މުނިފޫހިފިލުވުން

ކޮވިޑް 19 : ހޯމް އައިސޮލޭޝަނުގައި ތިބި ތިން ފޭނަކަށް ބްރިޓްނީ އެހީވަނީ

މަގުބޫލު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް ހޯމް އައިސޮލޭޝަނުގައި ތިބި ތިން ފޭނަކަށް އެހީވާން ހުށަހަޅައިފިއެވެ.

ހުކުރު ދުވަހު ބްރިޓްނީގެ އިންސްޓަގްރާމުގައި ހިއްސާކުރި ވީޑިއޯގައި ވަނީ ތިން ފޭނެއް ހޮވައި އެމީހުނަށް ހޯމް އައިސޮލޭޝަނުގައި އެހީވަމުންދާނެ ކަމަށެވެ.

"ބޭނުންވަނީ ކާ އެއްޗެހިކަމުގައި ވިޔަސް، ނޫނީ ދަރިފުޅަށް ނެޕީކަމުގައި ވިޔަސް، ބޭނުންވާ ކޮންމެ އެހީއެއް ޑީއެމް ކޮށްލާ، އަހަރެން އެހީވާނަން" ބްރިޓްނީގެ ވީޑިއޯގައި ބުނެފައި ވެއެވެ.

ބްރިޓްނީގެ މި ވީޑިއޯއަކީ އޮންލައިން މޫވްމަންޓެއް ކަމަށްވާ "ޑޫޔޯޕާޓްޗެލެންޖު" ގައި ބައިވެރިވުމަށް ނިންމި ކަމެއް ކަމަށް ބްރިޓްނީ ބުނެފައިވެ ވެއެވެ. އެ ޗެލެންޖަކީ މުޖުތަމައަށް އެހީވުމަށް ކުރެވިދާނެ ކަމެއް ބުނެ އިތުރު ތިން މީހަކު ނޮމިނޭޓް ކުރަން ޖެހޭ ގޮތަށް ކުރިއަށް ގެންދާ ޗެލެންޖެކެވެ.

ބްރިޓްނީ އަށް ޗެލެންޖު ކުރީ އޭނާގެ ދައްތައެވެ. ޕޯސްޓުލާފައި ބްރިޓްނީވެސް ވަނީ އިތުރު ތިން މީހަކަށް ޗެލެންޖު ކޮށްފައެވެ. އެއީ ވިލް ސްމިތު، ކޭޓް ހުޑްސަން އަދި އޭނާގެ ލޯބިވެރިޔާ ސޭމް އަސްގަރީއެވެ.

2017 ވަނަ އަހަރު ލަސް ވޭގަސްގައި ހިނގި ބަޑިޖެހުމުގައި ހާލުގައި ޖެހުނު މީހުނަށް އެހީވުމަށްވެސް ބްރިޓްނީ ވަނީ ކުރެހުމެއް ނީލަން ކިޔައި 10،000 ޑޮލަރުގެ އެހީއެއް ދީފައެވެ.

ކޮވިޑް19 އަށް އެހީވުމަށް އިތުރު ތަރިން ވެސް ވަނީ އެހީތެރިވެފައެވެ. އޭގެ ތެރޭގައި ޖަސްޓިން ޓިމްބަލޭކް، ޑޮނަޓެލާ ވެސާޗީ އަދި ބާސްކެޓް ބައެއް ކުޅުންތެރިން ހިމެނެއެވެ. މީގެ އިތުރުންވެސް ގިނަ ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ އެކި ގައުމުތަކަށް އެހީވަމުންނެވެ.

ހާއްސަކޮށް އަލީބާބާގެ ބާނީ ޖެކް މާ ފާހަގަ ކޮށްލެވެއެވެ. އޭނާ ވަނީ އެމެރިކާއަށާއި އެފްރިކާ އަދި އޭޝިއާގެ ބައެއް ގައުމުތަކަށް އެހީތެރިވާން ނިންމައި އެކަން އިއުލާނު ކުރައްވާފައެވެ. ޖެކް އެހީވާ ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ.