ޚަބަރު

އެމްޓީސީސީން ނަގާފައިވާ ޔަންމާ އަދި ސުޒުކީ އިންޖީނަށް ފައިސާ ދެއްކުން ތިން މަހަށް ފަސްކޮށްދީފި

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް 19 ރާއްޖެއިން ވެސް ފެނުމާއެކު އެކަމުގެ ސަބަބުން އޮޑިވެރިންނާއި މަސްވެރިންގެ މަސައްކަތަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް އެމްޓީސީސީން ގަނެފައިވާ ޔަންމާ އަދި ސުޒުކީ އިންޖީނަށް ފައިސާ ދެއްކޭނެ ލުއިފަސޭހަ ޕްލޭނެއް އެކުންފުނިން ތައާރަފް ކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، އެކުންފުނިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނު ދިގު މުއްދަތަށް ފައިސާ ދައްކާ ހަލާސްކުރާ އުސޫލުން ނަގާފައިވާ ކަސްޓަމަރުން ދައްކަން ހުރި ފައިސާ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ފަސްކޮށްދެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ މުއްދަތަށް ކަނޑައެޅިފައިވާ ފައިނޭންސް ކޯސްޓް ވެސް މާފުކޮށްދޭން ހަމަޖައްސާފައިވާ ކަމަށާއި އެބަދަލާއެކު އިސްލާހުކުރެވިފައިވާ ޕޭމަންޓް ޝެޑިއުލް ކޮންމެ ކަސްޓަމަރަކަށް ވެސް ހިއްސާ ކުރެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.