ޚަބަރު

އެއްވެސް ޑޮކިއުމެންޓެއް ނެތި އުޅޭ ބިދޭސީން ވެސް އަނބުރާ ގައުމަށް ދެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފި

އައިދާ އަބްދުލް ހަކީމް

އެއްވެސް ޑޮކިއުމަންޓެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ވެސް އެމީހުންގެ ގައުމަށް އަނބުރާ ދެވޭނެ ގޮތް ސަރުކާރު ހަމަޖައްސާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްރީގެ މީޑިއާ އޮފިޝަލް އާމިނަތު ނާދިޔާ "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ރާއްޖޭގައި ޕާސްޕޯޓު ނެތި އަދި އެއްވެސް ޓޮކިއުމަންޓެއް ނެތި ވަރަށް ގިނަ ބިދޭސީން އުޅެމުންދާ ކަމަށެވެ. އެހެންކަމުން އެމީހުންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެމީހަކު ނިސްބަތްވާ ގައުމުގެ އެމްބަސީއާއި ގުޅިގެން ޓްރަވެލް ޑޮކިއުމަންޓް ހޯދައި، ދިވެހި ސަރުކާރުގެ ހަރަދުގައި ފުރޭނެ ގޮތް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

ޓްރަވަލް ޑޮކިއުމަންޓް ބޭނުންވާ ފަރާތްތައް ގޭގައި ތިބެގެން އެމީހެއްގެ ނަމާއި ޕާސްޕޯޓް ނަންބަރު، ވޯކްޕާމިޓް ނަންބަރު ނުވަތަ އައިޑެންޓިޓީ ކާޑް ނަންބަރު އެމިނިސްޓްރީގެ 7205648 ނަންބަރަށް އެސްއެމްއެސް ކުރުމަށް އެދޭ ކަމަށާއި ލިޔެކިއުންތައް ހޯދުމަށް އެމިނިސްޓްރީގެ އޮފީސް ކައިރިޔަށް އެއްނުވުމަށާއި މެސެޖް ފޮނުވާލުމުން އެކަންކަން ހަމަޖައްސައި އެފަރާތްތަކަށް ގުޅަމުން ގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ސިއްހީ މާހިރުން ވިދާޅުވާގޮތުގައި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް19 ރާއްޖެއިން ފެނިފައިވާއިރު މިބަލި އިތުރަށް ފެތުރިއްޖެނަމަ ރާއްޖޭގައި ދިރި އުޅެމުންދާ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކަށް މިބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ރޯގާގެ އަލާމާތްތައް ހުންނަ މީހުން ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުގޮސް ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމަށް ޓަކައި މާލޭގައި ވެސް ދެ ކުލިނިކެއް ހުޅުވާފައެވެ. އެއީ ސެނެހިޔާގައި ގާއިމުކުރި ފްލޫ ކުލިނަކާއި މާލެ ހިޔާ ދޭއްގެ ފުރަގަހުގައި ހުންނަ ޖާގައިގައި ގާއިމްކުރި ޓްރެވަލް ކުލިނިކެވެ.

ސަރުކާރުން ވަނީ ހުޅުމާލޭގައި ވެސް ފުލޫ ކުލިނިކެއް ހުޅުވާފައެވެ. އެތަން ހާއްސަކޮށްފައިވަނީ ބިދޭސީންނަށެވެ. އެތަނަށް ދާއިރު ވޯކްޕާމިޓެއް ކަހަލަ އެއްޗެއް ނެތަސް ހިދުމަތް ލިބޭނެގޮތް މި ވަގުތަށް ވަނީ ހަމަޖައްސާވަ އެވެ. އެ ކުލިނިކުން ހިދުމަތް ދޭނީ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ.

ބިދޭސީންނަށް މިފަދަ ގޮތަކަށް ހިދުމަތްދޭ ކްލިނިކެއް ގާއިމްކޮށްފައި މިވަނީ ސައްހަ ލިޔެކިއުންތައް ނެތް ގިނަ އަދަދެއްގެ ބިދޭސީން އުޅޭތީ، ރޯގާގެ އަލާމާތްތައް ފެނުނަސް އެމީހުންގެ އަތުގައި ލިޔެކިޔުމެއް ނެތުމުން ޑޮކްޓަރަށް ދައްކަން ނުގޮސް ތިބެދާނެ ކަމުގެ ކަންބޮޑުވުން އޮތަތީ އެވެ.