ވާހަކަ

ކޮންމެ ހިނދެއް - 31

"އެއީ ކޮންކުއްޖެއް؟" އާރިޔަން އަހައިލިއެވެ. އޭނާގެ މޫނުމަތި މިލައިފިއެވެ.

"ހަބިއްތަގެ ކުޑަ މަންޖެ. ރީތި ކުއްޖެއް. ނޫސްވެރިއެއްގެ ވަޒީފާ އަދާކުރަނީ ކޮންމެސް ދިނީ ޗެނަލެއްގަ. ކިޔަވައިގެން ހުރި މުރާލި ކުއްޖެއް. އެ މަންޖެ މިހާރު އެއްބަސްވެސް ވެއްޖެ" ފަލަކްނާޒް ވާހަކަދެއްކިއެވެ.

"އެކަމަކު މަންމާ. ތި ހިސާބަށް ކަންތައް ގެންދިޔައިރު އަހާލިނަމަ. އަހަރެން ލޯބިވާ ކުއްޖެއް އެބަހުރި. އިންނަން ބޭނުމީވެސް އޭނަ ޔާ" އާރިޔަން ބުނެލިއެވެ.

"އެއީ އަނުމް. އެހެންނު. ތިއީ އަހަރެން ރުހޭ ކަމެއްނޫން. އަދި ނާސިހްވެސް ފާޅުގައި އަހަރެން ކައިރީގައި ތިވާހަކަދައްކާފަ ބުނީ އެއީ އޭނަ ދުނިޔޭގައި ހުއްޓާ ވާން އެދޭ ކަމެއް ނޫނޭ. އެއް ގޭތެރޭގައި އުޅެ ބޮޑުވީ. އަވަށްޓެރިން އަދި އެހެންމީހުންނަށް ހީވެފައި އޮންނާނީ ތިއީ ކޮއްކޮއަކާއި ބޭބެއެކޭ" ފަލަކްނާޒް ވާހަކަދެއްކިއެވެ. އާރިޔަން ބަހެއް ނުކިޔާ އިނެވެ. ނާސިހް ނުރުހޭ ވާހަކަ ބުނުމުން އޭނާ ހިތްވަރު އެލޭގޮތް ވެއްޖެއެވެ.

"މީހުން ކޮންމެ އެއްޗެއް ކިޔަސް އަހަރެންގެ ހިތުގައި އުފެދިފައިވާ އިހުސާސްތައް ބަދަލެއްނުވާނެ މަންމާ" އާރިޔަން ބުނެލިއެވެ.

"އާރިޔަން އޭނަ އާ ހެދި އުޅޭއިރު އޭނަ އެބައުޅޭތަ އާރިޔަން އާ ހެދި" ފަލަކްނާޒް އަހައިލިއެވެ.

އާރިޔަންއަށް އެސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އަނުމްގެ ހިތް އޮތްގޮތެއް އޭނާއަށް ނޭނގޭއެވެ. އިނގޭ އެއްޗަކީ އަނުމްގެ ހިތުން އޭނާއަށް ރަހްމަތްތެރިއެއްގެ ދަރަޖަ ދީފިކަމެވެ. ކޮންމެސް ދުވަހަކުން ހަޔާތުގެ ބައިވެރިޔާގެ މަގާމުވެސް އޭނާއަށް ލިބިދާނެއެވެ. އެއި އޭނާއަށް ކުރެވޭ އުންމީދެކެވެ.

"އެކަމަކު މަންމާ....!!" އާރިޔަން އެއްޗެއް ބުނަން އުޅުނެވެ.

