އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 43

އަބްދުﷲ ފާރޫގް ހަސަން

4

"އަޅުގަނޑުވެސް ތިޔަކަމާ ވަރަށް ދެރަވެއެވެ. އަޅުގަނޑުގެ ހިތަށްވެސް ވަރަށްގިނަފަހަރަށް އަރައެވެ. މިއީ ހުވަފެނަކަށްވާނެ ނަމައެވެ. އޭނާއަކީ އަޅުގަނޑުގެ ދުޝްމިނެއްކަމުގައި ދުށުމާއެކުވެސް ބައެއްފަހަރަށް އަޅުގަނޑުގެ ހިތަށް އަރައެވެ. حسّان އެބަރުދާސްކުރެއްވިފަދަ އަނިޔާތަކެއް ހުރުމުޒުގެ ފަރާތްޕުޅުން އަޅުގަނޑަށް ބަރުދާސްކުރަން ޖެހުނުނަމަ އަޅުގަނޑަށްވެސް ކަންތައް ކުރެވުނީހީ حسّان ވެސް ކަންތައް އެކުރެއްވި ގޮތަށެވެ."

ماه بانو ވިދާޅުވިއެވެ. "މިހަނގުރާމައިގެ ހައެއްކަދުވަސް ކުރީން މިގެއަށް ވަޑައިގެންނެވި حسّان އާ މީގެކުރީން ހަމައެކަނި ހުރުމުޒާމެދު ޢަދާވަތްތެރިކަން އޮތް حسّان އާ ވަރަށް ތަފާތެވެ. އޭނާގެ ވާހަކަފުޅުން އަޅުގަނޑަށް އިޙްސާސްވީ މިހާރު ދުނިޔޭގެ ކޮންމެ އަނިޔާވެރިޔަކީ އޭނާގެ ދުޝްމިނަކަށްވެފައިވާ ކަމެވެ. އަނިޔާލިބޭ ކޮންމެ މީހަކީ އޭނާގެ ރަޙުމަތްތެރިޔެއްކަމެވެ. އޭނާ ތޫރަޖު ޤަތުލުކުރެއްވުމަށްފަހު އަޅުގަނޑުމެންގެ ޙިމާޔަތް ހޯއްދެވިއިރު އޭނާ ހުންނެވީ މަރުދެކެ ބިރުފުޅުންނެވެ. ނަމަވެސް އޭނާ އެކޮއްކޮއަކު ހޯއްދެވުމަށްޓަކައި މިތަނަށް ވަޑައިގަތުމުގެ ނުރައްކަލާ ކުރިމަތިލެއްވި ކޮއްކޮ މަދާއިނަށް ވަޑައިގަތުމުން އެކަމާވެސް އޭނާ މޮޅިފުޅެއް ނުވެއެވެ. ބޭބެއަށް އޭނާއާ ބައްދަލުވެވަޑައިގެންނެވި އޭނާގެ ވާހަކަފުޅުގެ އަޑު އިވިވަޑައިގެންނެވިނަމަ، އެއީ އެބޭފުޅެއްގެ ހުރިހައި އުންމީދުތަކަކާއި އެދުންފުޅުތަކެއް ހަމައެކަނި އަޅުގަނޑުމެންގެ ގޭގެ ބިންގަރާސް ކޮޓަރިއެއްގައި ނޭވާފުޅުލެއްވުމުގެ އެދުންފުޅުގެ މައްޗަށް ހުއްޓިފައިވާ އަނިޔާ ލިބިވަޑައިގެންފައިވާ އިންސާނާ ކަމަކަށް ޔަޤީނެއްވެސް ނުކުރެއްވުނީހެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "ވެއްޓިފައިވާ ނިކަމެއްޗަކަށް ތެދުވާނެ އެހީތެރިކަމެއް ލިބިއްޖެނަމަ ޢާއްމުގޮތެއްގައި އެމީހެއްގެ ޢަޒުމަކަށްވާނީ ތިމާގެ ނިކަމެތިކަމާއި އާރެއް ބާރެއް ނެތްކަން ދެކެފައިވާ މީހުންނަށް ތިމާގެ ބާރާއި، ތިމާގެ ބޮޑާކަން ދެއްކުމެވެ. حسّان އޭނާގެ ކެރިވަޑައިގަތުމާއި ބާރުފުޅު ގަދަކަން ހާމަކުރެއްވުމަށްޓަކައި ހުރުމުޒުގެ އަރިހަށް ވަޑައިގެންނެވީތީ އަޅުގަނޑު ޙައިރާނެއް ނުވަމެވެ. ނަމަވެސް އަޅުގަނޑުމެންގެ ބޭބޭފުޅުގެ ރަޙުމަތްތެރިޔާއާމެދު އޭނާ މިތަނަށް ވަޑައިގެންވެސް އޭނާގެ ބޮޑާފުޅުކަން ދައްކަވައިފާނެކަމަކަށް އަޅުގަނޑު އުންމީދެއް ނުކުރަމެވެ."

