ޕްރޮފެސަރ މުޙުސިން ޢުޘްމާނީ ނަދުވީ
ތަރުޖަމާ : އަބްދުﷲފާރޫގުޙަސަން
އިސްލާމްދީނުގައި އިސްލާމީ ދައުލަތެއް ގާއިމުކުރުން ވާޖިބުކަމުގެ ދަލީލުތަކުގެ ތެރެއިން ފާޅުކަންބޮޑު އަނެއްދަލީލަކީ ތިރީގައި މިބަޔާންކުރާ ކީރިތި މާތް އާޔަތެވެ.
"އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރު ކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ. އެކަމުން ﷲގެ ޢަދުއްވުންނާއި ތިޔަބައިމީހުންގެ ޢަދުއްވުންނާއި، އެއުރެންނޫން އެހެންބަޔަކު ބިރުގެންނެވުމަށްޓަކައެވެ. އެބަޔަކު ތިޔަބައިމީހުންނަކަށް ނޭނގެތެވެ. ﷲ އެބަޔަކު ދެނެވޮޑިގެން ވެތެވެ." (އަލްއަންފާލު : 60)
ކޮންމެވެސް މީހަކު ނިކަން ޖަވާބުދީ ބަލާށެވެ. އިސްލާމީ ވެރިކަމެއްގާއިމު ނުކޮށް މިއާޔަތަށް އަމަލުކުރެވިދާނެބާވައެވެ؟ އިސްލާމީ ދައުލަތެއްގެ މަޤްސަދުތަކުގެ ތެރެއިން މަޤްސަދަކަށްވެސް މިއާޔަތުގައިވަނީ އަލިއަޅުއްވައިލައްވައިފައެވެ. އެ މަޤްސަދަކީ ދުނިޔޭގެ ބާރުގަދަ ދައުލަތްތަކާއި އިސްލާމްދީނާ އަދާވަތްތެރި ދުޝްމިނުންނާ ކުރިމަތިލުމަށާއި އެބައިމީހުން މުސްލިމުންގެ ބާރާމެދު ޖެހިލުންކުރުވުމަށްޓަކައި ހަތިޔާރުއުފެއްދުމެވެ. އެހަތިޔާރުވާންޖެހޭނީ ޣައިރު މުސްލިމު ދައުލަތްތަކުން އިސްލާމީ ދައުލަތްދެކެ ބިރުގެންނުވޭފަދަ ބާރުގަދަ، ފެންވަރުހުރި މޮޅު ހަތިޔާރު ކަމުގައެވެ.
އިސްލާމީ ޤައުމުތަކުގައި ޕެޓްރޯޑޮލަރުގެ ކަނޑުތައް ހިނގަމުންދާއިރުވެސް މިމާތް އާޔަތަކަށް އަމަލެއް ނުކުރެއެވެ. ފެންވަރު ރަނގަޅު ހަތިޔާރު އުފެއްދުމުގެ އެކަށޭނަކަންހުރި ކާރުޚާނާތަކެއް ބިނައެއް ނުކުރެއެވެ. އިސްލާމީ ޤައުމުތަކަށް ޞިނާޢީ އިންޤިލާބެއް ނުގެނެއެވެ. އެކަށީގެންވާ ފެންވަރެއްގައި ސައެންސާއި ފަންނިއްޔާތު ކުރިއެރުވުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. އެހެންކަމުން އެޤައުމުތަކުގެ ވެރީންނަކީ މުޖްރިމުންނެވެ. އިލާހީ ހުކުމްފުޅުތަކަށް ފުރަގަސްދޭ މީހުންނެވެ. ޝައްކެއްނެތް ގޮތުގައި އިސްލާމީ ދައުލަތެއް ގާއިމު ކުރަންޖެހޭކަމަށް މިއާޔަތުން ދެއްކޭ ހެތްކަކީ ބާރުހުރި ސާބިތު ހެތްކެކެވެ.
