ޚަބަރު

ކައުންސިލް އިންތިހާބު ފަސްކުރަން ގާނޫނަަށް ގެންނަން ޖެހޭ އިސްލާހު އޭޖީ ގެންދަވަނީ ޑްރާފަޓް ކުރައްވަމުން: ރޮޒެއިނާ

އިބްރާހިމް ޒަކީ

ކޮވިޑް 19 އާއި ގުޅިގެން އަންނަ މަހުގެ 18އަށް ފަސްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިތުރަށް ފަސް ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ޑްރާފްޓް ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ރޮޒެއިނާ މިއަދު ވިދާޅުވީ، އިންތިހާބު ފަސް ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުގެ މަސައްކަތް އޭޖީ ކުރައްވަމުން ގެންދަވާ ކަަމަށާއި، އެ ޑްރާފްޓް ނިމުމުން އޭޖީިން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އެއަށްފަހު މަޖިލީހުން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

އިންތިހާބު ފަސް ކުރުމަށް ކުރިޔަށް ގެންދިޔަ މަަސައްކަތުގެ ތެރެއިން ގާނޫނަށް އިސްލާހު ގެނެސްގެން އިންތިހާބު ފަސްކޮށްދޭނެ ކަމުގެ ޔަގީންކަން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އިލެކްޝަންސް ކޮމިޝަނަށް ވަނީ ދީފައެވެ. އަދި ކޮވިޑް 19 އާއި ގުޅިގެން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސަރުކާރު ބަންދުކޮށް، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް މިވަގުތަށް ހުއްޓުމެއް ގެނެސްފައިވީ ނަމަވެސް މަޖިލީހުން ކޮންމެހެން ކުރަން ޖެހޭ ކަންތައްތައް ކުރައްވާނެ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮތް މަޖިލިސް ޖަލްސާގައި، ވާހަކަފުޅުދައްވަމުުން މަޖިލިސް ރައީސް ވިދާޅުވީ، ދެން މަޖިލީހުގެ ޖަލްސާތަކުގައި ކުރިޔަށްދާނީ ހާއްސަ މަސައްކަތްތައް ކަމަށާއި އެގޮތުން ކައުންސިލް އިންތިހާބު ފަސް ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމުގެ މަސައްކަތްވެސް އެބަ އޮތް ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ، ހަތަރުވަނަ ދުވަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި އެއްކޮށް ބާއްވަން ހަމަޖައްސާފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، އޭޕްރީލްމަހުގެ 18ގެ ނިޔަލަށް ފަސް ކުރުމަށް ފަހު، ކޮވިޑް 19ގެ ސަބަބުން އިއުލާން ކުރި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އިންތިހާބު އިތުރަށް ފަސްކުރަން ޖެހޭ ކަމަށް އިލެކްޝަންނުން ވަނީ ބުނެފައެވެ.

ނަމަވެސް ގާނޫނުން އިލެކްޝަންސް ކޮމިޝަނަށް ލިބިިގެންވާ ބާރުގެ ދަށުން އިންތިހާބު ފަސް ކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ އޭޕްރީލް 18 ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން ގާނޫނީގޮތުން އިންތިހާބުގެ ވޯޓުލުން ފަސް ކުރުމަށްޓަކައި އެކަމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދިނުމަށް އީސީން އެ މަައްސަލަ ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ.

ނަމަވެސް ހުށަހެޅި ދުވަހު ނޫން އަނެއް ދުވަހު އެ މައްސަލަ ހައިކޯޓުން ނަގައި ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

އެކަމާގުޅިގެން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އެ މައްސަލަ ހައިކޯޓުން ނަގައި ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބު ފަސްކުރާއިރު، އިންތިހާބު ކޮށްފައި މިހާރު ތިއްބެވި ކައުންސިލް މެންބަރުންގެ މުއްދަތަށް ބަދަލެއް ގެންނަން ޖެހިދާނެ ކަމަށް ބަލައި އެކަމުގައި ދުސްތޫރީ މައްސަލައެއް ހިމެނޭތީ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އަދި އެކަމުގައި އީސީން ސުޕްރީމްކޯޓަށް ދިޔަ މައްސަލަ ބަލައި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސުޕްރީމް ކޯޓަށް ނުދިއުމަށް އެ ކޮމިޓީން އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގައިފައެވެ. މަޖިލީހުން އެކަމަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ވެސް ކޮމިޓީން ވަނީ ދީފިއެވެ.

އެކަމާގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަވެސް މިދިޔަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ނަގައިފައެވެ.