ޚަބަރު

މޭވާއާއި ތަރުކާރީ ބިންމަތީ ބަހައްޓައިގެން ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ: ރީކޯ މޫސަ

މަރިޔަމް ޝަހުދާ

މޭވާއާއި ތަރުކާރީ ބިންމަތީ ބަހައްޓައިގެން ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ މަގުތަކަކީ މީހުން އެތަންތަނަށް ކުޅު ޖަހައި، އަރިދަފުސް ފޮޅާ ހަދާ ތަނެއް ކަމަށެވެ. ރައްޔިތުން ސިއްހީގޮތުން ސަލާމަތަށް އެދި ގޭގައި ތިބޭއިރު، ގެޔަށް ގެންނަ މޭވާއާއި ތަރުކާރީ ހުންނަނީ މީހުން އެތަނަކަށް ކުޅުޖަހާ އަދި އަރިދަފުސް ފޮޅާ ތަނެއްގައި ކަމަށް މޫސަ ވިދާޅުވިއެވެ.

ކޮވިޑް 19 ވައިރަހުން ރައްކާތެރިވުމަށް ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ. އަދި ސާފުތާހިރުކަމަށް އިސްކަން ދިނުމަށާއި، ގިނަގިނައިން އަތް ދޮވެ ހެދުމަށް ސަރުކާރުން އަންނަނީ ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ މިހާރުވެސް ބާޒާރުމައްޗަށް ނިކުންނަ ކޮންމެ ފަހަރަކު ފިހާރަ ފިހާރައިގެ ދޮރުމަތީ މަގުމައްޗަށް ވާ ގޮތަށް ކާބޯތަކެތި ބަހައްޓާފައި ހުންނަތަން ފެންނަ ކަމަށެވެ. މޫސަ ވިދާޅުވީ ލޯކަލް މާރުކޭޓު ބަންދުކޮށްފައި ހުރުމުން ބިދޭސީންވެސް ބާޒާރުމަތީ ކާބޯތަކެތި ވިއްކުމަށް ތިބެނީ މަގުމަތީގައި ކަމަށެވެ.

ލޯކަލް މާރުކޭޓު ނެތުމަކީ މީހުން ކުޅުޖަހާ ތަނެއްގައި އެއްޗެހި ވިއްކަންވީ ސަބަބެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ. އަދި ރައީސް އިބްރާހީމް ނާސިރު ދައުރުގައި ކޮލޯރާ ރޯގާ ފެތުރުނު އިރު ކަންކުރި ގޮތުން މިސާލު ނެގޭނެ ކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އޭރު ކާބޯތަކެތި ވިއްކާ ހުރިހާ މީހުންނަށް ކާތަކެތި ވިއްކުމަށް ބަހައްޓާ ތަނަކީ ބަންދު ތަނަކަށް ހެދުމަށް އެންގި ކަމަށެވެ. އަދި އެތަންތަން ބަންދުކޮށް މަދިރިދާ ޖަހައިގެން އެތެރޭގައި ނޫން ގޮތަކަށް ކާބޯތަކެތި ނުވިއްކޭ ގޮތަށް ހެދި ކަމަށް މޫސަ ވިދާޅުވިއެވެ.

މިހާރު ކާބޯތަކެތި ވިއްކުމަށް މަގުމަތީ އެއެއްޗެހި ބަހައްޓައިގެން ވިއްކާ މީހުންނަށް ރައްކާތެރިކަމާއެކު ކާތަކެތި ބަހައްޓައިގެން ވިއްކޭނެ ވަގުތީ އިންތިޒާމެއް ސަރުކާރަށް ހަމަޖައްސައިި ދެވޭނެ ކަމަށް މޫސަ ވިދާޅުވިއެވެ. އަދި މިފަދަ ވަގުތެއްގައިވެސް އެއްޗެހި ގަންނަން ލިބެން ޖެހޭނެ ކަމަށާއި ކާބޯތަކެތި ވިއްކުމަށް ކަނޑައަޅަފައިވާ ގަވައިދާއި މިންގަނޑުގެ ތެރެއިން އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ.