ވާހަކަ

ކޮންމެ ހިނދެއް - 33

"އަހަރެންނަށް ފިރިހެން ބެރެކްސް އިން ޖާގައެއް ލިބިދާނެތަ؟ ގޭތެރޭގަ އަނުމްގެ ކުރިމަތީގަ އަހަރެންނަށް ނޫޅެވޭނެ" އެ އޮތްގޮތަށް އޮވެ އާރިޔަން ބުނެލިއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ފެތުރެމުންދާ ކޯވިޑް 19 އާއި ގުޅިގެން މާހިލް އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ޗުއްޓީއެއް ދިނެވެ. ޗެނަލް ހިންގުމުގެ ހުރިހާ ކަމެއް މާހިލްއާއި ޝާނިމް ގޭގައި ތިބެގެން ކުރަމުން ދިޔައެވެ. ޒަރޫރީ ބޭނުމަކު ނޫނީ އެއިން އެކަކުވެސް ބަލަނީ ގެއިން ބޭރަށް ނުގޮސްވޭތޯއެވެ.

އެގޮތުން އެއްދުވަހު ހަވީރުގެ ވަގުތެވެ. ގޯތިތެރޭގައި މާހިލް ގެ ކާރު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. އޭނާއާއި ބައިވެރިވެގެން ޝާނިމްވެސް އުޅުނެވެ. ޖޯލިފަތީގައި ވާހަކަފޮތެއް ހިފައިގެން އާވާ އޮތެވެ. ތަންކޮޅެއް ދުރުގައި ހުރި ބަގީޗާ ގަސްތައް ކައިރީގައި އަމާޔާ ފޯނެއްގައި ހުއްޓެވެ. ގޭޓު ހުޅުވާލާފައި ވަން މޫނު ބުރުގާ އެޅި އަންހެންމީހާ ފެނި މާހިލްއާއި ޝާނިމްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ނަމަވެސް މާބޮޑު ކަމަކަށް ނަހަދާ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. މާހިލް ހުރަސްކޮށް ނައިޝީ ކުރިއަށް ދިޔައިރު މާހިލްގެ ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. އެ އަންހެނާއާ މެދު އޭނާގެ ހިތުގައި ނުބައި ޝައްކުތަކެއް ވަނީ އުފެދިފައެވެ.

އާވާއަށް ބަލައިލެވުނީ ނައިޝީ އައިސް ދާދި ކައިރީގައި ހުއްޓުނު ފަހުންނެވެ.

"އާވާ…!! މިހެން ލާފަ ދާކަށް ނުކެރުނު މިގެއަށް ނުވަދެ. ފިރިމީހާވެސް އެބަހުރި މިތާ ބޭރުގަ ފޯނެއްގަ" ނައިޝީ ވާހަކަދެއްކިއެވެ.

ޚައިރާންވެފައި އާވާއަށް ޖޯލީގައި އިށީނދެވިއްޖެއެވެ. އަތުގައި އޮތް ވާހަކަފޮތް ލައްޕާލާފައި އޭނާއަށް ބަލައިލެވުނީ ދުރުގައި ހުރި މާހިލްއަށެވެ.

"ނާދިޔާ… ކިހިނެއްތަ؟ އިށީންނަންވީނުން" މާހިލްގެ ފަރާތުން ތަފާތެއް ފާހަގަނުވުމުން އާވާ ހިނިތުންވަމުން ވާހަކަދެއްކިއެވެ.

"މާގިނައިރު ނީނދެވޭނެ އިނގޭ… މިއަދު ހާދަ ބުރަކޮށްލައިގެން ހުރިހާ ކުދިން" ނައިޝީ ބުނެލިއެވެ.

"އާނ… ނާދިޔާވެސް މިދުވަސްކޮޅު ބޭރުގަ އުޅުން މަދުކޮށްލަން ފެންނަނީ. ތިމާއަށް ވެސް އަދި އެހެން މީހުންގެ ރައްކަލަކަށްވެސް ވިސްނަންވާނެއްނު" އާވާ ވާހަކަދެއްކިއެވެ. އޭރު ފޯނު ކުރުކޮށްލާފައި އަމާޔާ އައިސް އާވާގެ އަނެއްފަރާތުން ހުހަށް ހުރި ޖޯލީގައި އިށީނދެއްޖެއެވެ.

"ބަލިތަކާ އެކުވެސް ދުނިޔޭގައި އުޅެން ދަސްކުރަންޖެހޭނެ" ނައިޝީ ބުނެލިއެވެ. އޭނާގެ ފުށުން މާބޮޑު ކަންބޮޑުވުމެއް ނުފެނެއެވެ.

"ތިކަން އޮތީ ތިހެން. ނާދިޔާއަށް ގުޅާނުލެވިގެން އަދި މިއުޅެނީ. ވަރަށް ދެރަކޮށް ކަންތައްދިމާވީ" އާވާ ވާހަކަދެއްކިއެވެ.

"އެއީ….؟ އަނެއްކާ ކިހިނެއްވީ…؟" ނައިޝީ އަހައިލިއެވެ.

