އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 44

އަބްދުﷲ ފާރޫގް ހަސަން

3

(16 މާޗުގެ އަދަދާއި ގުޅޭ)

އަހަރެން ތިޔަބައިމީހުންގެ ގާތުގައި ބުނަން ބޭނުމެވެ. ޢިރާޤަކީ ތިޔަބައިމީހުންގެ ވަޒަނެވެ. މިވަޒަން ދިފާޢުކުރުމަކީ ތިޔަބައިމީހުންގެ ވާޖިބެކެވެ. ތިޔަބައިމީހުން އެވާޖިބާމެދު ޣާފިލުވިކަމުގައިވިޔަސް މުސްލިމުންނަކަށް އީރާނުގެ ހިސާބެއްނެތްފަދަ ޢަސްކަރީ ބާރުގެ ކުރިމައްޗަކު ހިފަހައްޓައެއް ނުލެވޭނެއެވެ. އެއީ ޔަޤީންކަމެކެވެ. އެހެންކަމުން އަހަރެން އެދެނީ އެފަތަޙައިގެ ރީތި ނަން ތިޔަބައިމީހުންނަށް ލިބުމެވެ. ތިޔަބައިމީހުންނަށް އެންމެ ފައިދާހުރިގޮތަކީވެސް އެއީއެވެ.

ހުރުމުޒު ކަހަލަ އަނިޔާވެރީންގެ އަނިޔާވެރިކަމާއެކުވެސް ތިޔަބައިމީހުންގެ ޝަހެންޝާހާމެދު ތިޔަބައިމީހުންގެ ހިތުގައިވާ ލޯތްބާއި ވަފާތެރިކަމަށް ފަރަގެއް ނާންނަކަން ތިޔަބައިމީހުން ސާބިތުކޮށްދީފިނަމަ، އަދި ތިޔަބައިމީހުންގެ ފުރާނަތަކާ ކުޅެގެން ތިޔަބައިމީހުންގެ ގޯތިގެދޮރާއި ދަނޑުފަނގުތައް ތިޔަބައިމީހުންގެ ދުޝްމިނުންގެ ކިބައިން ސަލާމަތްކޮށްފިނަމަ ހުރުމުޒަށްފަހު އެކަހަލަ އަނިޔާވެރިޔަކު ތިޔަބައިމީހުންގެ މައްޗަށް ފާވާކަށެއް ޝަހެންޝާހު ރުހިވަޑައެއް ނުގަންނަވާނެއެވެ. ތިޔަބައިމީހުން އަހަންނަށް އިތުބާރުކުރާނަމަ އަހަރެން ވަޢުދުވަމެވެ. ހުރުމުޒުގެ ބަދަލުގައި ވަޑައިގަންނަވާ ގަވަރުނަރަކުވާނީ އޯގާވެރި ޢަދުލުވެރި ވެރިޔަކަށެވެ. ނަމަވެސް ކިސްރާގެ ރައްޔިތުންގެ ޙައިޘިއްޔަތުން ތިޔަބައިމީހުންގެ މަސްއޫލިއްޔަތު ތިޔަބައިމީހުން އިޙްސާސް ނުކޮށްފިނަމަ ތިޔަބައިމީހުންނަކީ ކުޑަވެސް އޯގާވެރިކަމެއް ޙައްޤުބައެއް ކަމުގައެވެ ނުބެލެވޭނެއެވެ. ތިޔަބައިމީހުންނަށް ހެޔޮއެދޭ އީރާނު މީހުންނަށް ކިސްރާގެ ކުރިފުޅުމަތީގައި ތިޔަބައިމީހުންގެ ޙިމާޔަތުގައި ވާހަކަދެކެވުން ތިޔަބައިމީހުން އެދޭނަމަ ތިޔަބައިމީހުންގެ ކުރިމަތީގައި އޮތީ ޤައުމުގެ ދިފާޢުގައި މޭތައް އައްޑަނަތަކަކަށް ހަދަން ބޭނުންވިހިނދު ތިޔަބައިމީހުން ތިބީ އީރާނު މީހުނަށްވުރެ ފަހަތަކު ނޫންކަން ސާބިތުކޮށްދިނުމެވެ. އަހަރެން ވަރަށް އަވަހަށް މިއުޅެނީ މުސްލިމުންނާއި އަހަރެމެންނާ ދެމެދު ނިޔާކަނޑައެޅޭނެ ހަނގުރާމައެއްގައި ބައިވެރިވާން ދާންވެގެންނެވެ. އަހަރެންގެ އެދުމަކީ އަހަރެން މިތަނުން ދަތުރު ފަށާއިރު އަހަރެމެންގެ ސަރަޙައްދުގެ ޒުވާނުންކުރެ ކަނޑީގައި ހިފޭހައި ވަރުހުރި ކޮންމެ ޒުވާނަކު އަހަންނާއެކުގައިވުމެވެ."

ޢުމުރުން ދުވަސްވެފައިހުރި ޢަރަތްބެއް ކުރިޔަށް ޖެހިލައިފައި ހަރުއަޑުން ޖަވާބުދިނެވެ. "މިސަރަޙައްދުގެ އެކަކަށްވެސް قبــاد ގެ ދަރިކަލުންނަކަށް ބޭވަފާތެރިއެއް ނުވެވޭނެއެވެ. އަޅުގަނޑުމެން މިތިބީ މަނިކުފާނުގެ އަރިހުގައެވެ."

ޒުވާނެއް ޖަވާބުދިނެވެ. "ސާހިބާއެވެ! އަޅުގަނޑުމެން އެންމެންވެސް މިތިބީ މަނިކުފާނާ އެކުގައެވެ. އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ފަސްވެ ހުންނާކަށެއް ނުރުހޭނެއެވެ."

ޒުވާނާގެ ވާހަކައާ ވިދިގެން ކޮންމެ ޢާއިލާއަކުވެސް މުސްކުޅީންނާއި ޒުވާނުން ޒަރުބަޚުތަށް ތާއީދުކޮށް އަޑުއުފުލާން ފެށިއެވެ.

ޒަރުބަޚުތު އިރުކޮޅަކު ހިމޭނުން ހުންނެވިއެވެ. އޭނާ އަތްޕުޅުން އިޝާރަތްކުރައްވައި މީހުންގެ ވާހަކަތައް ހުއްޓުވުމަށްފަހު ވިދާޅުވިއެވެ. ތިޔަބައިމީހުން ހަނގުރާމަޔަށް ތައްޔާރުވާށެވެ. އަހަރެމެން ހަފްތާއެއްހައި ދުވަހުގެ ތެރޭގައި މިތަނުން ފުރާނަމެވެ. އޭގެކުރީން އަހަރެންގެ މަސައްކަތަކަށް ހަދާނީ ވަށައިގެންމިހިރަ ހުރިހައި އަވަށްއަވަށުގެ ބިންވެރީންގެ އަރިހަށް ޒިޔާރަތްކުރުމެވެ. އަހަރެން އެބޭފުޅުންގެ އަރިހުގައި ދަންނަވާނަމެވެ. ތިޔަބޭފުޅުންގެ އަވަށުގެ ދަނޑުވެރީން ހަނގުރާމަޔަށް ތައްޔާރުކުރައްވާށެވެ. އަހަރެން ތިޔަބައިމީހުންނަށްވެސް އިލްތިމާސްކުރަމެވެ. ތިޔަބައިމީހުންވެސް ތިޔަބައިމީހުންގެ ޤަބީލާތަކުގެ ނުފޫޒުހުރި މީސްމީހުންގެ ގާތަށް ދާށެވެ. މާޒީގެ ހިތި ހަނދާންތައް ދޫކޮށްލައިފައި އެބައެއްގެ ސަރަޙައްދެއްގެ ބިންވެރީންނާ އެއްބާރުލާން އެބައިމީހުންނަށް ވިސްނައިދޭށެވެ."

