ލަންކާގެ ޑިފެންސް ޗީފް ހައްޔަރުކޮށްފިއެވެ.
ލަންކާގެ ޑިފެންސް ޗީފް ރަވިންދްރަ ވިޖެގުނެރަތުނެ ހައްޔަރުކޮށްފައިވަނީ ލަންކާގެ ސަރުކާރާއި އިދިކޮޅަށް ވަކި ޖަމާއަތެއް ހަދައިގެން އުޅުނު ތަމަޅަ ޓައިގަރުންނާ ދެމެދު ހިނގައިދިޔަ ދާހިލީ ހަނގުރާމައިގައި އާންމުންގެ ބަޔަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ ކުރީގެ އިންޓެލިޖެންސް އޮފިސަރެއް ހިމާޔަތް ކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ. ވިޖެގުނެރަތުނެ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.
ލަންކާގެ ކޯޓުން ވަނީ ވިޖެގުނެރަތުނެ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ބަންދުގައި ބަހައްތައިގެން ތަހުގީގު ހިންގުމަށް އަމުރުކޮށްފައެވެ.
ލަންކާގެ ޑިފެންސް ޗީފް ރަވިންދްރަ ވިޖެގުނެރަތުނެ ފާހަގަ ކުރެވިފައިވަނީ ނުފޫޒުގަދަ މީހެއްގެ ގޮތުގައެވެ. އޭނާ ހައްޔަރުކުރުމަށް މީގެކުރިން ކޯޓުން ވަނީ އެތައް ފަހަރަކު އަމުރު ނެރެފައެވެ. ނަމަވެސް އެއަމުރުތަކަށް ބޯލަނބާފައެއް ނުވެއެވެ. ނަމަވެސް މިއަދު ކޯޓުން ނެރުނު އަމުރުގައިވާގޮތަށް ވިޖެގުނެރަތުނެ ކޯޓަށް ހާޒިރުވެފައިވަނީ ޔުނީފޯމުގައެވެ. އަދި އަރިހުގައި ނޭވީ އޮފިސަރުންނާއި ވިޖެގުނެރަތުނެ އަށް ތާއީދުކުރާ ސަޕޯޓަރުންވެސް ދިޔަކަމަށް ލަންކާގެ ނޫސްތަކުން ބުނެއެވެ.
ލަންކާގެ ސަރުކާރާއި ތަމަޅަ ޓައިގަރުންނާ ދެމެގު ކުރެވުނު ހަނގުރާމައިގައި އެތަކެއް ހާސް ބަޔަކު ވަނީ މަރުވެފައެވެ. ހަނގުރާމައިގައި ގަތުލުއާންމުތަކެއް ހިންގައިފައިވާކަމަށެ ބުނެ އދ އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އަޑު އުފުލަންފެށުމުން ލަންކާ ސަރުކާރުން ވަނީ އެ ހަނގުރާމައިގައި ގަތުލުއާންމު ހިންގި ފަރާތްތަކުގެ މައްސަލަތައް ބަލައި ތަހުގީގު ކުރަން ފަށައިފައެވެ.