ފަސް ދިވެހިންނާއެކު މަސްވެރިކަން ކުރަން ނުކުތް ދޯންޏެއް ފުރި ފަހުން ހަބަރެއް ނުވެގެން ކޯސްޓްގާޑުން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ފަރު މަސްވެރިކަން ކުރަން އުޅުނު "އަލްމަސް" ނަމަކަށް ކިޔާ ދޯންޏެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ފަސް ދިވެހިންނާއެކު ދަތުރުކުރި އެ ދޯނީގެ ހަބަރެއް ނުވެގެން އުޅޭކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 3:20 ހާއިރު ކަމަށާއި އެ ދޯންޏާ އެންމެފަހުން ގުޅިފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު 9:50 ހާއިރު ވ.އަތޮޅު ތެރޭގައި އޮތްވައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯންޏަކީ ދިގުމިނުގައި 35 ފޫޓް ހުރި ބޭރުގައި ފެހި ކުލައިގެ ދަވާދު ލާފައިވާ، ބޭރުގައި ރަތް ކުލައިގެ ރޮނގެއް ދަމާފައި އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއް ކަމަށާއި އެ ދޯންޏާ ބެހޭ މައުލޫމާތެއް ލިބޭތޯ ބެލުމަށް އާންމުންގެ ފަރާތުން އެދޭ ކަމަށެވެ. އަދި އެ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.