"ލޯބިވާ ބޭބޭއެވެ. އޭނާ މިގެއަށް ވަޑައިގެން އޭނާގެ ބޮޑާފުޅުކަމެއް ނުދައްކަވައެވެ. އޭނާގެ ލޯފުޅުގައިވަނީ މުރުއްވަތްތެރިކަމެވެ. ރުޅިވެރިކަމެއް ނޫނެވެ. ނަފްރަތެއް ނޫނެވެ. އޭނާގެ ބެއްލެވުމުގައިވަނީ ޢަޒުމާއި ޔަޤީންކަމުގެ އަލިކަމެވެ. އޭނާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރާމެދު އަޅުގަނޑު ޙައިރާންވިއެވެ. އޭނާގެ ވާހަކަފުޅުތަކާމެދު އަޅުގަނޑަށްހީވީ ޤަބޫލުނުކުރެވޭފަދަ ވާހަކަފުޅުތަކެއް ކަމުގައެވެ. މުސްލިމުންގެ އާރާއި ބާރާމެދު އޭނާގެ ދަޢުވާއާއި، އެބައިމީހުންގެ ފުތޫޙާތާމެދު އޭނާގެ ޔަޤީންކަމަކީ އަޅުގަނޑުގެ ގާތުގައި ކެހިލިބިފައިވާ އިންސާނެއްގެ ހުވަފެންތަކަކަށްވުރެ އިތުރު އަހަންމިއްޔަތެއް ޙައްޤު ކަމެއްނޫނެވެ. ނަމަވެސް އަޅުގަނޑު އޭނާއާ ދިމާޔަށް ބަލައިލުމުން އަޅުގަނޑުގެ ހިތް ބުނަނީ އޭނާ އަޅުގަނޑުމެންނަކަށް އިތުރުފުޅެއް ނަހައްދަވާނެ ކަމުގައެވެ."

ޒަރުބަޚުތު ހިނިފުޅުވަޑުވައިލެއްވިއެވެ. "ކޮއްކޯއެވެ! ކޮއްކޮއަކީ ވަރަށް ސާދާ ބޭފުޅަކީމުއެވެ. حسّان ގެ މަޤުޞަދަކީވެސް ކޮއްކޮއަށް އޭނާގެ ހައިބަތު ދެއްކެވުމެވެ."

"އަޅުގަނޑު ބިރުގަންނަވައިގެން އޭނާއަށް ލިބިވަޑައިގަންނަވާނީ ކޮންއެއްޗެއްތޯއެވެ؟ އީރާނުގެ ސިފައިންގެ ވެރިޔަކީ އަޅުގަނޑެއް ނޫނެވެ."