"އެއްވެސް އެކަމަކުއެއް ނޯންނާނެ. އާޔަންއަށް ދެރައެއް ލިބުމަށް ދުވަހަކުވެސް މި މަންމަ ނޭދޭނަން. މިކައިވެންޏަށް އާޔަން ދެކޮޅުވިއްޔާ އަހަރެންގެ ފުރާނަ ނެތް މަސްގަނޑު އާޔަންއަށް ފެންނާނީ" ފަލަކްނާޒް ފަހުގެ އެތިފަހަރުން އާރިޔަންގެ މޫނުމަތީގައި ވިހެލިއެވެ. އާރިޔަންގެ ދޫ ވެސް އަނަގައިގެ ތެރޭގައި ކަސްތޮޅު އެޅުނު ކަހަލައެވެ. އެ މަންމަގެ މޫނަށް ބަލައިލިއިރު އޭނާގެ މޭތެރޭގައި އޮތް ހިތް ހިމޭންކަމާއެކު ރޮމުން ދިޔައެވެ. ހިތުގައި އުފެދިފައިވި ލޯބީގައި ހަގީގީ ކުލަ ނުޖެހެނީސް ހިތު ތެރޭގައި ކަފުންކޮށް ވަޅުލާން ޖެހުނީތީ އިންތިހާއަށް ދެރަވެއްޖެއެވެ. ލޯމައްޗަށް ފެންނަމުން ދިޔަ އަނުމްގެ ސޫރަ ފުސްވާން ފަށައިފިއެވެ. މައިންބަފައިން ކަމަކު ދަރިންނަށް އެކަހަލަ މަޖުބޫރީއެއް ކުރަން ވެދާނެ ހެއްޔެވެ؟

"އަހަރެން ވިސްނާލަން ބޭނުން" އާރިޔަން ބުނެލިއެވެ.

"މިކަމުގަ އާޔަން ވިސްނަންވީ އެއްޗެއް މަންމައަށް ނޭނގޭ. އެކުއްޖާ އާ ނިކަން ބައްދަލުކޮށްލަބަލަ. މަންމައަށް ޔަގީން އާޔަން ދެކޮޅު ނުވާނެކަން. މާދަމާ ހަވީރު އެބައިން އެގޭގަ ހަވީރު ސައެއް. ދާންވާނެ. މަންމައަށް ހެޔޮ އެކުގަ އަނުމް ގެންދިޔަސް. އާޔަންގެ ހަޔާތަށް އެވަރުގެ ބަދަލެއް އަންނަން އުޅެންޏާ އަނުމްއަށް ވެސް އިނގުން މުހިންމު ކަންނޭނގެ" ފަލަކްނާޒް ބުނެލިއެވެ.

ކޮޓަރިން އާރިޔަން ނިކުތްއިރު އޭނާގެ މޫނުމަތި ވަނީ މިލައިގެން ގޮސްފައެވެ. ރޮވެން އުޅޭ ކަހަލަ އިހުސާސެއް ކުރެވެން އުޅުމުން ދުރުދުރުގައި ފިޔަވަޅު އަޅަން ފެށިއެވެ. އޭނާ ބޭނުންވަނީ އަވަހަށް ކޮޓަރިއަށް ވަންނާށެވެ. ނަމަވެސް ބަލައިލެވުނު ގޮތަކުން އޭނާ ހުޅުވާފައި ހުރި ޓީވީއާއި ދިމާލަށް ބަލައިލެވިއްޖެއެވެ. ސޯފާގައި އަނުމް އޭނާއަށް އިންތިޒާރު އެބަކުރެޔޭ ހިތް ބުނެލައިފިއެވެ. ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިންދާލުމުގައި އާރިޔަން ކާމިޔާބު ހޯދިއެވެ. އޭނާ ސޯފާއާއި ހަމައަށް ގޮސްފައި ބަލައިލިއެވެ. ޓިވީ ހުޅުވާފައި ހުއްޓަސް ސޯފާގައި އަނުމްއަށް އޮތީ ނިދިފައެވެ. އެ މައުސޫމް މޫނަށް ހިތްފުރެންދެން ބަލައިލަން އާރިޔަން ބޭނުންވިއެވެ. އާރިޔަން އަނުމްގެ ބޮލާއި ދިމާލުން ތިރީގައި އިށީނެވެ. ހުޅުވާފައިވާ ޓީވީގެ އަލީގައި އަނުމްގެ މޫނުން އަޖައިބެއް ކަހަލަ އުޖާލާކަމެއް އާރިޔަންއަށް ފެންނަމުން ދިޔައެވެ.

