ކޮވިޑް 19

ވިޔަފާރި ލޯނުތައް ދެއްކުން ހަމަހަށް ފަސްކުރުމަށް ބޭންކުތަކަށް ލަންކާގެ ރައީސް އަންގަވައިފި

މިންހާ ފާއިޒް ރަޝާދު

ވިޔަފާރިވެރިން ނަގާފައިވާ ލޯނުތައް ދެއްކުން ހަމަހަށް ފަސްކުރުމަށް ސްރީލަންގެ ބޭންކުތަކަށް އެގައުމުގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އަންގަވައިފި އެވެ.

ލަންކާގެ ރައީސް ގޯތާބަޔަ އިއްޔެ ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ވިޔަފާރިވެރިން ނަގާފައިހުރި ލޯނުތައް އަނބުރާ ދެއްކުން ހަމަހަށް ފަސްކުރުމަށް ބޭންކުތަކަށާއި ފައިނޭންޝިއަލް އިންސްޓިޓިއުޓްތަކަށް އަންގަވާފައިވާ ކަމަށެވެ.

ވިޔަފާރިތަކަށް ބޭނުންވާ ވޯކިން ކެޕިޓަލްވެސް ލޯނުގެ ގޮތުގައި ހަތަރު ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ދޫކޮށްދިނުމަަށް ބޭންކުތަކުގައި އެދިވަޑައިގެންފައިވާކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އެއްކިލޯގެ މުގު ލަންކާގެ 65 ރުޕީސްއަށް، މަސްދަޅެއް 100 ރުޕީސްއަށް ވިއްކަން ވިޔަފާރިވެރިންނަށް ރައީސް ގޯތާބަޔާ އެންގެވިއެވެ.

ލަންކާގައި ކޮވިޑް19 އަށް ޕޮޒިޓިވް 43 މީހަކު ރެޔާއި ހަމައަށް ފެނިފައިވާއިރު ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ރެއިން ފެށިގެން ލަންކާއަށް ވައިގެ މަގުން މީހުން އެތެރެވުން ބަންދުކޮށްފައިވާއިރު ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރާއި ޕްރައިވެޓް އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ.