ހަބޭސް ބޮޑުބެރު ގުރޫޕު

ކޮވިޑް 19 : އަތް ދޮންނަން ހަނދާންކޮށްދީ "ހަބޭސް" އިން ހެދި ލަވައަށް ރެކޯޑެއް

އަލީ ޔާމިން

ކޮރޯނާވައިރަސްގެ ނުރައްކާ ރާއްޖެއަށްވެސް މިވަނީ ކުރިމަތިވެފައެވެ. ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ އިރު، ސިއްހީ މާހިރުންގެ މިންނެތް މަސައްކަތުން ތިން މީހަކު ވަނީ ބަލިން ރަނގަޅު ކުރެވިފައެވެ. ކޮވިޑް 19އިން ރައްކާތެރިވުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ އިރު، ކޮވިޑް 19އިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ އަމިއްލަ ސާފުތާހިރުކަން ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ގިނައިން އަތްދޮވުމާއި، އިޖުތިމާއީ ގައިދުރުކުރުމަށް ސިއްހީ މާހިރުން ދަނީ ކެނޑިނޭޅި ނަސޭހަތްތެރިވަމުންނެވެ.

ކޮވިޑް 19އިން ރައްކާތެރިވުމަށް ސަރުކާރާއި ސިއްހީ މާހިރުން ކުރަމުން އަންނަ މަސައްކަތުގައި އާންމު ފަރާތްތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި އެކިއެކި ގްރޫޕްތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދެމުންނެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގުރޫޕް ''ހަބޭސް''އިން ވަނީ އެމީހުންގެ ސްޓައިލުގައި އަތްދޮވުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯ ލަވައެއް އާންމުންނަށް ދޫކޮށްލައިފައެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ހަބޭސްއިން އާންމުންނަށް ދޫކޮށްލި އެ ލަވައިގައި ސައިބޯނި ލައިގެން އަތްދޮވުމަށާއި، މާސްކާއި ޓިޝޫ ފަދަ ތަކެތި ބޭނުން ކުރުމަށް ފަހު ޑަސްބިނަށް ލުމަށް ނަސޭހަތްތެރިވެއެވެ. ވޮއިސް އޮފް މޯލްޑިވްސްއިން ދިވެހިންގެ މަޝްހޫރުކަން ހޯދި ކުޅަދާނަ ލަވަކިޔުންތެރިޔާ ހަސަން ތޮލާގުގެ ހިތްގައިމު އަޑުން ހަބޭސްގެ ސްޓައިލުގައި ގެނެސްދިން އެ ލަވަ މިއަދާ ހަމައަށް ފަސް ލައްކައަށް ވުރެ ގިނަ މީހުން ވަނީ ބަލައިފައެވެ. އަދި ފޭސްބުކް މެދުވެރިކޮށް އެ ލަވަ 2،100 މީހުން ޝެއާކޮށްފައިވާ އިރު، ވަރަށް ގިނަ މީހުން ވަނީ ހަބޭސްގެ ލަވައަށް ތައުރީފުކޮށް ކޮމެންޓްކޮށްފައެވެ.

ހަބޭސްއިން އަތްދޮންނާށޭ ބުނާ ލަވަ

"ވަން"އަށް މައުލޫމާތުދެއްވަމުން ހަބޭސް ބޮޑުބެރު ގްރޫޕުގެ ފައުންޑަރު އަލީ ޝިފާއު(ހަބޭސް އައްޔަ) ވިދާޅުވީ، މިއީ ރެކޯޑެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެފަދަ ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތައް އެ ގުރޫޕުން އާންމުންނާ ހަމައަށް ގެނެސްދޭނެ ކަމަށެވެ.

"ހަތަރު ދުވަސް ތެރޭގައި ފަސް ލައްކައަށް ވުރެ ގިނަ މީހުން މި ވީޑިއޯ ބަލާފައި މިވަނީ. މިހާ މަދު ދުވަސްކޮޅަކަށް ބަލާއިރު މިއީ ރެކޯޑެއް. އަޅުގަނޑުމެން ކުރިއަށް އޮތް ތާނގައިވެސް މިފަދަ ހޭލުންތެރިކަން އިތުރުކުރުމުގެ ލަވަތައް ބެލުންތެރިންނަށް ގެނެސްދޭނަން،" އަލީ ޝިފާއު ވިދާޅުވިއެވެ.

ހަބޭސް ބޮޑުބެރު ގްރޫޕަކީ ރާއްޖޭގެ އެންމެ ނަން މަޝްހޫރު އަދި އެންމެ ގިނަ ބަޔަކު ބަލައިގެންފައިވާ ބޮޑުބެރު ގްރޫޕެކެވެ. ކުޅަދާނަ އެތައް ފަންނާނުންނާކާއެކު ހަބޭސްއިން އަދިވެސް އަންނަނީ ރާއްޖޭގެ ބޮޑުބެރުގެ ދުނިޔޭގައި ރަސްކަން ކުރަމުންނެވެ.