ޚަބަރު

ކޮވިޑް 19 : ފަންނާނުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ފަށައިފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް19ގެ ސަބަބުން އާމްދަނީ ހޯދުމަށް ދަތިވެ ކަންބޮޑުވުން ފާޅުކުރަމުންދާތީ ފަންނާނުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޔުމްނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ދަތި އުނދަގޫ ވަގުތުގައި ފަންނާނުންގެ ކެތްތެރި ކަމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މި ވަގުތަކީ މިއުޒީޝަނުންގެ ޖަމިއްޔާއެއް އޮތުމުގެ މުހިންމުކަން އިތުރަށް އިހުސާސް ކުރެވޭ ވަގުތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮވިޑް 19ގެ ސަބަބުން އާމްދަނީ ހޯދުމަށް ދަތިވެ ކަންބޮޑުވުން ފާޅުކުރަމުންދާތީ ފަންނާނުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން. މިކަމަށް ފަންނާނުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" މިިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މިދުވަސްވަރު މީހުން އެއްވެ ކުރާ ހުރިހާކަމެއް ކުރުން ވަނީ މަނާކޮށްފައެވެ. އެގޮތުން ސިނަމާތައް ވެސް ބަންދު ކުރުމަށް ސަރުކާރުން ވަނީ އަންގައިފައެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ އެކަމުގެ އަސަރު ރާއްޖޭގެ މުޅި އިގުތިސާދަށް ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ފައިސާ ވަންނަ ފަތުރުވެރިކަމުގެ ދާއިރާ އޮތީ އެއްކޮށްހެން ހުއްޓިފައެވެ. އިގުތިސާދަށް އައި ހީނަރުކަމުން އަރައިގަތުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

ސަރުކާރުން އަންނަނީ ކޮވިޑް 19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މިބަލި މުޅި ރާއްޖެއަށް ފެތުރުނަ ނުދިނުމަށްޓަކައި ކުރިއަށް އޮތްތާނގައިވެސް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ފަސް ނުޖެހޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.