އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން ދިޔަ އަލްމަސް ދޯނި ފެނިއްޖެ

މަރިޔަމް ޝަހުދާ

މަސްވެރިކަން ކުރަން ނުކުތްފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ އަލްމަސް ދޯނި ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މީޑިއާއަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ މި ދޯނީގެ ހަބަރެއް ވެފައި ވަނީ މިއަދު ހެނދުނު 9:05 ހާއިރު ކަމަށެވެ. އަދި ދޯނީގައި ތިބި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ފަސް ދިވެހީންނާ އެކު ގެއްލުނު މިދޯނި މިހާރު އަންނަނީ މާލެ ސިޓީއަށް ދަތުރު ކުރަމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އަދި ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުން ބުނީ އެ ދޯނި މަސްވެރިކަން ކުރަން އުޅުނީ ވ. ރަކީދޫ ކައިރީގައި ކަމަށެވެ.

މިދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ މެންދުރު 3:20 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އަދި އޭގެ ކުރިން މި ދޯންޏާއި އެންމެ ފަހުން ގުޅިފައިވަނީ މިދިޔަ އާދިއްތަ ދުވަހު ހެނދުނު 9:50 ހާއިރު ވ. އަތޮޅު ތެރެއިން ކަމަށް ވެސް އެމްއެންޑީއެފުން އިއްޔެ މައުލޫމާތު ދިނެވެ.