"ހަނގުރާމައިގެ ފުރަތަމަ އުޞޫލަކީ ދުޝްމިނުންގެ ހިތްވަރު އެލުވައިލުމެވެ. حسّان ފަދަ ތަޖުރިބާކާރު ސިފައަކަށް ކޮއްކޮ މާޔޫސްވެވަޑައިގެންފިނަމަ ބޭބެގެ ހިތްވަރު އެލޭނެކަން އެނގިވަޑައިގަންނަވާނެއެވެ. ބޭބެގެ ހިތުގައި ފިނޑިކަން އުފެދިއްޖެނަމަ އެތަކެއްހާސް ބަޔަކަށް އެކަމުގެ އަސަރު ފޯރާނެއެވެ. ނަމަވެސް حسّان އަކަށް ބޭބެ އެނގިވަޑައެއް ނުގަންނަވާނެއެވެ. ޢަރަބިކަރައިގެ ހަނަފަސް ސަހަރާއިން ނުކުމެގެން ޢިރާޤުގެ ފެހިބިންތަކަށް އެމިސްރާބުޖަހާ ޢަރަބީންގެ ކޮންމެ ފިޔަވަޅެއް އެއަޅަނީ މަރާ ދިމާޔަށް ކަމެއްވެސް އޭނާއަކަށް އެނގިވަޑައެއް ނުގަންނަވާނެއެވެ. ماه بانو އެވެ! މަދާއިނުގައި ބޭބެ ވާހަކަދެއްކި އީރާނުގެ ނަންހުރި ޖަނަރަލުން ޢަރަބީން ޢިރާޤަށް ދިން ޙަމަލާއަށް ސަމާސާއަކަށްވުރެ ނުވަތަ ހެއްވާކަމަކަށްވުރެ ބޮޑު އަހަންމިއްޔަތެއް ނުދެއްވައެވެ. މީގެ މަދުއަހަރުތަކެއްގެ ކުރީން ގުސްޠަންޠީނިއްޔާގެ ރަށްބޭރާ ހަމަޔަށް ކިސްރާޕަރުވޭޒުގެ ދިދަ ގެންދިޔަ ވަރުގަދަ ލަޝްކަރު ބޭބެއަށްވަނީ ފެނިފައެވެ. އެލަޝްކަރު ޙަރަކާތްތެރިވާންފެށުމުން ޒަމާނުގެ ލޯތަކަށް މުސްލިމުންގެ މޫނުމަތީން ޢަޒުމާއި ޔަޤީންކަމުގެ އަލިކަމުގެ ބަދަލުގައި ފެންނާނީ މަރުގެ ހިޔަންޏެވެ. "ފާރިސީ ލަޝްކަރުތައް ހިމެނޭނީ ގަދަފަދަ ޠޫފާނެއްކަމުގައެވެ. އެޠޫފާން މުސްލިމުން ކުނިކޮޅުތަކެއްގެ މިސާލުގައި އޮޔާގެންދާނެއެވެ. ޙުފައިރުގެ ހަނގުރާމައިން އަޅުގަނޑުމެންނަށްވަނީ ފިލާވަޅު ލިބިފައެވެ. ދުޝްމިނުން ބަލިކޮށްލުމަށްޓަކައި އަޅުގަނޑުމެންނަށް އިތުރު ބާރުގެ ބޭނުންކުރާން ޖެހޭނެކަން ވަނީ އެނގިފައެވެ. އަޅުގަނޑު ކޮއްކޮއަށް ޔަޤީންކަން ދެމެވެ. އީރާނުގައި އެބާރު އެބަހުއްޓެވެ."

ماه بانو ހިނިފުޅު ވަޑުވައިލެއްވިއެވެ. "މިހާރު ބޭބެ ތިޔަ ވާހަކަދައްކަވަނީ ސިފައިންގެ މީހުން ވާހަކަ ދައްކަންވާ ގޮތަށެވެ."

"އެންމެރަނގަޅެވެ. ކޮއްކޮ ވިސްނުންތެރިކަމާއެކު އަޅުގަނޑާ ދިމާޔަށް ބައްލަވައިލައްވާށެވެ. އެއަށްފަހު އަޅުގަނޑުގެ ސުވާލަކަށް ޖަވާބު ދެއްވާށެވެ. އަޅުގަނޑަށް ކޮއްކޮ ގާތު ދޮގުހެދިދާނެތޯއެވެ؟"

"ޙަޤީޤަތުގައިވެސް މިސަރަޙައްދަށް ދުޝްމިނުންގެ ނުރައްކަލާ ކުރިމަތިލާންޖެހޭނެއެކޭ އަޅުގަނޑެއް ނުބުނަމެވެ. އަޅުގަނޑު އެވާހަކަ ދައްކަނީ ރައްކާތެރިވުމުގެ ގޮތުންނެވެ. ޚާއްޞަކޮށް ބައްޕަޔަށް ފަރުވާކުރާން މަދާއިނުން މާރަނގަޅު ބޭސްވެރީން ލިބިދާނެތީއެވެ. ބައްޕާފުޅަށް ދަތުރުކުރެއްވޭވަރު ނުވާނަމަ އަޅުގަނޑު އެވާހަކައެއް ނުދައްކާނަމެވެ. ނަމަވެސް ޝަރުޠެއްގެ މަތީންނެވެ."