ބަޙުޘެއްނެތި އެންމެންވެސް ގަބޫލުކުރާން ޖެހޭނެކަމެކެވެ. އިންސާނުންގެ ބަޔަކު ގުޅި އެއްބައިވެގެން މުޖްތަމައެއް އުފައްދައިފިނަމަ އެ މުޖްތަމައުގެ ކަންތައްތައް އިންތިޒާމު ކުރުމަށްޓަކައި ވެރިކަމަކާއި އިންތިޒާމީ އޮފިސަރުން ބޭނުންވާނެއެވެ. ދެން އުފެދޭ ސުވާލަކީ އެ އިންތިޒާމުތައް ބިނާކުރާންޖެހޭނީ މާތްﷲގެ މަގުދެއްކެވުމާއި، އެކަލާނގެ ރަސޫލާގެ އިރުޝާދުތަކާ އެއްގޮތަށް ބާވައެވެ؟ ނުވަތަ އެ ހިދާޔަތާއި މަގުދެއްކެވުންތަކާ އެއްކިބާވެގެންބާވައެވެ؟ ޝައްކެއްނެތެވެ. މާތްﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތްޕުޅުން ހިދާޔަތެއް ލިބިފައިވާނަމަ އެހިދާޔަތު ބޮލާލައިޖެހުމަކީ މުސްލިމުންނަށް އެކަމަށް އެއްވެސް މަގެއް އޮތްކަމެއްނޫނެވެ. އެހިދާޔަތުގައި ކޮލުދަތުން ބާރަށް ހިފަހައްޓާންޖެހޭނެއެވެ. ރެވިއޮށްޓަރެއްގެ މިންވަރުގެ ވެސް ތަފާތުކުރުމެއްނެތި އަމަލުކުރާންޖެހޭނެއެވެ.
އިންސާނާއަކީ ބިންމަތީގައި ލައްވައިފައިވާ މާތްﷲގެ ޚަލީފާއެވެ. އެހެންކަމުން ﷲ އާއި އެކަލާނގެ ރަސޫލާގެ މަގުދެއްކެވުމާ އެއްގޮތަށް ބިނާކުރެވޭ ވެރިކަމުގެ ނިޒާމަކަށް އެންމެ ކަމުދާ ނަމަކަށްވާނީ ޚިލާފަތެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވުމަށްފަހު މުސްލިމުން އިންތިޚާބުކުރި ވެރީންނަށް ކިޔައިފައިވަނީ ޚަލީފާއިންނެވެ. އޭގެ އެއްސަބަބަކީ އިތުރުސާހިބާއަށް ލިބިވަޑައިގެންފައިވާ ވެރިކަމުގެ މަގާމުގެ ނިސްބަތުގައި މުސްލިމުން އިންތިޚާބު ކުރާ ބޭކަލުންނަކީ ކައުސާހިބާގެ ގާއިމު މަގާމުންކަމުގައި ވުމެވެ.
ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތަކީވެސް މި މައިގަނޑު ނަމުގައި ވާހަކަދައްކަމުން ދާއިރު ވިސްނުން ހިންގައިލާންޖެހޭ އާޔަތެކެވެ. "ތިޔަބައިމީހުންގެ ތެރެއިން އީމާންވެ ޞާލިހު ޢަމަލުތައްކޮށް އުޅުނުމީހުންނަށް، އެއުރެންގެ ކުރީން އުޅުނު މީހުން ޚަލީފާވެރިކުރެއްވިފަދައިން، ހަމަކަށަވަރުން އެއުރެން ބިމުގައި ޚަލީފާވެރި ކުރައްވާނެކަމަށާއި އެއުރެންނަށްޓަކައި އެކަލާނގެ ރުއްސެވި އެއުރެންގެ ދީން ހަމަކަށަވަރުން އެއުރެންނަށްޓަކައި ތަމްކީނު ކުރައްވާނެކަމަށާއި އެއުރެންގެ ބިރުވެރިކަމަށްފަހު، ހަމަކަށަވަރުން އަމާންކަމަށް އެއުރެން ބަދަލުކުރައްވާނެކަމަށް ﷲ ވައުދުކުރައްވައިފައިވެއެވެ. އެއުރެން ތިމަން ރަސްކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކޮށް ތިމަންރަސްކަލާނގެއަށް އަޅުކަންކުރެތެވެ." (އައްނޫރު : 55)
މިމާތް އާޔަތް މަޝްހޫރުވެފައިވަނީ އިސްތިޚުލާފުގެ އާޔަތުގެ ނަމުންނެވެ. އަރަހުށިމާތްﷲ މިއާޔަތުގައިވަނީ މުސްލިމުންނަށް ތިންކަމެއް ދެއްވަން ވައުދު ކުރައްވައިފައިވެއެވެ. ބިމުގައި އިސްތިޚުލާފުކުރެއްވުމެވެ. ވެރިކަމާއި ދީން ތަމްކީނު ކޮށްދެއްވުމެވެ. ދީން މަތިވެރި ކުރައްވައި ނަސްރުވެރި ކުރެއްވުމެވެ. އަމަންއަމާންކަން ދެއްވުމެވެ. މިއާޔަތުން ސާބިތުވާގޮތުގައި ވެރިކަމާއި ސިޔާސީ ބާރަކީ ޝަރަފުވެރިކަމުގެ ވަސީލަތެކެވެ. އިސްލާމްދީނުގައި ވަރަށް ބޮޑު އަހަންމިއްޔަތެއް ދެވޭ ކަމެކެވެ. ހަމައެކަނި އީމާންވުމާއި ސާލިޙު އަމަލު ކުރުމަކީ ބިމުގައި ޚަލީފާވެރިކުރެއްވުމުގެ ސަބަބެއް ކަމުގެ ކުށްމާނަ އެއްވެސް ފަރާތަކުން ނުނެންގެވުން ހުއްޓެވެ. ބިމުގައި ޚަލީފާވެރިކުރެއްވުމަކީ އިތުރު މަސައްކަތަކާނުލައި އީމާންކަމާއި ހެޔޮއަމަލުގެ ސަބަބުން ހިލޭ ލިބޭ މޭވާއެއް ކަމުގައި ބެއްލެވުން ރަނގަޅެއްނޫނެވެ.
އޭގެ ހެތްކެއް ގޮތުން ދަންނަވަމެވެ. އަރަހުށި މާތްﷲ ވަނީ ރިޒުގުދެއްވާނެ ކަމަށްވެސް ވަޢުދުކުރައްވައިފައެވެ. އެކަމަކު ވަކީލުކޮށްގެން ތިބުމުގެ ނަމުގައި ދެއަތް އުރައިލައިގެން ނުވަތަ "ފިށައްސެލިވެގެން" ތިބުންވަނީ މަނާކުރައްވައިފައެވެ. ރިޒުގުހޯދަން މަސައްކަތްކުރުންވަނީ ޝަރްޢު ކުރައްވައިފައެވެ. ހަމައެފަދައިން އަރަހުށި މާތްﷲ ވަޢުދުކުރައްވައިފައިވާ ބިމުގައި ޚަލީފާވެރިކުރެއްވުމާއި ދީން މަތިވެރި ކުރެއްވުމާއި، އަމަންއަމާން ކަމުގެ ނިއުމަތަކީވެސް އެކަންކަމުގެ އަސްބާބުގައި ހިފައިގެން އަޅާނުފައި މަސައްކަތް ކުރުމުން ދެއްވާކަންތައްތަކެކެވެ.
މަތީގައި މާނަ ބަޔާންކުރި އާޔަތުންވަނީ ސިޔާސީ ބާރުގެ މުހިންމުކަން ފުރިހަމަޔަށް ބަޔާންވެ އެނގިފައެވެ. އެހެންކަމުން އެކަމަށް ފުރަގަސްދިނުމަކީ އިސްލާމްދީނުގެ މިޒާޖެއްނޫނެވެ. އެތަނެއްގައި މުސްލިމުން ތިބި އަދަދެއްގެ ނިސްބަތުން މުސްލިމުން ތިބީ ވެރިކަމެއް އުފެއްދޭފަދަ މަގާމެއްގައި ކަމުގައިވާނަމަ އެތަނެއްގައި އިސްލާމީވެރިކަމެއް އުފައްދަން މަސައްކަތްކުރުމަކީ ޝަރްއުވެވިފައިވާ ކަމެކެވެ. އެދެވިގެންވާ ވެސް ކަމެކެވެ. އިސްލާމީ ވެރިކަމެއް ގާއިމު ކުރެވިއްޖެނަމަ އެވެރިކަން ދެމެހެއްޓުމަށާއި ވަރުގަދަ ކުރާންވެސް މަސައްކަތްކުރާން ޖެހެއެވެ. އެވެރިކަމާ ދެކޮޅަށް ރޭވޭ ރޭވުންތައް ކާމިޔާބުވިޔަ ނުދޭން ބާރުއަޅާންޖެހެއެވެ. އިސްލާމްދީނުގެ ދުޝްމިނުންގެ މަކަރުވެރި ރޭވުންތަކުގެ ޝިކާރަކަށްވެ އިސްލާމީ ދައުލަތް ވައްޓައިލަން މަސައްކަތްކުރާ މުސްލިމުންވާނީ އެންމެ ނުބައި މުސްލިމުން ކަމުގައެވެ.
މިދުނިޔެއަކީ އެއްބަޔަކަށްވުރެ އަނެއްބަޔަކު ކުރިއަރަން މަސައްކަތްކުރާ ވާދަވެރިކަމުގެ ދުނިޔެއެކެވެ. އެހެންކަމުން މިދުނިޔޭގައި ވެރިކަންފަދަ އިއްޒަތާއި ޝަރަފެއްކަމުގައިވާ މުހިންމު ކަމެއް މަސައްކަތެއް ނުކޮށް ބިންމަތީގައި އިށީދެގެންތިބެ ތަސްބީހަ ކިޔައި މުނާޖާދެންނެވުމަކުން ނުލިބޭނެއެވެ. އާދޭހެވެ. " ގުމްރީ ލިބޭނީ ކޮޅަށް ތެދުވެ އެދޫނި ހިފަން މަސައްކަތްކުރި މީހަކަށެވެ." އެކަމަށްޓަކައި ބަދުރާއި ހުނައިނާއި ޚަންދަޤުފަދަ މަރުހަލާތައް ކަޑައްތު ކުރާން ޖެހޭނެއެވެ. ހުއްޓައިލުމެއް މެދުކެނޑުމެއްނެތި މަސައްކަތް ކުރާން ޖެހޭނެއެވެ. އެކަމަށްޓަކައި ކުރާ މަސައްކަތަކީ ވެސް ދަރުމައާއި ޘަވާބު ލިބުމުގެ ވަސީލަތެކެވެ.
ޝައްކެއްނެތެވެ. އަޅުކަންކުރުމާއި، ޒިކުރުމާއި އެނޫންވެސް ހުރިހައި ބާވަތެއްގެ ހެޔޮއަމަލު ތަކަކާއި ރޫޙާނީ މަސައްކަތްތަކަކީ އޭގެ އަހަންމިއްޔަތާ މެދު އިންކާރު ނުކުރެވޭނެކަންކަމެވެ. އެކަމަކުވެސް އެއީ ފަރުދީ ކަންކަމެވެ. އާޚިރަތުގެ މަދާރުގައި ކުރިއަރައިދެވި މަތިވެރިވާނެ ކަންކަމެވެ. ދުނިޔޭގައި މާތްﷲގެ ދީން މަތިވެރިކުރުމަށާއި މުސްލިމުން ބާރުވެރި ކުރުވުމަށް ކުރާން ހުރި މަސައްކަތް އަދި އޮތީއެވެ. އެކަންކަން ލިބިގަތުމަށްޓަކައި ކުރާންޖެހޭނީ އެކަންކަން ލިބިގަތުމުގައި ސަބަބުވެރި ވާނެ މަސައްކަތެވެ.
ޝައްކެއްނެތެވެ. މިދެންނެވި ދުނިޔަވީ ބާރުވެރިކަމަކީ ވެސް ކޮންމެ މުސްލިމަކު ވެސް ދަހިވެތިވާންޖެހޭ ކަންކަމެވެ. އިސްލާމީ އުންމަތް އެކަންކަމަށް ބޭނުންވާ ކަންކަމެވެ.
"އަދި ތިޔަބައިމީހުން އެޔަށް ލޯބިވާނޭ އެހެން ނިއުމަތެއް އެކަލާނގެ ދެއްވާނެތެވެ. (އެއީ) ﷲގެ ޙަޟުރަތުން ދެއްވާ ނަސްރަކާއި ކައިރިވެގެންވާ ފަޠަހައެކެވެ. އަދި އެކަލޭގެފާނު މުއުމިންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ" ( އައްޞައްފު : 13 )
ދީނީ ގޮތުން މަސައްކަތް ކުރާ މީހުންނަށްވެސް ޙަޤީޤީ އިސްލާމީ މިޒާޖު ދެމެހެއްޓުމަކީ ބައެއް ފަހަރަށް އުނދަގޫ ކަމަކަށްވެއެވެ. އެބަޔަކު ނުވަތަ އެތަހްރީކަކުން އެންމެ ބޮޑަށް އަހަންމިއްޔަތުދޭ ކަމަކަށް ބާރުއަޅަމުންދާއިރު ދީނުގެ އެހެނިހެން ދާއިރާތަކާމެދު އޮންނަނީ އިހުމާލުވެވިފައެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ މުސްލިމުން އިސްލާހު ކުރުމުގެ މިޝަނާއިގެން ތެދުވާ ބަޔަކު ރަށްރަށާއި އަވަށްއަވަށަށް ގޮސް ނަމާދު ކުރުމުގެ މައްޗަށް ބާރުއަޅައިވާހަކަ ދައްކާއިރު ޖިހާދުގެ މައްޗަކުން ހަނދާނެއް ނުހުރެއެވެ. ޝައްކެއްނެތެވެ. ނަމާދަކީ ދީނުގެ ތަނބެވެ. އެތަނބުގެ އަހަންމިއްޔަތާ މެދު އިންކާރެއް ނުކުރެވޭނެއެވެ. ނަމަވެސް ހަމައެކަނި އެބަޔަކު އިސްކަންދޭ ދާއިރާއަކަށް މާބޮޑަށް ބުރަވެ ދީނުގެ އެހެނިހެން ދާއިރާތައް ހަނދާން ނައްތައިލުމަކީ ވެސް އެދެވޭ ކަމެއް ނޫނެވެ. އަނެއްކާވެސް މިސާލެއް ދަންނަވާނަމަ ޖިހާދަކީވެސް ދީނުގައި ވަރަށް މުހިންމު ކަމެކެވެ. އެކަމު ޖިހާދުގެ މާތްކަމާބެހޭގޮތުން ހުރި ނައްޞުތަކާ މެދު ބަޔަކު ވާހަކަ ދައްކާނަމަ ބެލެވެނީ ހައްދުފަހަނަޅައި ދިޔުންކަމުގައެވެ. ބައެއް މީހުންވަނީ ޖިހާދާބެހޭގޮތުން ހުރި ނައްޞުތަކުގެ މަފުހޫމު ބަދަލުކޮށްފައެވެ. ކަނޑިޔަކީ މާއަޅައިފައިވާ ގޮތްޕަކަށް ހަދައިފައެވެ. އެކަތަޔަކީ އުށްކަމުގައިހަދައިފައެވެ.
(އިސްލާމީ އުންމަތުގެ މިހާރުގެ ހާލަތު އޮތް ގޮތުން ޖިހާދުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ހަނދާންކުރާންޖެހެއެވެ. ޖިހާދަކީ ފަރުދަކު ވަކި ހިލޭވެގެން ނުވަތަ ޖަމާއަތްތަކެއް ނުވަތަ ޖަމްއިއްޔާތަކެއް އެކުވެގެން އިއުލާންކުރެވޭނެ ކަމެއް ނޫނެވެ. ޖިހާދު އިއުލާން ކުރައްވައި ޖިހާދަށް ދައުވަތު ދެއްވޭނީ ހަމައެކަނި އުންމަތުގެ ނުވަތަ ދައުލަތުގެ ވަލިއްޔުލް އަމްރަށެވެ.)
(ނުނިމޭ)