ވިޔަފާރި

މުދާ އޯޑަރު ކުރެވޭނެ ޕޯޓަލެއް ތައާރަފުކޮށް، ފަހި ޕްލާޒާއިން ވެސް ބޭނުންވާ ތަކެތި ގެޔަށް ފޮނުވައިދެނީ

އައިދާ އަބްދުލް ހަކީމް

މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިިޑް19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ހުޅުމާލޭގައި ހިންގަމުން އަންނަ ފަހި ޕްލާޒާއިން އޮންލައިންކޮށް ތަކެތި ގަތުމުން ގެއަށް ޑެލިވަރީ ކޮށްދޭ، "އޮންލަން ޕޯޓަލް"އެއް ތައާރަފުކޮށް މާދަމާއިން ފެށިގެން ހިދުމަތް ދޭން ނިންމައިފިއެވެ.

ފަހި ޕްލާޒާއިން ބުނީ މާދަމާ ހެނދުނު 08:00ގައި ރަސްމީކޮށް އިފްތިތާހުކުރުމަށް ނިންމާފައިވާ އެފިހާރައިގެ "އީކޮމާސް ޕޯޓަލް" http://shareefbe.online މެދުވެރިކޮށް 200 ރުފިޔާއަށް ވުރެ މަތީގެ އޯޑަރުތައް ނަގަމުންގެންދާނެކަމަށެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ރޭގަނޑު 12:00 އާ ހަމަޔަށް ހިދުމަތް ދިނުމަށް ނިންމާފައިވާކަށް ފަހި ޕްލާޒާއިން ބުންޏެވެ. މި ހިދުމަތް ދިނުމަށް ނިންމާފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކަންޏެވެ.

ފަހި ޕްލާޒާއިން ބުނީ މިހިދުމަތް ދޭން ނިންމި އެންމެ ބޮޑު ބޭނުމަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ، ކޮވިޑް19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

ފަހި ޕްލާޒާގެ އޮފިޝަލަކު ވިދާޅުވީ ކޮންމެހެން ބޭނުންވާ އެންމެ މުހިއްމު ތަކެތި މިހާރުވެސް އޮންލައިން މެދުވެރިކޮށް ލިބޭނެ ކަމަށާއި އަދި އެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތާނގައި އާންމުންގެ ހިޔާލަށް ބަލައި އޮންލައިން ޑެލިވަރީގެ ހިދުމަތް 24 ގަޑި އިރަށް ބަދަލުކުރުމުގެ އިތުރުން 200 ރުފިޔާ އަށްވުރެ ދަށުގެ އޯޑަރުތައް ވެސް ޑެލިވަރީ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ކޮންމެހެން ބޭނުންވާ އެންމެ މުހިއްމު އައިޓަމްތައް މިހާރުވެސް އޮންލައިކޮށް އޯޑަރު ކުރެވޭނެ. އަދި އަޅުގަނޑުމެން އަންނަނީ ކޮންމެ ދުވަހަކުވެސް އައިޓަމްތައް އިތުރު ކުރަމުން. އިރާދުކުރެއްވިޔާ އަޅުގަނޑުމެންގެ އުއްމީދަކީ ރޯދަމަސް އަންނައިރު މިހިދުމަތް އިތުރަށް ފުރިހަމަ ކުރުން" ފަހި ޕްލާޒާގެ އޮފިޝަލު ބުންޏެވެ.

ފަހި ޕްލާޒާ އިން ބުނީ ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެ މާޓުގެ ނަންބަރު 7370545 އަށް ގުޅުމުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

ފަހިމާޓުން އޮންލައިން އޯޑަރު ނެގުމުގެ މަސައްކަތް މާދަމާ ރަސްމީކޮށް ފެށުމަށް ނިންމާފައިވާއިރު ކޮވިޑް19 އިން އާންމުން ރައްކާތެރި ކުރުމުގެ ގޮތުން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދުވަނީ ފިހާރަތަކުގެ ނަންބަރު ލިސްޓެއް އާންމުކޮށް، ފިހާރަތަކަށް ނުގޮސް މުދާ ގެޔަށް ޑެލިވާ ކޮށްދިނުމަށް އެދިފައެވެ.