"އެ ޝަރުޠަކީ ކޮބައިތޯއެވެ؟"

"ބޭބެ އަޅުގަނޑުގެ ގާތުގައި حسّان ގެ ވާހަކަ ނުދެއްކެވުމެވެ."

"އަޅުގަނޑު ޤަބޫލެވެ."

سُهيل އަށްވެސް އޭނާގެ ބޭބެ އަޅުގަނޑުމެންގެ ދުޝްމިނަކަށް ވެވަޑައިގެންނެވި ޚަބަރު ދެއްވައިގެން ނުވާނެއެވެ."

"އަޅުގަނޑު ވަޢުދުވަމެވެ."

"ކޮއްކޯފުޅުވެސް ދެން މީގެފަހުން حسّان ގެ މޫނުފުޅުމަތީން ޔަޤީންކަމާއި ޢަޒުމުގެ އަލިކަން ދެކެވަޑައިގެންނެވިކަމުގައި ވިދާޅުވެގެން ނުވާނެއެވެ."

ماه بانو ފެންކަޅިފުޅުވެވަޑައިގަތުމާއެކު ޖަވާބު ދެއްވިއެވެ. "އަޅުގަނޑަކީ ބޭބެގެ ކޮއްކޮއެއް ނޫންތޯއެވެ؟ އަޅުގަނޑުގެ ނާރުތަކުގައި ހިނގަނީ ބޭބެގެ ބައްޕާފުޅުގެ ލެޔެއް ނޫންތޯއެވެ؟"

ޒަރުބަޚުތު ހިނިފުޅުވަޑުވަމުން ماه بانو ގެ ކަރުފުޅަށް އޭނާގެ ދެއަތްޕުޅު ވައްޓަވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ކޮއްކޯއެވެ. ބޭބެއަށް ބުނެވުނީ ކީކޭކަމެއްވެސް ނޭނގެއެވެ. އަދިވެސް ބޭބެގެ ސިކުނޑީން ޙުފައިރުގެ ނާކާމިޔާބީގެ އަސަރު ނުފިލަނީކަމުގައި ވެދާނެއެވެ. އެހެންނޫންނަމަ حسّان ގެ މައްސަލައިގައި މިހައި ސީރިޔަސްވުމުގެ ބޭނުމެއްނެތެވެ. އަޅުގަނޑަށް އޭނާ މައިދާނުން ފެނުނުކަމީވެސް އިއްތިފާޤުން ދިމާވިކަމެކެވެ. އެހެންނޫންނަމަ އަޅުގަނޑުގެ ހަނދާނަކަށްވެސް އޭނާއެއް ނައީހެވެ. އަޅުގަނޑު ވަޢުދުވަމެވެ. މީގެފަހަކުން ކޮއްކޮ އަރިހަކު حسّان ގެ ވާހަކައެއް ނުދައްކާނަމެވެ. ލޯބިވާ ކޮއްކޯއެވެ. ދާދިއަވަހަށް ބޭބެމެން ޢިރާޤުގެ ސަރަޙައްދުން ޢަރަބީން ބޭރުކުރި ވާހަކަ ކޮއްކޮއަށް އިވިވަޑައިގެންފާނެއެވެ. ވޭތުވެދިޔަ ހަނގުރާމައިގައި ބޭބެމެން ބަލިވުމުގެ އެއްސަބަބަކީ ހުރުމުޒަކީ އަނިޔާވެރިޔަކަށްވީކަމެވެ. ޢަރަބި ދަނޑުވެރީން ކުޑަކޮށްވެސް އޭނާގެ މައްޗަކަށް ހަމްދަރުދީއެއް ނުވެއެވެ. އެބައިމީހުން ހަނގުރާމަޔަށް ނިކުތީވެސް ހުރުމުޒުދެކެ ބިރުންނެވެ. ހުރުމުޒަށް ނަޞްރުލިބުމާ ނުލިބުމާމެދު އެބައިމީހުންގެ އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. އެހެންކަމުން ހުރުމުޒު މަރުވާއިރަށް އެމީހުން ފިލައިގެން ހިނގައްޖެއެވެ. ނަމަވެސް ކުރިޔަށް އޮތްތާނގައި އެބައިމީހުންނަށް ޔަޤީންކަން ދެވޭނެއެވެ. ބޭރުގެ ދުޝްމިނުންގެ ކިބައިން ވަޠަން ދިފާޢުކޮށްފިނަމަ ޝަހެންޝާހު އެބައިމީހުންގެ މައްޗަށް ހުރުމުޒުކަހަލަ އަނިޔާވެރިޔަކު ވެރިޔެއް ނުކުރައްވާނެއެވެ. ބޭބެ އުންމީދުކުރަނީ ބޭބެ ޢަސްކަރީ މަރުކަޒަށް އެނބުރިދާއިރު އަޅުގަނޑުމެންގެ ސަރަޙައްދުގައިތިބި ހަތިޔާރު ހިފޭވަރު އެންމެން ބޭބެއާއެކު ހަނގުރާމަޔަށްދާނެ ކަމަށެވެ. ބޭބެމެންގެ ލަޝްކަރު ކުއްލިޔަކަށް މައިދާނަށް ނުކުންނާން ނުޖެހި ބޭބެއަށް މިހިސާބުގަނޑުގައި ދުވަސްކޮޅަކު މަސައްކަތްކުރާނެ ފުރުޞަތު ލިބިއްޖެނަމަ ބޭބެ ހުރިހާ ބިންވެރީންގެ ގާތަށް ދާނަމެވެ. ޢަރަބި ދަނޑުވެރީންގެ އިތުބާރު ހޯދަން މަސައްކަތްކުރާށޭ އެބައިމީހުން ގާތު ބުނާނަމެވެ. މިހާރުވެސް ބޭބެއަށް ޔަޤީނެވެ. މިތާނގެ ޢަރަބީންނާއި އީރާނީން އެކަތިގަނޑަކަށްވެގެން މައިދާނަށް ނުކުމެއްޖެނަމަ މަދާއިނުގެ ލަޝްކަރުގެ އެހީއާނުލައިވެސް މުސްލިމުންގެ ލަޝްކަރު ހަނދާންނުނެތޭވަރަށް ބަލިކޮށްލެވިދާނެއެވެ. ބޭބެ ވަރަށްގިނަ ކަންތައްތައް ކުރާންވެފައި އެބަހުއްޓެވެ. ބޭބެ ބޭނުންވަނީ ލަސްނުކޮށް އަހަރެމެންގެ ދަނޑުވެރީން ޖަމާކުރާށެވެ. ކޮއްކޮ އަވަހަށް ބޭބެއަށް ނާސްތާ ތައްޔާރުކުރާށެވެ."

"ބޭބެގެ ނާސްތާ ފަރީއްކޮޅުހުރީ ތައްޔާރަށެވެ. ނަމަވެސް ބޭބެ އަދި އަރާމުކުރެއްވުން ބޭނުމެވެ. ބޭބެގެ ޒަޚަމް ރަނގަޅުނުވަނީސް ބޭބެ ބޭރަށްވަޑައިގަތަކަ އަޅުގަނޑު ނުދޭނަމެވެ."

"އަޅުގަނޑަށް ޒަޚަމެއްގެ އިޙްސާސެއްވެސް ނުވެއެވެ. ކޮއްކޮ ކާއޫސަށް ވިދާޅުވާށެވެ. ބޭބެ ފެންވަރައިލައިގެން ނުކުންނާނަމެވެ."

ވިދިގެންއައި ދުވަހު قبــاد ގެ ހަވޭލިވަނީ ޢަރަބި ދަނޑުވެރީން އެއްވެ ފުރިފައެވެ. ޒަރުބަޚުތު ބޭރަށް ނުކުމެވަޑައިގެން ހަވޭލީގެ ކުރިމަތީގައިހުރި ޗަބޫތަރާގެ ކައިރީގައި މަޑުކޮށްލެއްވިއެވެ. އޭނާ އިރުކޮޅަކު މަޑުކޮށްލެއްވުމަށްފަހު ދެތިން ހަތަރު ހަރުފަތަކަށް ފައިބައިވަޑައިގެން އެއްވެފައިތިބި މީހުނާ މުޚާޠަބުކުރައްވައި ވާހަކަ ދެއްކެވިއެވެ.

