ވިޔަފާރި

ގޭގައި ތިބެގެން ވެސް މިހާރު އިންޓަނެޓު ބޭންކިން އަށް ރަޖިސްޓްރީ ކުރެވޭނެ: ބީއެމްއެލް

މަރިޔަމް ޝަހުދާ

ގޭގައި ތިބެގެން ވެސް މިހާރު އިންޓަނެޓު ބޭންކިން އަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން މައުލޫމާތުދިން ގޮތުގައި އިންޓަނެޓް ބޭންކިން ހިދުމަތަށް ގޭގައި ތިބެގެން ރަޖިސްޓްރީ ކުރުމަށް ފުރިހަމަ ކުރަން ޖެހޭނީ ތިން ކަމެކެވެ. އެގޮތުން މި ހިދުމަތަށް ރަޖިސްޓްރީ ކުރުމަށް ކުރަން ޖެހޭނެ ކަމަކީ އެޕްލިކޭޝަން ފޯމު ޑައުންލޯޑުކޮށް، އެ ފޯމު ފުރިހަމަ ކުރުމަށްފަހު ފޯމުގެ ފޮޓޯއެއް ނުވަތަ ސްކޭން ކޮޕީއެއް [email protected] އަށް މެއިލް ކުރުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މީގެ ކުރިން ބީއެމްއެލްގެ އިންޓަނެޓްގެ ބޭންކިންގް ގެ ހިދުމަތަށް ރަޖިސްޓްރީ ވުމަށް ފޯމު ހުށަހަޅަން ޖެހެނީ ބޭންކުގެ ކޮންމެވެސް ބްރާންޗަކަށެވެ. އޮންލައިންކޮށް އިންޓަނެޓް ބޭންކިންގް ގެ ހިދުމަތަށް ރަޖިސްޓްރީ ވުމަށް މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލި ފުރުސަތާއެކު އެކަމަށް ކަސްޓަމަރުންގެ ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލް އިންޓަނެޓް ބޭންކިންގެ އެހީގައި ބޭންކަށް ނުވަތަ އޭޓީއެމަށް ނުގޮސް އެކައުންޓާއި ކާޑުގެ ބެލެންސް ބަލައިލުމުގެ އިތުރުން އެހެން މީހުންނަށް ފައިސާ ފޮނުވުމުގެ ފުރުސަތު ލިބެއެވެ. މީގެ އިތުރުން އެކައުންޓް ސްޓޭޓްމަންޓް ބެލުމާއި ޑައުންލޯޑް ކުރުން، ކުރެޑިޓު ކާޑާއި ލޯނަށް ފައިސާ ދެއްކުން، އަމިއްލަ އެކައުންޓުތަކަށް ފައިސާ ފޮނުވުން، އެކައުންޓު ހުޅުވުން، ޑެބިޓް ނުވަތަ ކްރެޑިޓް ކާޑަށް އެދި ހުށަހެޅުން، ލުއި ލޯނަށް އެދި ހުށަހެޅުން އަދި ބޭންކުގައި ހުންނަ އަމިއްލަ މައުލޫމާތުތައް އަޕްޑޭޓު ކުރެވެއެވެ.

ޒަމާނަށް އަންނަ ބަދަލުތަކާއެކު ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގެ ހިދުމަތް ފުޅާ ކުރުމަށް ބީއެމްއެލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޓަނެޓު، މޮބައިލް ބޭންކިން، ޕޭމަންޓްގޭޓްވޭ އަދި ޑިޖިޓަލް ވޮލެޓް ފަދަ ހިދުމަތްތައް އެ ބޭންކުން އަންނަނީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.