭނާގެ ލަޝްކަރަށް ތައްޔާރުވާން އަންގަވައިފިއެވެ. ނަމަވެސް مثــنّـى ގެ ފަސްހާސް އަސްވާރުން ކުއްލިޔަކަށް މައިދާނަށް ނުކުތުމަކީ އޭނާއަށް ޔަޤީންކުރައްވަން ދަތިފުޅުވިކަމެކެވެ. ގަޑިއެއްހައިއިރުފަހުން ޤާރަންވެސް ގެންދެވީ އަސްމަތީގައި އޭނާގެ ސިފައިންގެ ސަފުތައް ޗެކްކުރައްވަމުންނެވެ. ވަރަށްބާރަށް އަސްދުއްވައިފައި އައި އަސްވާރެއް މައިދާނަށް ވަދެގެން ޤާރަންގެ އަރިހަށް އައިސް މަޑުކޮށްލައިފައި ވަރަށް ބާރަށް ދެންނެވިއެވެ. "ސާހިބާއެވެ! ޙުފައިރުގެ ކައިރީގައި ހުރި މުސްލިމުންގެ އަސްކަރުގާހު ހުސްވެއްޖެއެވެ."

"ކޮންއިރަކުހެއްޔެވެ؟" ޤާރަން ކަންބޮޑުވެވަޑައިގެންނެވުމާއެކު ސުވާލު ކުރެއްވިއެވެ.

"ސާހިބާއެވެ. ޙުފައިރާ ތަންކޮޅެއް ދުރުން ހުޅަނގު އުތުރުފަރާތުގެ އެކިތަންތަނުން ޢަރަބި އަސްވާރުން ފެނުނު ޚަބަރު އަޅުގަނޑުމެންނަށް ލިބުނީ އިއްޔެ ހެނދުނެވެ. خــالــد بــن الـوليـد ގެ ލަޝްކަރުގެ ޙަރަކާތްތައް ބަލަހައްޓަން ޙަވާލުވެފައިވަނީ އަޅުގަނޑުމެންނާއެވެ. އެހެންކަމުން އަޅުގަނޑުމެން ޙުފައިރާ ދިމާޔަށް އަސްވާރުންގެ ބަޔަކު ފޮނުވީމުއެވެ. މުސްލިމުންގެ އަސްކަރުގާހުގެ ވަށައިގެންހުރީ ކަދުރު ދަނޑުތަކެވެ. އެހެންކަމުން، އެވަގުތަކު އަޅުގަނޑުމެންނަކަށް ކަދުރު ދަނޑުތަކަކާ ކައިރިއެއް ނުވެވުނެވެ. އެކަމަކު އެމީހުންގެ ސަވާރުން އެހިސާބުގަނޑުގެ ކައިރި އަވަށްއަވަށުގައި ބުރުޖަހާކަން އަޅުގަނޑުމެންނަށް އެނގުމުން އަޅުގަނޑުމެން އެބައިމީހުންގެ ލަޝްކަރުގެ ޚަބަރު ހޯދުމަށްޓަކައި ކޮންމެ ނުރައްކަލަކާވެސް ކުރިމަތިލާން ޤަޞްދުކޮށްފީމުއެވެ. އެގޮތުން އަޅުގަނޑުމެން ދުޝްމިނުން ހިފައިފައިވާ އަވަށްތަކުގެ ތެރެއިން އެންމެ ކައިރިޔަށްއޮތް އަވަށާ ކައިރިވިތަނާ އަޅުގަނޑުމެންނަށް ކުއްލިޔަކަށް ކުރިމަތިލާންޖެހުނީ ދުނީގެ ވާރެއާއެވެ. އަޅުގަނޑުމެން ޙިމާޔަތް ލިބޭތޯ ބެލީ އެހިސާބުގައި އޮތް ބަގީޗާއަކުންނެވެ. އެތާނގައިވެސް ދުޝްމިނުންގެ އަސްވާރުންގެ ޖަމާޢަތެއް އަޅުގަނޑުމެންގެ އިންތިޒާރުގައި ތިބިކަމެއް އެއިރަކު އަޅުގަނޑުމެންނަކަށް އެނގިފައެއް ނެތެވެ."

(ނުނިމޭ)