ގާސިމް އިބްރާހިމް

މިވަގުތު އެންމެ ކުޑަ އުޖޫރަ ކަނޑައެޅިޔަސް ނުދެވޭނެ: ގާސިމް

ކޮވިޑް 19 ފެތުރެމުންދާ މި ދަނޑިވަޅުގައި އިގްތިސާދީ ގޮތުން ބޮޑު ލޮޅުންތަކެއް އަރަމުންދާ މި ވަގުތުގައި، މަސައްކަތްތެރިިންނަށް ދޭ އެންމެ ކުޑަ އުޖޫރަ މިނިމަމް ވޭޖް ކަނޑައެޅިޔަސް އެވަރު ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް ބޯޑުގެ ރިޕޯޓް ދިރާސާކުރުމަށް އިއްޔެ ބޭއްވި އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޓީގައިވެސް ހިމެނި ވަޑައިގަންނަވާ މެންބަރު ގާސިމް ވިދާޅުވީ، މިވަގުތު އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ބޭކާރު ކަމެއް ކަމަށެވެ.

ވެރިކަން ހިންގާ ކޯލީޝަންގައިވެސް ހިމެނޭ ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ، މިއީ މިނިމަމް ވޭޖް ކަނޑައަޅަން އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށެވެ. އަދި މިއީ ރާއްޖެއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ވަގުތަކަށް ވާއިރު، އެކަން ކަނޑައަޅައިފިނަމަ ތަންފީޒު ކުރަން ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ވެސް ވިލާ ކުންނީގެ ޗެއާމަނުގެ ގޮތުގައިވެސް ހުންނެވި ގާސިމް ވިދާޅުވިއެވެ.

މިނިމަމްވޭޖް ކަނޑައެޅުމަކީ އިކޮނޮމިކް މިނިސްޓަރަށް ލިބިގެންވާ ބާރެއް ކަމަށް ވިޔަސް، އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ބޭނުންވާތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެ މައްސަލަ ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

މިނިސްޓަރު އެ މައްސަލަ ކޮމިޓީއަށް ފޮނުއްވީ މިނިމަމްވޭޖާ ބެހޭ ގޮތުން މިނިމަމްވޭޖް ބޯޑާއި އެކި ފަރާތްތަކުން އެމަނިކުފާނަށް އަރުއްވާފައިވާ ލަފާގެ ރިޕޯޓްތަކާ އެކީގައެވެ. އެކަމުގައި މިނިސްޓަރަށް މަޖިލީހުގެ ލަފައެއް އެރުވުމަށް އެ ރިޕޯޓްތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީންނެވެ.