ފިލިޕީންސް، މެލޭޝިއާ، އޮސްޓްރޭލިއާ އަދި އިންޑިއާގައި ދިރިއުޅޭ ދިވެހިންނާއި އެގައުމުތަކަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މުޅި ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެމުންދާތީ އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ އެގައުމުގެ ރައްޔިތުން ފިޔަވައި، އެހެން ފަރާތްތަކުން އެގައުމަށް އެތެރެވުން އިއްޔެ (އޮސްޓްރޭލިއާ އީސްޓަން ސްޓެންޑަޑް ޓައިމްއިން ރޭގަނޑު 9 އިން ފެށިގެން) މަނާކޮށްފައި ކަމަށެވެ. އޮސްޓްރޭލިއާގެ ރައްޔިތުންނާއި، ދާއިމީ ރަށްވެހިންނާއި، އެމީހުންގެ ގާތް އާއިލީ ބޭފުޅުން (ފުރަތަމަ ދަރަޖައިގެ އާއިލީ ގުޅުން އޮންނަ މީހުން) އޮސްޓްރޭލިއާއަށް އެތެރެވުމަށްފަހު، 14 ދުވަހު ގޭގައި ހޯމް އައިސޮލޭޝަންގައި ތިބެން ޖެހޭނެކަމަށް ވެސް އިއުލާނުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ކޮވިޑް 19 ފެތުރޭތީ އިންޑިއާ ސަރުކާރުން ވަނީ މިމަހުގެ 22 އިން 29އަށް (އިންޑިއާ ގަޑިން 05:30 އިން ފެށިގެން)، ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބައިނަލްއަގުވާމީ ކޮމާޝަލް އެއާލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް 19އާ ގުޅިގެން މެލޭޝިއާއިން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފައި ކަމަށެވެ. އެގޮތުން އިއްޔެއިން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެގައުމުގެ ސަރުކާރުން ކުރިއަށްގެންދާ "މޫވްމަންޓް ކޮންޓްރޯލް އޯޑަރު"ގެ ދަށުން، އެގައުމުގައި ތިއްބައި ވިސާގެ މުއްދަތު ހަމަވާ ބިދޭސީންނަށް، މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތްނަމަ، ސްޕެޝަލް ޕާސް އަކާ ނުލައި ފުރޭނެކަމަށް އެގައުމުން އަންގާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ކޮވިޑް 19އާ ގުޅިގެން ފިލިޕީންސްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 17 މާޗު 2020 ވަނަ ދުވަހުގެ ރޭ 00:00 އިން 13 އޭޕްރިލް 2020 ވަނަ ދުވަހުގެ ރޭ 00:00 އަށް، އެގައުމުގައި "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" ގެ ހާލަތު އިއުލާންކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެގައުމުން ފުރާ ފަރާތްތައް ފިޔަވައި، އެހެން ފަރާތްތަކަށް އަންނަނިވި ކަންތައްތައް މަނާކުރަން ވަނީ ނިންމައިފައެވެ.
މީގެ އިތުރުން، "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" ހާލަތުގެ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތެއްގެ ވިސާ ހަމަވެއްޖެނަމަ، "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" ހާލަތުގެ މުއްދަތު ހަމަވުމުގެ ފަހުން، 30 ދުވަހުގެ ތެރޭގައި އެފަރާތެއްގެ ވިސާގެ މުއްދަތު އިތުރުކުރަން ހުށަހެޅޭނެ ކަމަށް އަންގާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރަމެވެ. އަދި އެގައުމުތަކުގައި ދިރިއުޅެމުން އަންނަ ދިވެހި ރައްޔިތުން އެގައުމުތަކުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދިފައިވެއެވެ.
މީގެ އިތުރުން ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގެ އިތުރުން އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓާ ކުރުމަށްވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކުރަމެވެ.
ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، މުހިންމު ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.