"ބައްޕާފުޅުގެ އާލާސްކަންފުޅާހުރެ ބައްޕާފުޅަކަށް ތިޔަބައިމީހުންގެ ގާތަކަށް ވަޑައެއް ނުގެންނެވުނެވެ. ބައްޕާފުޅު ތިޔަބައިމީހުންގާތު ވިދާޅުވާން ބޭނުންފުޅުވީ ހުރުމުޒު އަވަހާރަވީ ވަހަކައާއި ތިޔަބައިމީހުން އަބަދަށްޓަކައި އޭނާގެ އަނިޔާއިން ސަލާމަތްވި ވާހަކައެވެ. ތިޔަބައިމީހުންނަށްވެސް ރަނގަޅަށް އެނގޭނެފަދައިން ހުރުމުޒު އަހަރެމެންނާމެދުވެސް ކަންތައްކުރެއްވީކީ ރަނގަޅަކަށެއް ނޫނެވެ. ބައްޕާފުޅުގެ އާލާސްކަންފުޅުގެ ސަބަބަކީވެސް ހުރުމުޒު ތޫރަޖުކަހަލަ ބޭފުޅަކު ތިޔަބައިމީހުންގެ މައްޗަށް ވެރިކުރެއްވިކަމުގެ ހިތާމަފުޅެވެ. އެކަމުގައި ކުޅިބަލާމީހެއްގެ ޙައިޘިއްޔަތަށްވުރެ އިތުރު ޙައިޘިއްޔަތެއް ބައްޕާފުޅަށް ލިބިވަޑައިގެންފައި ނެތުމުގެ ހިތާމަފުޅެވެ. އެހެންކަމާއެކުވެސް އަހަރެމެންގެ ޤައުމަށް ބޭރުގެ ދުޝްމިނަކު ޙަމަލަދިނުމުން ޚުދު އަހަރެންވެސް ހުރުމުޒުގެ ދިދައިގެ ދަށުގައި ހަނގުރާމަކުރަން ޤަބޫލުވީމެވެ. އެހެނީ ހުރުމުޒުގެ ބަދަލުގައި މުސްލިމުންގެ އަޅުންކަމުގައި އަހަރެމެން ވުމަކީ އަހަރެމެން ރުހޭކަމެއް ނޫނެވެ.

ނިމިގެންއެދިޔަ ހަނގުރާމައާމެދު ވާހަކަދެއްކުމަކީ މިހާރު ބޭނުންކަމެއް ކަމަކަށެއް އަހަރެން ނުދެކެމެވެ. ތިޔަބައިމީހުންވެސްވާނީ އެޚަބަރުތައް އަޑުއަހައިފައެވެ. މިހާރު އަހަރެމެން ވިސްނާންޖެހިފައިވަނީ މުސްތަޤްބަލާ މެދުގައެވެ. ތިޔަބައިމީހުން ހެކިވާނެ ފަދައިން އަހަރެމެންގެ ޢާއިލާއިން ދުވަހަކުވެސް ތިޔަބައިމީހުންގެ މުސްތަޤްބަލާމެދު ޣާފިލުވެފައެއް ނޯންނާނެއެވެ. ތިޔަބައިމީހުންގެ ޙައްޤުތައް ދިފާޢުކޮށްދިނުމަށްޓަކައި އަހަރެމެން ހުރުމުޒުގެ ދުޝްމިނުކަމާ ކުރިމަތިލާކަށްވެސް ފަހަކަށް ނުޖެހެމުއެވެ.

އަހަރެން ތިޔަބައިމީހުންގެ ގާތުގައި ބުނަން ބޭނުމެވެ. ޢިރާޤަކީ ތިޔަބައިމީހުންގެ ވަޒަނެވެ. މިވަޒަން ދިފާޢުކުރުމަކީ ތިޔަބައިމީހުންގެ ވާޖިބެކެވެ. ތިޔަބައިމީހުން އެވާޖިބާމެދު ޣާފިލުވިކަމުގައިވިޔަސް މުސްލިމުންނަކަށް އީރާނުގެ ހިސާބެއްނެތްފަދަ ޢަސްކަރީ ބާރުގެ ކުރިމައްޗަކު ހިފަހައްޓައެއް ނުލެވޭނެއެވެ. އެއީ ޔަޤީންކަމެކެވެ. އެހެންކަމުން އަހަރެން އެދެނީ އެފަތަޙައިގެ ރީތި ނަން ތިޔަބައިމީހުންނަށް ލިބުމެވެ. ތިޔަބައިމީހުންނަށް އެންމެ ފައިދާހުރިގޮތަކީވެސް އެއީއެވެ.

(ނުނިމޭ)