އެއްވެފައިތިބި މީހުންގެ އެންމެފަހަތު ސަފުގައިހުރި ޢަރަބީންގެ މީހެއް ކުރިޔަށްއައިސް ޒަރުބަޚުތުގެ އަރިހަށް ހުއްޓިފައި ދެންނެވިއެވެ. "މަނިކުފާނަށްޓަކައި އަޅުގަނޑުމެންގެ ފުރާނަތައް ހާޒިރެވެ. އެކަމަކު ދަންނަވަންތޯއެވެ. އީރާނުގެ އެހެނިހެން ބިންވެރީން މަނިކުފާނުގެ ބައްޕާފުޅުފަދަ ހެޔޮލަފާ، އޯގާވެރި، އިންސާފުވެރި ބަޔަކަށްވީނަމަ ކިސްރާއަށް ފަތަޙަ ލިބިވަޑައިގަތުމަށްފަހު ހުރުމުޒު ކަހަލަ އެހެން ޖައްލާދަކު އަޅުގަނޑުމެންގެ މައްޗަށް ފާނުވާނެކަމުގެ ހިތްހަމަޖެހުން އަޅުގަނޑުމެންނަށް ލިބިއްޖައީހެވެ. ކިސްރާއަށް ވަފާތެރިކަން ސާބިތުކޮށްދިނުމުން ޢަރަބީންގެ ތަޤްދީރު ބަދަލުވެދާނެކަން ޢިރާޤުގެ ހުރިހައި ޢަރަބި ޤަބީލާތަކަކަށް އަޅުގަނޑުމެން ޔަޤީންކޮށްދީފީމުހެވެ. އަޅުގަނޑުމެން ނަސީބުދެރަ ބަޔަކަށްވީ އެއްވެސް އިރެއްގައި ކިސްރާއަށް ބޭވަފާތެރިވެފައި އޮވެގެނެއް ނޫނެވެ. އަޅުގަނޑުމެންނަކީ ޢަރަބީންކަމުގައި ވީތީއެވެ. އަޅުގަނޑުމެންގެ އީރާނީ ސާހިބުން ދެކެވަޑައިގަންނަވާ ގޮތުގައި ފުރާތުކޯރާއި ދިޖުލަތުކޯރުގެ ފެނަށްވުރެވެސް އަޅުގަނޑުމެންގެ ލޭގެ އަގު މާހެވެވެ. قبــاد އަކީ އަޅުގަނޑުމެންގެ މުޙުސިނެކެވެ. އޭނާގެ ދަރިކަލުންނަށް އިމްތިޙާނުގެ ވަގުތުގައި އަޅުގަނޑުމެން އޭނާއަށް އެހީތެރިވެނުދިންކަމުގައި ޝަކުވާކުރައްވާނެ ފުރުޞަތެއް އަޅުގަނޑުމެން އަރުވާކަށެއް ނެތީމުއެވެ. ނަމަވެސް މަނިކުފާނުވެސް އެވަޢުދެއް ފުއްދެވުމުގެ އިޚްތިޔާރު ލިބިވަޑައިގެންފައިނުވާ ވަޢުދެއް އަޅުގަނޑުމެންނަށް ނުކުރެއްވުން އެދެމެވެ.

އެބައެއްގެ އަޚުންނާއި ފިރިހެންދަރީން ރޫމީންނާ ދެކޮޅަށް އީރާނު ކުރި ހަނގުރާމައިގައި ފުރާނަ ޤުރުބާންކޮށްފައިތިބި މީހުން މިތާނގައި އެބަތިއްބެވެ. މަނިކުފާނު ތަޤްރީރުކުރެއްވިއިރު އަޅުގަނޑުގެ ހަނދާނަށްއައީ އީރާނާއި ރޫމުގެ ހަނގުރާމައިގެ ދުވަސްވަރެވެ. މަނިކުފާނުގެ ބައްޕާފުޅު މިހިސާބުގަނޑުގެ ހުރިހައި އަވަށްއަވަށެއްގެ އެންމެން އެއްކުރައްވައިގެން ތަޤްރީރުކުރައްވައި އުޅުއްވި ހަނދާނެވެ. އެހެނިހެން ބިންވެރީން ގަދަކަމުން ހަނގުރާމަ މައިދާނަށް ފައްސައި ފޮނުވި މީހުންގެ ޢަދަދަށްވުރެ މަނިކުފާނުގެ ބައްޕާފުޅުގެ ވާހަކަފުޅުގެ އަސަރުގައި ހިތުން ރުހުމުން ހަނގުރާމަޔަށް ނުކުތް މީހުންގެ އަދަދު މާގިނައެވެ. އެދުވަސްވަރު މަނިކުފާނުގެ ބައްޕާފުޅުވެސް އަޅުގަނޑުމެންނަށް ޔަޤީންކޮށްދެއްވީ އަޅުގަނޑުމެން ހަނގުރާމައިން އެނބުރި އައުމުން ހުރުމުޒު އަޅުގަނޑުމެންނަށް އަނިޔާ ނުކުރައްވާނެކަމަށެވެ. އެކަމަކު ހަނގުރާމަޔަށްފަހު ހުރުމުޒު އަޅުގަނޑުމެންނާ ދޭތެރޭގައި ކަންތައްކުރެއްވިގޮތް މަނިކުފާނުވާނީ ލޯފުޅުން ދެކެވަޑައިގެންފައެވެ. އަޅުގަނޑުމެންގެ އަޑުތައް ފޯރީ ހަމައެކަނި قبــاد ގެ ކަންފަތްޕުޅާ ހަމަޔަށެވެ. ނަމަވެސް އަޅުގަނޑުމެންނަށް އޭނާވެސް ފެނުނީ އަޅުގަނޑުމެންނެކޭ އެއްފަދައިން އަނިޔާ ލިބިވަޑައިގެންފައިވާ އާރެއްބާރެއް ނެތް އިންސާނެއްގެ ގޮތުގައެވެ.

ރޫމީންނާއި ފާރިސީންނާ ދެމެދު ހިނގި ހަނގުރާމައިގައި އެބަޔެއްގެ ފިރިހެންދަރީން ޤުރުބާންވެފައިވާ އެތައްބަޔަކު މިތާގައި އެބަތިއްބެވެ. އެހެނިހެން އަވަށްއަވަށުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އަޅުގަނޑު ދައްކާނީ އަޅުގަނޑުގެ އަވަށުގެ ވާހަކައެވެ. އެއަވަށުގެ ޒުވާނުންކުރެ އެއްކުއްޖަކީ ފަޤީރު ދަނޑުވެރިޔެއްގެ ދަރިޔަކަށްވިޔަސް ރަސްދަރިކަލެއްފަދަ ރީތި ޒުވާނެކެވެ. އޭނާއަކީ މަނިކުފާނުގެ ބޭބޭފުޅުގެ ރަޙުމަތްތެރިޔެކެވެ. މަނިކުފާނުގެ ބޭބޭފުޅުގެ އަރިހުގައި އޭނާ ހަނގުރާމަޔަށް ދިޔަފަހުން އެތައް އަހަރެއްވީއިރުވެސް އަޅުގަނޑުމެންނަކަށް އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ. އޭނާ އެނބުރި އައުމުން އޭނާއަށް އޭނާގެ ގޭގެ ބަދަލުގައި ފެނުނީ އަޅިފުންޏެކެވެ. އަވަށުގެ އާރެއް ބާރެއްނެތް ނިކަމެތީން އޭނާއަށް ކިޔައިދިނީ އޭނާ އެނބުރި އާދޭތޯ ހެނދުނާއި ހަވީރު މަގުބަލަބަލައިތިބި މުސްކުޅި ބައްޕައާއި، ޒުވާން ކޮއްކޮއާއި ލޯބިލޯބި އަންހެންކޮއްކޮ ހުރުމުޒުގެ ތިމާގެފުޅު ބޭފުޅެއްގެ އަތްޕުޅުން ދުނިޔެއިން ވަކިވެވަޑައިގެންފި ވާހަކައެވެ. އަވަށުގެ ކުޑަކުދީންގެ ގާތުގައި ތިމަންގެ ބޭބެ ކޮންމެވެސް ދުވަހަކުން އެތަކަށް ސަވާރުވެވަޑައިގެން ވަޑައިގަންނަވާނެއެވެ ވިދާޅުވެ ވާހަކަ ދައްކަވައި އުޅުއްވި ތުއްތުކޮއްކޮ ހައްޔަރުކޮށްފި ވާހަކައެވެ."

އެއްވެފައިތިބި މީހުން ތިބީ އެމުސްކުޅިޔާގެ ވާހަކައާމެދު ކަންބޮޑުވެފައެވެ. ނަމަވެސް އެކަކަށްވެސް އޭނާގެ ވާހަކަ ހުއްޓުވާކަށެއް ނުކެރުނެވެ.

ޒަރުބަޚުތު ވިދާޅުވިއެވެ. "ތިޔަދައްކަނީ حسّان ގެ ވާހަކަހެއްޔެވެ؟"

"އާދޭހެވެ. އަޅުގަނޑު ދަންނަވާން މިއުޅެނީ އަޅުގަނޑުމެންގެ މުސްތަޤުބަލާމެދު އަޅުގަނޑުމެން ރަނގަޅު އުންމީދުތަކެއް ނުކުރާ ވާހަކައެވެ. އެހެންކަމުގައިވިޔަސް އަޅުގަނޑުމެން މަނިކުފާނު މާޔޫސެއް ނުކުރުވާނޫއެވެ. އަޅުގަނޑުމެން މިތިބީ މަނިކުފާނުގެ ކޮންމެ އިޝާރަތަކަށް ފުރާނަދޭން ތައްޔާރަށެވެ. ނަމަވެސް އަޅުގަނޑުމެން ޤުރުބާންވާނީ އީރާނުގެ އަހުލުވެރިޔަކަށް ވެވަޑައިގަތުމާއެކުވެސް އަޅުގަނޑުމެންނާމެދުވެސް އިންސާނުންގެ ޙައިޘިއްޔަތުން ކަންތައް ކުރެއްވުން ޙައްޤުކަމުގައި ބައްލަވާނެ ޝަހެންޝާހަކަށްޓަކައެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. ތިޔަބައިމީހުން އަހަންނަށް އިތުބާރު ނުކުރާނަމަ އަހަރެން ޒަރުދަޝްތު ގަންދީ ބުނަމެވެ. މިހަނގުރާމަޔަށްފަހު އަހަރެންގެ ދިރިހުރުމާއި މަރުވުން އޮންނާނީ ތިޔަބައިމީހުނާ އެކުގައެވެ. ތިޔަބައިމީހުންނަށް އަނިޔާކުރާ ބައެއްގެ އަތުން އަހަންނަށް ކަނޑި އަތުލައިނުގަނެވިއްޖެނަމަ އަހަރެންގެ އެންމެފަހުގެ މަސައްކަތަކަށްވާނީ އަހަރެންގެ ހަށިގަނޑު ތިޔަބައިމީހުން އައްޑަނަޔަކަށް ހެދުމެވެ."

ޒުވާނެއް ހަރުއަޑުން ގޮވައިލިއެވެ. "އަޅުގަނޑުމެން މިތިބީ މަނިކުފާނުގެ އަރިހުގައެވެ." އެހައިތަނުން އެއްވެފައިތިބި އެންމެން ޖޯޝާއި ފޯރިއާއެކު ގޮވާން ފެށިއެވެ." އަޅުގަނޑުމެން އެންމެން މިތިބީ މަނިކުފާނުގެ އަރިހުގައެވެ."

ޝުކުރުވެރިވެވަޑައިގަތުމާއި އިޙްސާންތެރިކަން ޤަބޫލުކުރެއްވުމުގެ ޖަޒުބާތުން ޒަރުބަޚުތުގެ ކަނދުރާފުޅު ދިޔައީ ލެނބެމުންނެވެ. އިރުކޮޅެއްގެފަހުން މީހުންތައް ގޭގެއަށްދާން ފަށައިފިއެވެ. ޒަރުބަޚުތުގެ ވާހަކަފުޅުގެ ޖަވާބުގައި ވާހަކަދެއްކި ޢަރަބީންގެ މީހާ އޭނާގެ އެކުވެރިޔަކު ގާތު ބުންޏެވެ. "އަހަންނަށް ހީވާގޮތުން قبــاد ގެ ދަރިކަލުން ހުރުމުޒުގެ ޤާއިމްމަޤާމަކަށް ވެވަޑައިގަތުމުގެ ހުވަފެންފުޅު ދެކެވަޑައިގަންނަވަނީއެވެ."

"އެހެންވެދާނެ ބާވައެވެ؟"

"އޭނާއަށް ހުރުމުޒުގެ ޤާއިމްމަޤާމަކަށް ވެވަޑައިގެންނެވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އޭގެފަހުން އޭނާގެ ހަމްދަރުދީ ޢަރަބީންނާ އެކުގައިވުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. އެހެނީ ހުރުމުޒު މަރުވިކަމުގައިވިޔަސް ޢަރަބީން މުށްދަށުލުމަށްޓަކައި ހެޔޮލަފާ ރަނގަޅު ވެރިޔަކަށްވުރެ ނުލަފާ ޖައްބާރަކު ބޭނުންވާ އީރާނީ ބިންވެރީން ދިރިއެބަތިއްބެވެ. ޒަރުބަޚުތަށް ހުރުމުޒުގެ ޤާއިމްމަޤާމަކަށް ވެވަޑައިގެންނެވޭނީ އޭނާ ޖައްލާދަކަށް ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވިއްޔާއެވެ."

"ކަލޭގެ މުރާދަކީ އަހަރެމެން އޭނާއާ ބައިވެރިނުވާންވީހެއްޔެވެ؟"

"ނޫނެކެވެ. އަހަރެމެންނަށް އޭނާއާ ބައިވެރިނުވެ ހެދޭނެގޮތެއް ނޯންނާނެއެވެ. އޭނާގެ ބައްޕާފުޅަކީ އަހަރެމެންގެ މުޙުސިނެއްކަމުގައި ނުވިޔަސް އަހަރެމެންނަކަށް އޭނާގެ އަމުރުފުޅަކާ ދެކޮޅެއް ނެހެދޭނެއެވެ."

(ނުނިމޭ)