ނައިޝީ ގެނެސްދިން ބޮނޑިބަތް ތައްޓަށް ކަންތައް ދިމާވި ގޮތް އާވާ ކިޔައިދިނެވެ. އޭރު އަމާޔާ އެތެރެއަށް ވަދެގެން ގޮށްސިއެވެ.

"އެއީ މައްސަލައެއްނޫން. އަދި ލިބޭނެއްނު" އާވާގެ ވާހަކަތަކުން ނައިޝީ އެތެރެއިން ރުޅިން ފަޅައިގެންދާވަރު ވެފައި އިނަސް ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

"ދެން ދަނީ އިނގޭ" ނައިޝީ އެނބުރި ދިޔައީ އަމާޔާ ގެނެސްދިން ތަށި ހިފައިގެންނެވެ.

ދުވަހުގެ ރޭގަނޑު ނައިޝީ ކިޔާން އާއި ބައްދަލުކުރީ ރެސްޓޯރެންޓަކުންނެވެ. އާވާ ކިޔައިދިން ވާހަކަތައް ނައިޝީ ކިޔާނަށް ކިޔައިދިނެވެ. ހިތަށް ލިބުނު ހިތްހަމަނުޖެހުމުގައި ކިޔާނަށް މޭޒުމަތީގައި ބާރަކަށް ޖެހުނެވެ.

"ދެޓް މީންސް އަހަރެމެންގެ ރޭވުން ފެނަށް ދިޔައީއޭތަ؟ ހައް…… ބޭކާރު ލާރިތަކެއް ޑަސްބިނަށް އެޅުނީ ދޯ…." ކިޔާން އިނީ ވަރަށް ހިތްހަމަނުޖެހިފައެވެ.

"ދުވަހަކުވެސް އަހަރެން އެ އާވާއަށް ދެރައެއް ދޭން އުޅެގެން ކާމިޔާބުވެފައެއް ނެތް. އަހަރެން މިހާރު ބޯގޮވަން ފަށައިފި…" ނައިޝީ ބުނެލިއެވެ.

"އަދިވެސް ޓްރައި ކުރަންވީ. ފުރަތަމަ ފަހަރުން ނުވިއްޔާ ދެވަނަ ފަހަރަށްވެސް ޓްރައި ކުރަންވީ…" ކިޔާން ބުނެލިއެވެ.

"ޔުއަރ ރައިޓް… ފުރަތަމަ ވާނީ ނާކާމިޔާބު. އެއަށްފަހު ކާމިޔާބުވާނީ. އަހަރެން ވަރަށް ވަރުގަދަ ޕްލޭންއެއް ހަދާލާނަން. މިކަމުގައި ކިޔާންގެ އެހީތެރިކަން ވަރަށް ބޭނުންވާނެ" ކުރިއަށް ނެރެ އަތްތިލަ ކިޔާންގެ ލޯމަތީގައި ހުޅުވާލަމުން ނައިޝީ ބުނެލިއެވެ. ކިޔާން ވަގުތުން ނައިޝީގެ އަތްތިލައިގައި ހިފާ ބާރުކޮށްލިއެވެ. އޭނާގެ އެހީތެރިކަން ލިބޭނޭ ބުނެ ވައުދުވިއެވެ.

މެންދުރުގެ ކެއުން މޭޒު މައްޗަށް އަރުވާފައި ހުއްޓެވެ. ފަލަކްނާޒާއި ނާސިހް އެކީގައި ކޮޓަރިން ނިކުމުގެން އައިސް މޭޒު ކައިރީގައި އިށީނެވެ. އަނުމް މޭޒުމަތީގައި ފިނި ފެންފުޅިއެއް ގެނެސް ބެހެއްޓިއެވެ.

"ކަޅު ސައިތަ ބޭނުމީ. ކަރާ ފަނި ވެސް އެބަހުރި" ފަލަކްނާޒް އަހާލީ ނާސިހް ކުރެންނެވެ.

"ކަޅު ސައި…. ފިނި އެއްޗެހި މިހާރު އެހާ ވަރަށް ބޮވެން ނެތް" ނާސިހް ބުނެލިއެވެ.

މިއަދު މެންދުރަށް ކައްކަން އަނުމް ބަދިގޭގައި އުޅުނު ވަގުތު ފަލަކްނާޒް ބަދިގެއަށް ވަދެ އަމިއްލައަށް ބައެއް މަސައްކަތް ކުރިއެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއް ނޫން އެއްޗެއް އަނުމް ކައިރީގައި ނުބުނެއެވެ.

"ކޮބާ އާރިޔަން…"؟ ނާސިހް އަހައިލިއެވެ.

"ހީވަނީ އޮފީހަށްދާން ތައްޔާރުވެގެންހެން އެ އަންނަނީ" ފަލަކްނާޒް ބުނެލިއެވެ.

ނާސިހް ކާން ނުފަށާ މަޑުކޮށްލައިގެން އިނީ އާރިޔަން އަންނަންދެކަށެވެ. ކުއްލިއަކަށް ދޮރުމައްޗަށް އެރި އާރިޔަން ފެނި މޭޒުކައިރީގައި ހުރި އަނުމްއަށް އެހެން ދިމާލަކަށް ނަޒަރު ސީދާކޮށްލަން އުނދަގުވިއެވެ. ފުލުހުންގެ ނޫ ކުލައިގެ ޔުނީފޯމުގައި އާރިޔަން ފެންނަލެއް ވަރަށް ރީއްޗެވެ. ދެއަތުގެ މުލައްދަނޑިއަށް ނާރުތައް އަރާލާފައި ހުއްޓެވެ. އެންމެ ފަހަރަކުވެސް އާރިޔަން އަނުމްއަށް ބަލައިނުލައެވެ. ފަލަކްނާޒަށް އެހެން ދިމާލަކަށް ބަލައިނުލެވުނެވެ. ލޯބިވާ ފިރިހެންދަރި ފުލުހުންގެ ޔުނީފޯމުގައި ފެނުމުން އޭނާގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ.

"މަންމަ މި އިންނަނީ ކިޔާނެ ބަހެއް ނޭނގިފަ. އާޔަން ހާދަ ރީއްޗޭ ޔުނީފޯމް ލީމަ" ފަލަކްނާޒް ބުނެލިއެވެ.

"ދަރިފުޅާ… ގައުމު ފަހުރުވެރިވާ ފަދަ ދަރިއަކަށް ވެވޭތޯ ބަލާތި. ގައުމަށް ކުރެވުނު ހުވަޔަށް ބޭވަފާތެރިނުވާތި. އެއީ ބައްޕަގެ ނަސޭހަތަކީ…؟" ނާސިހް އޭނާގެ ވާތްފަރާތުން އިށިން އާރިޔަންގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.

އާރިޔަންއަށް ތަށި ކައިރިކޮށްދިނީ ފަލަކްނާޒެވެ. އަނުމްއަށް އެއްވެސް ކަމެއް ނުޖެއްސިއެވެ. އާރިޔަންއަށް ހިތްފުރެންދެން ދުރުގައި ހުރެ އަނުމް ބަލަމުން ދިޔައެވެ. އެކަން އާރިޔަންއަށް ފަހުމްވެސް ވިއެވެ.

"ދަރިފުޅުވެސް އަންނަންވީނުން ކާން. ހެނދުނު ސައިވެސް ނުބޮމެއްނު" ނާސިހް ބުނެލިއެވެ.

"އަޅުގަނޑު ބަނޑުހައެއްނުވޭ އަދި. ފަހުން އަޅުގަނޑު ކާނީ" އަނުމް ބުނެލިއެވެ. އެ އަޑު އާރިޔަންއަށް އިވުނެވެ. އަނުމް އެއްވެސް އެއްޗެއް ނުކައި ހުރިކަން އިނގުމުން އާރިޔަންއަށް ކާން އުނދަގޫވިއެވެ. އަނގައިގެ ތެރޭގައި ހުރި އެތިކޮޅު ދިރުވާލަން ޖެހުނީ ފެންފޮދަކާ އެއްކޮށެވެ.

"މަންމާ…!! އަޅުގަނޑު ފިރިހެން ކުދިންގެ ބެރެކްސްއަށް ބަދަލުވާން މިއުޅެނީ" އާރިޔަން ބުނެލިއެވެ.

"އެއީ؟؟ އެހެން ކަމަކުނުދާނެ. އާރިޔަން ހުންނާނީ އާރިޔަންގެ ގޭގައި" ނާސިހް ބުނެލިއެވެ.

"ދަރިފުޅު ވަޒީފާ އަދާކުރިޔަސް ކޮޓަރީގަ އަލުން ކުލަ ލާން މަންމައަށް ފެންނަނީ. ފަރުނީޗަރުވެސް ބަދަލުކުރަން ޖެހޭނެ. ފާހާނާއަށް ވެސް ބަދަލުގެންނަން ޖެހޭނެ. ކައިވެންޏެއް ކުރެވެން ތިއުޅެނީ. އެއީ ކުޅިވަރެއް ނޫން" ފަލަކްނާޒް ވާހަކަދެއްކިއެވެ. ނާސިހްވެސް އެވާހަކަތަކާ ބައިވެރިވަމުން ދިޔައެވެ.

އިވެމުންދިޔަ ވާހަކަތަކުގެ ސަބަބުން އުނދަގުވަމުން ދިޔައީ އަނުމް އަށެވެ. އޭނާ އެތަނުން ދުރަށް ދިޔައެވެ. ސިޓިންރޫމަށް ނިކުމެ ސޯފާގައި އިށީނެވެ. އިސާހިތަކު އޭނާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ލޯބިވާ ވާހަކަ އާރިޔަން ކައިރީގައި ނުބުނެވެނީސް ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. އެ ކައިވެންޏާ އާރިޔަން ރުހިއްޖެއެވެ. ހިޔާލުތަކާ ވިސްނުންތަކަށް ގެއްލިފައި އިން އަނުމް ސިހުނީ އޭނާ އާ ދާދި ކައިރިން އާރިޔަން ނިކުންނަން ދިޔަ މަންޒަރު ފެނުމުންނެވެ.