"އަނުމް....!!! ތި ލޯބި ހާސިލްވުމަކީ އަހަރެން އެންމެ ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެނެއް. އަހަރެންނަށް ތިލޯބި ކާމިޔާބުވާނޭ ހިތް ބުނޭ. އެކަމަކު.. މަންމަ އަނުމްއަށް އެހާ ނަފްރަތުކުރާ ސަބަބެއް ނޭނގޭ. އަހަރެންގެ ލޯތްބާއި، އަހަރެންނާ ދެމެދަށް މަންމަ ވަދެއްޖެ. މަންމަ ކުރަން އުޅުނު ކަންތައް ކޮށްފި. އިމޯޝަނަލީ މަންމަ އަހަރެން ބްލެކްމެއިލް ކޮށްފި. އަނުމްދެކެ އަހަރެން މިވާ ލޯތްބަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ. މިދުނިޔެއިން އަނުމް ނޫން އެހެން އަންހެނެއް އަހަރެން ހަރާން މިކުރީ...." މި ހުރިހާ ވާހަކަތަކެއް ވީ އާރިޔަންގެ ހިތުގައެވެ. ކަރުނައިގެ ސިފައިގައި އެ ހުރިހާ އިހުސާސެއް އޭނާ ބޭރުކޮށްލައިފިއެވެ. ތިރިއަށް އެލިފައި އޮތް އަނުމްގެ ހިމަހިމަ އަތް ނަގާ އަތްތިލައިގައި ހިފަހައްޓައިލިއެވެ. އެއަށްފަހު އަނުމްގެ އަތްތިލައިގައި ފުރަތަމަ ފަހަރަށް އޭނާ ބޮސްދިނެވެ. އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަނުމްގެ އަތްތިލައިގެ ހުދު ހަމަށް ހިނދިގެން ދިޔައެވެ. ކޮޅަށް ތެދުވެފައިވެސް އަނުމް އުރާލައިގެން ކޮޓަރިއަށް ގެންދަން އޭނާ ހިތްއެދުނެވެ. އެހެންނަމަވެސް އޭނާ މަޑުޖެހުނެވެ. ދޮރު ހުޅުވާލާފައި ނާސިހް ވަނީ އެވަގުތުއެވެ.

"އަޅުގަނޑު ކޮޓަރިން ނިކުތްއިރު އަނުމް މިތާ ނިދާފަ އޮތީ. ގޮވާގޮވާ ނުހޭލި. އެހެންވެ ދާން ނުކެރިފަ މިހުރީ" އާރިޔަން ވާހަކަދެއްކިއެވެ. ނާސިހް އޭނާއަށް ނުބައި ޝައްކެއް ނުކުރާނެކަން އޭނާއަށް އިނގެއެވެ.

"ނުހޭލިޔޭ. ކީއްވެގެންބާ އަނުމް މިތަނުގައި އޮންނަން ޖެހުނީ" ނާސިހް އަނުމް އޮތް ދިމާލަށް ގުދުވެލިއެވެ.

"ޓިވީ ހުޅުވައިގެން އޮށްވަ ނިދުނީހެން ހީވަނީ" އާރިޔަން ބުނެލިއެވެ.

"ދަރިފުޅާ....! ދަރިފުޅާ އަނުމް!!" އަނުމްގެ ކޯތާފަތުގައި ނާސިހް މަޑުމަޑުން ޖަހާލުމުން އަނުމް ދެލޯ ހުޅުވާލިއެވެ. ފުން ނިދީގައި އޮވެފައި ހޭލަން ޖެހުމުން އޭނަގެ ބޮލުގައި ރިހުމެއް ހުއްޓެވެ.

"މީ މީހުން ނިދާ ތަންތަނެއް ނޫނެއްނު. ދޭ ކޮޓަރިއަށް..." ނާސިހް ބުނެލިއެވެ. އަނުމް ކޮޅަށް ތެދުވަން އުޅުނު ގަޑީގައި އަރިއަޅާލަން އުޅޭހެން ހީވުމުން ނާސިހް ހިފަހައްޓައިލިއެވެ. ކޮޅަށް ހުރި އަނުމްއަށް ނިދިން އެއްކޮށް ހޭލެވުމުން އޭނާގެ ސިކުނޑި މަސައްކަތް ކުރަން ފެށިއެވެ. ފުރަތަމަވެސް އޭނާއަށް ފެނުނީ ކޮޓަރިއާއި ދިމާލަށް ދިޔަ އާރިޔަންއެވެ. ގޮވައިލަން އުޅެފައިވެސް ނާސިހް ކައިރީގައި ހުރުމުން އޭނާ ހިމޭންވިއެވެ. އެތަނުގައި އޮވެ ނިދުނީތީ ނާސިހްގެ ކިބައިން މަޢާފަށް އެދިފައި އޭނާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

