ފޮރިން މިނިސްޓްރީ

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަށް ސަމާލުވުމަށް އެދިއްޖެ

ނުރައްްކާތެރި ކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19އިގެ ސަބަބުން މިދުވަސްވަރު ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަށް ފޮރިިން މިނިސްޓްރީން އެދިއްޖެއެވެ.

މިކަމަށް އެދި ފޮރިން މިިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީ މިދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި ފާހަގަވާތީ އެކަމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ރަޖިސްޓަރީ ކުރުމަށްވެސް އިލްތިމާސްކުރާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ވައިގެ މަގުން ރާއްޖެ އަންނަ މީހުންގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ މީހުން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ މީހުންގެ ޕާސްޕޯޓް ނަންބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލު ދުރާލައި މއެ މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށް އެދޭ ކަމަށް ވެސް ބުނެފައި ވެއެވެ.