"އާރިޔަން…!" އާރިޔަންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އޭނާ ފަހަތަށް އެނބުރިނުލާ ހުއްޓާ އަނުމް އައިސް ކުރިމަތީގައި ހުއްޓިއްޖެއެވެ.

"ކޮންގްރާ… ކޮންއިރަކުން ނިންމަނީ…. ކޮންއިރަކުން އެ ގާރލް އާ މީޓްކޮށްދޭނީ" އަނުމް އަހައިލިއެވެ.

"އަނުމް ވަރަށް ބޭނުންތަ މީޓްވާން" އާރިޔަން އަހައިލިއެވެ. އަނުމް ބޯޖަހައިލިއެވެ.

"އެހެންވިއްޔާ ވަރަށް އަވަހަށް" އާރިޔަން ބުނެލިއެވެ.

"މިއަދު އާރިޔަން ވަރަށް ރީތި. ވަރަށް ސްމާޓް. ކީއްވެ ތިހާ ޗޭންޖެއް އައިސްގެން ތިއުޅެނީ" އަނުމް އަހައިލިއެވެ.

"ގަޑިޖެހެނީ…" އާރިޔަން ކުރިއަށް ހިނގައިގަތެވެ.

"އަހަރެން އާރިޔަން އަންނަންދެން އިންތިޒާރުކުރާނަން. ވަރަށް ބޮޑު ވާހަކައެއް އެބައިން ދައްކަން ބޭނުންވެފަ" އަނުމް ބުނެލިއެވެ. އެއްވެސް އެއްޗެއް ނުބުނެ އާރިޔަން ހީލަމުން ބޭރަށް ނިކުތެވެ.

އާ ދުވަހެކެވެ. ސިޓިންރޫމު ސޯފާގައި އިން އާވާ އިނީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. ދުވަސްތަކަކަށްފަހު ޙާޖަރާ ވާހަކަދެއްކޭތީ އާވާ އިނީ ހެވިފައެވެ. ފޯނު ބޭއްވި ވަގުތު ކައިރީގައި މާހިލް އިށީނދެއްޖެއެވެ.

"މަންމަ ސަލާން ބުނި" މާހިލްގެ އަތުގައި ބައްދައިލަމުން އާވާ ބުނެލިއެވެ. މާހިލް ހީލަމުން ސަލާމް ބަލައިގަތެވެ.

"ކަމަކު އެދެންތަ؟" އާވާ ބުނެލިއެވެ. މާހިލް ބޯޖަހައިލިއެވެ. އަދި ކުރިމަތީގައި ހުޅުވާފައި ހުރި ޓީވީ އިން ނަޒަރު ވަކިކޮށް އާވާއަށް ބަލައިލިއެވެ.

"ހަވީރު ހިނގާބަލަ މަންމަގެއަށް ގޮސްލަން. ޝާންމެން ވެސް ގޮވައިގެން ދާނީ. ކިހާ ދުވަހެއް އެގެއަށް ނުދާތާ" އާވާ ވާހަކަދެއްކިއެވެ.

"ދެވިދާނެ. ގޭގަ މިހެން އިންނަން ވެއްޖިއްޔާ މޮޔަވެދާނެއްނު. އެކަމަކު ސޭފްގޮތަކީ ވެސް ނުދިޔުން ދޯ" މާހިލް ވާހަކަދެއްކިއެވެ.

"އިނގޭ ތިކަން. ކާރުގަ ގޮސްފައި ކާރުގަ އަންނާނީ" މާހިލް ބޯޖަހައިލިއެވެ. އާވާ ގެ އެދުމަކަށް އޭނާ ދެކޮޅު ހަދާނީ ކިހިނެއް ހެއްޔެވެ؟

މެންދުރުފަހުގެ ވަގުތެވެ. ކޭ ތަށިތައް ނެގުމަށްފަހު އަނުމް ގޭތެރޭގައި މޮޕް އަޅަން ފެށިއެވެ. ފަލަކްނާޒް ނިކުމެ އަނުމްއަށް ތަފާތު ނަޒަރަކުން ބަލައިލިއެވެ. ވަދެގެން އައި އާރިޔަންއަށް ކުރިމަތީގައި ހުރި އަނުމް ފެނުނެވެ. އަނުމް ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. އާރިޔަންއަށް ކުޑަކޮށް މަޑުޖެހިލެވުނެވެ. ރޭގައި އަނުމްގެ އެދުމަށް އޭނާ ފުރަގަސްދޭން ޖެހުމުން ހުރީ އެކަމާ ނުލާހިކު ދެރަވެފައެވެ.

"އާރިޔަން… ހިނގާ ކާން…" އަނުމް ބުނެލިއެވެ. އާރިޔަން އާ އެކު އަނުމް ބޭނުންވާ ވަގުތު ނުލިބޭތީ އޭނާ ހުރީ އިންތިހާއަށް ދެރަވެފައެވެ.

"ހިނގާ…." އަނުމްއާ އެކުގައި ލިބުނު ވަގުތުކޮޅު ބޮލާލާ ޖަހަން އާރިޔަން ބޭނުމެއްނުވިއެވެ. ލައްކަ ދުވަހު އޭނާއަށް ފިލައިގެން އުޅެވިއްޖެއެވެ.

"އާދޭ މަންމަ ކާން ހަދައިދޭނަން" ވަގުތުން އާރިޔަންގެ ތުންފަތަށް ވެރިވި ހިނިތުންވުން ފިލައިގެން ހިނގައްޖެއެވެ. އަނުމްއަށް ވެސް ވީ އެވަރެވެ. އޭނަ އާއި އާރިޔަން އާ ދެމެދަށް ހުރަސް އަޅަން މަސައްކަތް ކުރަނީ ފަލަކްނާޒް ކަން އިނގުމުން އަނުމްގެ ހިތުގައި ފޫހިކަން އިންތިހާއަށް އުފެދިގެން ހިނގައްޖެއެވެ.

އާރިޔަން ފަލަކްނާޒާއި އެކުގައި ހިނގައިގަތުމާއެކު އަނުމްގެ ދެލޮލުގައި އުފެދެމުން އައި ކަރުނަތިކިތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތެވެ. އަތުގައި އޮތް މޮޕު ޓީވީ ރެކުގައި ލައްގައިލުމަށްފަހު އަވަސް އަވަހަށް ދެއަތުން ލޯ ކައިރި ފޮހެލައިފިއެވެ. ހިތުގައި ޖެހިފައި ހުރި ވަރުން ސޯފާގައި އިށީނދެވިއްޖެއެވެ. މީގެ ދުވަސްތަކެއް ކުރިން ފަލަކްނާޒާއި އޭނާ އާ ދެމެދުގައި ކުރެވުނު ޒުވާބެއް އޭނާ ހަނދާނަށް އައެވެ. އެދުވަހު އޭނާ ވަނީ އަނުމް ކައިރީގައި ސާފު ބަހުން އާރިޔަން އާ ދުރުގައި ހުރުމަށް އަންގާފައެވެ. އަނުމް އިންތަނުން ކޮޅަށް ތެދުވިއެވެ. ދެކޮޅަށް ހިނގަން ފެށިއިރު ފަލަކްނާޒްގެ ރޭވުން ފެނަށް ދުއްވާލާނެ ގޮތަކާމެދު އޭނާ ވިސްނަމުން ދިޔައެވެ. އޭނާ ކުރަންޖެހޭ ހަނގުރާމަ ވަރުގަދަކަން ހަނދާންވުމުން ބޮލުގައި ރިހުމެއް އުފެދިއްޖެއެވެ.

އާރިޔަންގެ ފަހަތުން ބަދިގެއިން ނިކުމެގެން އައި ފަލަކްނާޒް ފެނުމުން އަނުމް ފޫހިކަމާއެކު މޫނު އަނބުރާލިއެވެ. އޭނާ އާރިޔަންގެ އަތުގައި ހިފާ ހުއްޓުވިއެވެ. އާރިޔަންއަށް ލިބުނީ ކުއްލި ސިހުމެކެވެ. އަނުމްއަށް އެފަދަ ހިތްވަރެއް ކުރަން ކެރުނުކަމަށްޓަކައި އާރިޔަން ހައިރާންވިއެވެ.

"އަހަރެން ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުން މިހާރު. ޕްލީޒް ނޫނެކޭ ނުބުނޭ" އާރިޔަން ބަލައިލުމާއެކު އަނުމް ބުނެލިއެވެ.

"އަނުމް ކޮންގޮތަކަށް ތިއުޅެނީ…؟ ތިއީ އަނުމްގެ ބޭބެއެއް ކަމެއް ނޭނގޭތަ؟" ފަލަކްނާޒް ހަޅޭއްލަވައިގަތެވެ.

"އާރިޔަންއަކީ އަހަރެންގެ ބޭބެއެއްނޫން. އަހަރެން އެގޮތަކަށް ނުދެކެން" ވަގުތުން އަނުމް ބުނެލިއެވެ.

"އާރިޔަން ދެންމެއެއްނު އެމަންޖެ އެގުޅީ. ލަސްވާނެ. ގޮސް އެމަންޖެ އެބުނާ ތަނަކަށް ގެންގޮސްދީފަ އާދޭ" ފަލަކްނާޒް އަމުރުކޮށްލިއެވެ.

"އަހަރެންނަށް ހަމަ އެހާ ކުޑަ ވަގުތުކޮޅެއްވެސް ދެވެން ނެތީތަ؟ ކީއްވެ ތިގޮތަށް ތިކަންތައް ކުރަނީ؟ އެކުވެރިކަމަށް އެދުނީ އާރިޔަން އެއް ނޫންތަ؟" އަނުމްގެ ދެލޮލަށް ފެން އަންނަ މަންޒަރު ފެނުމުން އާރިޔަންގެ ހިތް ކުދިކުދިވި ކަހަލައެވެ.

"އާރިޔަން…..!" ފަލަކްނާޒްގެ އަޑު ބާރުވިއެވެ.

އާރިޔަން ނަޒަރު ސީދާކޮށްލީ އަނުމްގެ ދެލޮލަށެވެ.

"އަހަރެން ފަހުން ބައްދަލުކުރާނަން. މިގަޑީގަ ވަރަށް ލަސްވެއްޖެ. ތަނަކަށް ދާން މިދަނީ" އާރިޔަން އޭނާގެ އަތުން އަނުމްގެ އަތް ނެއްޓުވިއެވެ. އޭނާ ގޭ ދޮރާ ދިމާލަށް ހިނގައިގަތްއިރު ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަނެއްޖެއެވެ. ކޮންފަދަ މަޖުބޫރީއެއް ހެއްޔެވެ؟ މައިންބަފައިން ދަރިންދެކެ ލޯބިވާ ގޮތަކީ އެއީ ހެއްޔެވެ؟

އަނުމްއަށް ހުރެވުނީ ޖެހި ބުދެއްހެން އާރިޔަން ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ. މަލާމާތުގެ ބެލުމަކުން އޭނާ އާއި ދާދި ކައިރީގައި ބަލަން ހުރި ފަލަކްނާޒް ނުފެންނަ ކަހަލައެވެ.

"މީގެ ދެތިން ރޭ ފަހުން ރަންކިޔުން އޮންނާނެ. ކަލޭ ޖެހޭނީ ތިހެން ތެޅިތެޅި ހުންނަން" ފަލަކްނާޒް ބުނެލިއެވެ.

"ނޫން. ނުވާނެ. ތިކައިވެންޏެއް ނުކުރެވޭނެ. އާރިޔަން ލޯބިވަނީ އަހަރެންދެކެ. އަހަރެންވެސް……" އަނުމް މަޑުމަޑުން ބުނެލިއެވެ.

"ހެހެހެ… ތިކަހަލަ ވާހަކަތައް ރީތިވާނީ ފިލްމުތަކުންނާ ވާހަކަތަކުން ގެނެސްދިނީމަ. މިތަނުގަ މިދައްކަނީ އަސްލު ދިރިއުޅުމުގެ ވާހަކަ" ފަލަކްނާޒް ބުނެލިއެވެ. އަނުމްއަށް އިތުރަށް އެއްޗެއް ނުބުނެވުނެވެ. ކަރުނުން ފުރިގެންވި ދެލޮލުން ފަލަކްނާޒް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ތެދެކެވެ. ހަޤީޤަތް ގަބޫކުކުރަން ބޭނުންނުވިޔަސް އެގޭތެރޭގައި އޭނާގެ ލޯ ކުރިމަތީގައި އާރިޔަން އެހެން މީހެއްގެ ހައްގަކަށް ވެގެންދާނެއެވެ.

ހަވީރު ފަހެއް ޖަހާލީހާއިރެވެ. ހަވީރުގެ ޒިކުރުތައް ކިޔަން ބެލްކަނީގައި ހުރި ޙާޖަރަށް ގޭޓުން އެތެރެއަށް ވަން އާވާއާއި މާހިލް ފެނި ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އަވަހަށް ސިޓިންގްރޫމަށް ނިކުތީ ލޯބިވާ ދަރިފުޅަށް އުފާވެރި ހިނިތުންވުމަކުން މަރުހަބާ ކިޔުމަށްޓަކައެވެ. މާގިނަ އިރެއްނުވެ އާވާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ކުރިމަތީގައި ހުރި ޙާޖަރު ފެނުމާއެކު އާވާއަށް ދުރުގައި ނުހުރެވުނެވެ. ޙާޖަރުގެ ހަށިގަނޑުގައި އޮޅުލައިގަނެއްޖެއެވެ.

"ހުރިހާ ކުދިން އަވަހަށް އާދޭ…" އާވާގެ ބުރަކަށީގައި ފިރުމާލާ ކޮލުގައޮ ބޮސްދެމުން ޙާޖަރު ވާހަކަދެއްކިއެވެ. ފަހަތުން ވަން އަމާޔާއަށް އާވާގެ އާއިލާ އެފެނުނީ ފުރަތަމަ ފަހަރަށެވެ.

އިސާހިތަކު މުޅި އާއިލާ އެއްތަނަކަށް ޖަމާވިއެވެ. ޒެރީންވެސް އާވާގެ މޫނުގައި ފިރުމާލަމުން ވަކިން ހުރި ސޯފާގައި އިށީނދެއްޖެއެވެ. އާވާ ފެނުމާއެކު ރިޒާގެ ހިތް ފުރިގެން އައެވެ. އާވާގެ މޫނުގައި ފިރުމާލަމުން މާހިލް އާއި ޝާނިމް އާ ސަލާންކުރިއެވެ. ކޮޓަރިން ނިކުތް ކިޔާން އާވާ ފެނި ހުއްޓުން އެރިއެވެ. އެތައް ދުވަހަކަށްފަހު އާވާގެ މޫނު ފެނުމުން އޭނާއަށް އެހެން ދިމާލަކަށް ނަޒަރު ސީދާކޮށްލަން އުނދަގުވިއެވެ. އާވާ ކިޔާންގެ މޫނަށް ބަލައެއް ނުލިއެވެ. އޭނާ ހުރީ ކިޔާން ދެކެ އިންތިހާއަށް ފޫހިވެފައެވެ.

"މަންމާ… ކޮބާ ދާމް….؟؟ އަޅުގަނޑު ހިތަށްއަރާ އެއީ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކޮއްކޮބާއޭ. ކުރިން އަޅުގަނޑުމަތިން މިސްވެގެން އަޅުގަނޑު ޖެހޭނީ އަބަދު ފޯނު ހިފައިގެން އުޅެން" އާވާ ވާހަކަދެއްކިއެވެ.

"އަހަރެން ކޮޓަރިން ނިކުތްއިރު ފާހާނައިގަ އުޅޭ" ޖަވާބު ދިން ކިޔާން އިނީ ޒެރީން އިން ސޯފާގެ އަތްގަނޑު މަތީގައި އިށީނދެގެންނެވެ.

"ދަރިފުޅާ މިއަދު މިގެއަށް އަޔަސް މިދުވަސްކޮޅު އެންމެ ރަނގަޅުވާނީ ގޭތެރޭގައި ތިބިއްޔާ. ރައްކާވެ ތިބިއްޔާ އަމާން ދަތުރެއް ލިބޭނީ" ޙާޖަރު ވާހަކަދެއްކިއެވެ.

"އަޅުގަނޑުމެންނަށް ވިސްނޭ. އެކަމަކު އެވީ ވަރަށް އަންނަހިތުން އުޅުނީމަ އަޅުގަނޑު ނޫނެކޭ ބުނަން ބޭނުންނުވީ" މާހިލް ވާހަކަދެއްކިއެވެ. ޒެރީންއާއި ކިޔާން ފޫހިކަމާއެކު މާހިލްއަށް ބަލަން އިނެވެ. އެކަން ފާހަގަވީ އާވާއާއި ޖެހިގެން އިން އަމާޔާއަށެވެ.

"ހިނގާ ސައިބޯން ދާން" ޒެރީން ތެދުވެފައި ބުނެލިއެވެ.

އެންމެން ސައިބޮއެ ނިމުމުން ރިޒާއާއި މާހިލް އަދި ޝާނިމް ވާހަކަދައްކާލުމަށް މަޑުކޮށްލައިގެން ތިއްބެވެ. އަމާޔާ ފޯނެއްގައި ހުރެ ބެލްކަންޏަށް ނިކުތެވެ. އާވާ ދާރިމްގެ ކޮޓަރިއަށް ވަނީ އެގެއަށް އައިފަހުން އަދި ދާރިމް ނުފެންނާތީއެވެ. ބަދިގޭގައި ހުރި ޒެރީން ދުރުގައި ހުރި ކިޔާންއަށް ލޮލުން އިޝާރާތެއްކޮށް އެކޮޓަރިއަށް އާވާ ވަން މަންޒަރު ދައްކާލިއެވެ. ކިޔާން ވަގުތުން އާވާ ފަހަތުން މިސްރާބު ޖެހިއެވެ.

އާވާ ކޮޓަރިއަށް ވަދެ ދެފަރާތް ބަލައިލިއެވެ. ދާރިމް ފެންނާކަށް ނެތެވެ.

"ދާމް…..!!! ފާހާނައިގައި ގަނޑުވަރެއް އަޅަނީތަ…؟ ހީލަމުން އާވާ ފާނާހާނައިގެ ދޮރުގައި ތަޅައިގަތެވެ. އެއީ އަބަދުވެސް ދެކުދިން އެއްކުއްޖަކު އަނެއް ކުއްޖަކު ފާހާނާއަށް ވަނުމުން ކުރާ ޖެއްސުމެވެ. ކިތަންމެ އުނދަގުވިޔަސް ފާހާނާއިގެ ތެރޭގައި ހުންނަ ކުއްޖަކު އަނގައިން ނުބުނާނެއެވެ. އެހެނީ ފާހާނާއިގައި އުޅޭ ވަގުތު ބޭކާރު ވާހަކަދެއްކުމަކީ ރަނގަޅު ކަމެއް ނޫންކަން ރިޒާ އޮންނަނީ ދެކުދިންނަށް ވެސް ހަނދާންކޮށް ދީފައެވެ.

ކުއްލިއަކަށް އާވާ ސިހުނީ ފަހަތުން އޭނާ އާ ދާދި ގާތުގައި މީހަކު ހުއްޓުމުންނެވެ. ދުރަށް ދާން އުޅުނު ވަގުތު ކިޔާން އާވާގެ ދެކޮނޑުގައި ހިފާ ގެނެސް އޭނާގެ މޭގައި އާވާގެ ބުރަކަށި ޖެއްސުވިއެވެ.

ކިޔާން…!!" އާވާ އަޑުހަރުކޮށް ކިޔާންއަށް ގޮވައިލިއެވެ.

