އެފްއޭއެމް

ކޮވިޑް 19 : އެފްއޭއެމްގެ ކޮންގްރެސް ފަސްކޮށްފި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސް ފަސްކޮށްފިއެވެ.

އެފްއޭއެމުން ބުނީ ފީފާ އާއި އޭއެފްސީގެ ލަފަޔާއެކު ހާލަތު ރަނގަޅުވަންދެން އެ އެސޯސިއޭޝަނުގެ ކޮންގްރެސް ފަސްކޮށްފައިވާ ކަމަށެވެ.

ކުރިން މިރޭ 8:30ގައި ބާއްވަން ހަމަޖެއްސި ކޮންގްރެސް ފަހުން ބާއްވާނެ ތާރީހު ފަހުން އިއުލާނުކުރާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމްގެ ކޮންގްރެސްގައި އެ އެސޯސިއޭޝަނުގެ އިންތިހާބު ވެސް ބޭއްވުމަށް ވަނީ ހަމަޖައްސައިފައެވެ. އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތި ލާފައިވަނީ މިހާރުވެސް އެމަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް އެކަންޏެވެ. އެހެންކަމުން ކޮންގްރެސްގައި ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން އިއްޔެ އިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ސަރުކާރު ބަންދުކުރަން ވެސް ނިންމާފައިވެއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ކުޅިވަރު މުބާރާތްތައް މެދުކަނޑާލާފައިވާ އިރު، ދުނިޔޭގެ ބޮޑެތި ލީގުތައް ވެސް ވަނީ މެދުކަނޑާލައިފައެވެ. އޭގެ އިތުރުން ކުރިން މިއަހަރު ބޭއްވުމަށް ތާވަލުކުރި ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް އަންނަ އަހަރަށް ވަނީ ފަސްކޮށްފައެވެ.