ކޮރޯނާ ވައިރަސް

ޔޫރޯ އަންނަ އަހަރަށް ފަސްކޮށްފި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން ޔޫރޯ ފުޓުބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފިއެވެ.

ޔޫއެފާ އިން އެކަމާ ގުޅޭގޮތުން އަދި ރަސްމީކޮށް އެކަން އިއުލާންކޮށްފައި ނުވި ނަމަވެސް، މިއަދު އެ ނިންމުން ނިންމާފައިވާ ކަމަށް ނޯވޭގެ އެފްއޭ އިން ވަނީ ބުނެފައެވެ.

ޔޫއެފާގެ މެންބަރު ގައުމުތަކުގެ ފުޓުބޯޅަ އިދާތާރަކުގެ ވެރިންނާއެކު ޔޫއެފާ އިން ބޭއްވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމުގައި ނިންމާފައިވަނީ އަންނަ އަހަރުގެ ޖޫން 11 އިން ފެށިގެން ޖުލައި 11 އަށް މުބާރާތް ބޭއްވުމަށެވެ. ގަވައިދުން ކޮންމެ ހަތަރު އަހަރަކުން ބާއްވާ އެ މުބާރާތް ބޭއްވުމަށް ކުރިން ތާވަލުކޮށްފައިވަނީ މިއަހަރުގެ ޖޫން 12 އިން ޖުލައި 12 އަށެވެ.

ޔޫރަޕުގެ 12 ގައުމެއްގައި މެޗުތައް ކުޅޭ ގޮތަށް ކުރިއަށްގެންދަން ނިންމާފައިވާ އެ މުބާރާތް ފަސްކުރުމާ ގުޅިގެން ޔޫރަޕުގެ ލީގުތައް ފުރިހަމަކުރުމުގެ ފުރުސަތު ވެސް މިހާރު ލިބިގެންދާނެއެވެ. ކޮވިޑް 19އާ ގުޅިގެން ޔޫރަޕް ގައުމުތަކުގެ ފުޓުބޯޅަ ލީގުތަކުގެ ކުޅުން މިހާރު އޮތީ މެދުކަޑާލައިފައެވެ.

ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19، ޔޫރަޕުގެ ގައުމުތަކުގައި ވެސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން އެންމެ ގިނައިން އެ ބަލި ފެނިފައިވާ އެއް ގައުމަކީ އިޓަލީވިލާތެވެ. އޭގެ އިތުރުން ސްޕެއިން، ޖަރުމަން، ފްރާންސް، ސްވިޒަލެންޑް، ނެދަލެންޑްސް، އިނގިރޭސިވިލާތް، ނޯވޭ، ބެލްޖިއަމް، ސްވިޑަން އަދި ޑެންމާކުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.