"ބީކެއަރފުލް އެވީ… އެވީ ފައި އަޅަން އުޅުނީ ފެންތަކުގެ ތެރޭގަ. ވެއްޓިދާނެތީ އަހަރެން އެހެން ހެދީ" ކިޔާން ބުނެލިއެވެ. ކިޔާން އިނގިލިން އިޝާރާތްކޮށްގެން ހުރި ދިމާ އާވާ ބަލައިލިއެވެ. ތެދެކެވެ. އެތަނުގައި ވަރަށް ފެން އެބަހުއްޓެވެ.

"ތެންކިޔު…" އާވާ ކިޔާން ކުރިމަތިން ދުރަށް ދިޔައެވެ. އޭނާ ހުރީ ކިޔާން ކަންތައްކުރި ގޮތުން ވަރަށް ހިތްހަމަނުޖެހިފައެވެ.

އެނދުގައި އޮތް އަނުމް ދެއަތަށް ފުރޮޅެމުން ދިޔައެވެ. އޭނާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ގަޑިން މެންދަމު ދެގަޑި ބައިވެއްޖެއެވެ. އެންމެފަހުން އޭނާ އެނދުން ތެދުވިއެވެ. ލައިގެން ހުރި އަތްކުރު ޓީޝާޓު މަތިން ކަޅު ކުލައިގެ ޖެކެޓެއް ލިއެވެ. ފުޅާ ހަރުވާޅަށް ދަމާލާ ކުޑަކޮށް އެއްވަރު ކޮށްލިއެވެ. އަޅި ކުލައިގެ ކަން ބުރުގާ ބޮލުން ވައްޓާލުމަށްފަހު ދެފަރާތުން ގެނެސް ކުރިމައްޗަށް ގޮށެއް ޖަހައިލިއެވެ. ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު އޭނާ މިސްރާބު ޖެހީ އާރިޔަންގެ ކޮޓަރިއާއި ދިމާލަށެވެ. އޭނާގެ ދެލޮލުގެ ނިދި ވަނީ އެކޮޓަރީގެ ހަތަރުފާރުން އެތެރޭގައި ކަން އޭނާއަށް އިނގޭ ކަހަލައެވެ.

ޓަކިވެސް ޖަހާނުލާ އަނުމް ތަޅު އަނބުރާލިއެވެ. އެތެރެއިން ތަޅުލާފައި ހުރުމުން ނުހުޅުވުނެވެ. އަނުމް އިތުރަށް ވިސްނާކަށްވެސް ބޭނުމެއްނުވިއެވެ. ޓަކި ޖަހައިލިއެވެ. އަނުމްއަށް ހައިރާންކަމެއް ލިބިގެން ދިޔައީ އޭނާ އެންމެފަހަރަކު ޖަހާލާއިރަށް އާރިޔަން ދޮރު ހުޅުވާލުމުންނެވެ. އާރިޔަންގެ ރަތްވެފައިވާ ދެލޮލާއި މިލާފައިވާ މޫނުމަތި ފެނުމުން އަނުމް ހިތުގައި ޖެހުނެވެ. އެއްޗެއް ބުނަން އޭނާގެ ދެތުންފަތް ކުޑަކޮށް ފޭކޮށްލިއެވެ. އާރިޔަންއަށް ކެތެއް ނުވިއެވެ. އަނުމްގެ ދެއަތުގައި ހިފާ އެތެރެއަށް ދަމައިގަތުމަށްފަހު ދޮރު ބާރަކަށް ޖަހާ އެތެރެއިން ލޮކް ކުރިއެވެ. އެއަށްފަހު އަނުމް ދޮރުފަތުގައި ލައްކޮށްލާފާއި އެއް އަތް ދޮރުގައި ވިއްދާލިއެވެ.

"އާރިޔަން…." ކަންބޮޑުވެފައި ހުރި އަނުމް އާރިޔަންއަށް ގޮވައިލިއެވެ. ކަރުނަތަކާއެކު އާރިޔަންގެ ރަތް ދެލޯ އަމާޒުވެފައި ހުރީ އަނުމްގެ ދެލޮލަށެވެ.

"އާރިޔަން… ކީއްކުރަން ތިއުޅެނީ؟" ހިނދަކަށްފަހު ހިނދެއް އާރިޔަންގެ މޫނު އައީ އަނުމްގެ މޫނާ ގާތްވަމުންނެވެ. އަނުމްގެ އަވަސްވެފައިވާ ހިތުގެ ވިންދުގެ އަޑު އޭނާއަށް އިވެމުންދިޔައެވެ. ކަންބޮވުން އޭނާގެ ހަފަރާތުން ވަށާލައިފިއެވެ. އާރިޔަން ދުރަށްލާކަށްވެސް އޭނާ ބޭނުމެއްނުވިއެވެ.

"އާރިޔަން…" އަނުމްގެ ދެލޯ މެރިގެން ދިޔައިރު އާރިޔަންގެ މޫނު ވަނީ ނުރައްކާތެރި ދަރަޖައަކަށް އޭނާގެ މޫނާ ގާތުގައެވެ.

(ނުނިމޭ)