މުޅިން އާ ދުވަހެކެވެ. ޝާނިމްއާއި މާހިލް މެންދުރުގެ ކާން ގެއަށް ނާދެއެވެ. މެންދުރު ނަމާދުކޮށްގެން އަމާޔާއާއި އެކުގައި އާވާ ބޭރަށް ނިކުމެލީ އަމާޔާގެ އެދުމަށް ފިހާރައަކަށް ދިޔުމަށެވެ. މަޖީދީމަގުން ހެންވޭރާއި ވީ ކޮޅަށް ދެކުދިން އެކުގައި ހިނގަމުން ދިޔައެވެ. އޭރު ގަޑިން ތިނެއް ޖަހަން ގާތްވެއްޖެއެވެ. ގޯޅިގަނޑެއްގައި ހުރި ފައިވާން ވިއްކާ ފިހާރައަކަށް ދެކުދިން އެއްކޮށް މިސްރާބު ޖެހިއެވެ. އާވާ ކުއްލިއަކަށް ހުއްޓުނީ ފިހާރައާއި ޖެހިގެން ދެތިން ފިހާރަ ދޫކޮށް ހުރި ގެއަކަށް ކިޔާން ވަންހެން ހީވެފައެވެ. އެއީ ކިޔާން ކަމާމެދު އޭނާއަށް ޔަގީނެއް ނުކުރެވެއެވެ.

"ކިހިނެއްވީ އެވީ...؟" އެދިމާލަށް އާވާ ބަލަހައްޓައިގެން ހުންނަން ފެށުމުން އަމާޔާ އަހައިލިއެވެ.

"މިއަންނަނީ" އާވާ އެގެއާއި ދިމާލަށް ހިނގައިގަތެވެ. އަމާޔާ އާވާ ފަހަތުން ހިނގައިގަތެވެ. އާވާ އެގޭ ދޮރުމައްޗަށް އެރިތަނާ ނިކުތީ މޫނު ބުރުގާ އަޅާފައި ހުރި އަންހެނެކެވެ. އާވާއަށް ބަލައިނުލާ އެމީހާ ކަންފަތުގައި ފޯނު ޖެހިއެވެ. އާވާ އެތެރެއަށް ބޯދިއްކޮށްލިއެވެ. އެއްވެސް މީހެއްގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ.

"ކާކު ހުރިކަމަށް ތިބަލަނީ" އާވާ ކައިރީގައި ހުއްޓިލަމުން އަމާޔާ އަހައިލިއެވެ.

"ހީވި މިތަނުން ކިޔާން ފެނުނުހެން" އާވާ ބުނެލިއެވެ.

"ތިވާނީ އެވީއަށް ހީވިގޮތް ކަމަށް" އަމާޔާ ބުނެލިއެވެ.

އަލުން ފައިވާން ފިހާރައާއި ދިމާލަށް ދަމުން އެއްފަހަރު އާވާ ފަސްއެނބުރި ބަލައިލިއެވެ. އެގޭ ދޮރުމަތީގައި މޫނުބުރުގާ އަޅައިގެން ހުރި އަންހެންމީހާ ނޫން އިތުރު މީހަކު ފެންނަން ނެތެވެ.

"އަޞުރަށް ގޮވާނެ އިރުކޮޅަކުން. ހިނގާ ޓެކްސީއެއް ނަގައިގެން ގެއަށް ދަމާ" މަޖީދީމަގަށް ނިކުންނަމުން އަމާޔާ ބުނެލިއެވެ.

ސިޑިގޮޅީގައި ފިލާ ހުރި ކިޔާން ނިކުތީ އަމާޔާއާއި އާވާ ޓެކްސީގައި ނައްޓާލައިފިކަން ދޮރުމަތީގައި ހުރި އަންހެންމީހާ ފޯނުކޮށްފައި ބުނުމުންނެވެ. އިރުކޮޅަކުން އެއް އަތުން އަނެއް އަތުގައި ހޭކިފައި ހުރި ކިލާތައް ފޮޅަމުން އައިސް ކިޔާން އެމީހާ ކައިރީގައި ހުއްޓުނެވެ.

"ކިރިޔާ މިއަދު މި ސަލާމަތްވީ" ކިޔާން ބުނެލިއެވެ.

"ތިހާ ފިނޑިވެގެން ލޯތްބެއް ނުލިބޭނެ. ލޯތްބެއް ހާސިލްކުރުމަށްޓަކައި ލޯބީގެ މައިދާނަށް ނިކުންނަންވާނީ ނިކަން ކެރިގެން. ކޮންމެފަދަ ކަމެއް ކުރަން ޖެހުނަސް އެކަމެއް ކުރަން ތައްޔާރަށް ހުންނަންވާނީ. ފަހުން ނިކުމެދާނެ ނަތީޖާއަކަށް ބަލާނެކަމެއް ނެތް" އެމީހާ ވާހަކަދެއްކިއެވެ.

"ތިކަން އިނގޭ. ދުނިޔޭގައި ހުރުމަށްޓަކައި ނޭވާލާން ބޭނުންވާ ފަދައިން އާވާ ބޭނުން. ތިއެއްނޫނޭ... ލިބުނުތަ؟ އަގު ކިހާވަރެއް ކިއީ...؟" ކިޔާން އަހައިލިއެވެ.

"އަގު މާބޮޑެއްނޫން. ފަސްހާސް ރުފިޔާ. ވަރަށް ޔަގީންކަން ދިން. ކިޔާން މިކަމާ ދެން ނޫޅުނަސް އޯކޭވާނެ. އަހަރެން މިކަން ކުރާނަން. ކާމިޔާބުވިއްޔާ ދެމީހުންނަށްވެސް ލޯބި ހާސިލްވީ" އެމީހާ ބުނެލިއެވެ.

"އަދި ނޭނގޭ ނަމެއްވެސް. ކޮން ނަމެއް ތިދައްތައަށް ކިޔަނީ" ކިޔާން އަހައިލިއެވެ.

"ދައްތަ ނުކިޔަސް އޯކޭވާނެ. ނައިޝީ ކިޔަނީ. އަހަރެންނަކީ މާހިލްގެ ކުރީގެ އަންހެނުން" ނައިޝީ ވާހަކަދެއްކިއެވެ.

"އޯލްރައިޓް. ގާތްގަނޑަކަށް ކިހާ ދުވަހަކުން ނަތީޖާ ފެންނާނެ" ކިޔާން އަހައިލިއެވެ.

"ހަފްތާއެއްހާ ދުވަސް ބަލަމާ" ނައިޝީ ބުނެލިއެވެ. ކިޔާން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ލޯތްބެއް ހާސިލްކުރުމަށްޓަކައި މިކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން އޭނާއަށް އިހުސާސެއް ނުކުރެވެއެވެ.

މޭޒު ކައިރީގައި އިން ޒެރީން އަނގައިން ނުބުނެ އިންނަން ފެށުމުން ރިޒާ ހިތުގައި ޖެހިއްޖެއެވެ. ޒެރީން އަކީ ދުނިޔޭގައި ހުރި އޭނާގެ ހަމައެކަނި އެއްބަނޑު މީހާއެވެ.

"ކޮންކަމެއް ކޮއްކޮ ބޭނުންވެގެން ތިއުޅެނީ" ރިޒާ އަހައިލިއެވެ.

"ކުޑައިރުން ފެށިގެން އާވާއާއި ކިޔާންއަކީ ނުލާހިކު ގާތްކޮށް އުޅުނު ދެކުދިން. އޭރުގައިވެސް ކިޔާންގެ އަނބިމީހާގެ މަގާމުގައި އިންނަން އަހަރެން ބޭނުންވަނީ އާވާ އޭ ބުނީ މަޖަލަކަށް ނުނޭ" ޒެރީން ބުނެލިއެވެ. އަޑުގައިވީ ހިތްހަމަނުޖެހުމެވެ. ބަހެއްނުކިޔާ އެ މަޖިލީހުގައި ޙާޖަރުވެސް އިނެވެ.

"ތިވާހަކަތައް ކިތަންމެ ވަރަކަށް ދެއްކިޔަސް މިހާރު ކުރެވޭނެ ކަމެއް އެބައޮތްތަ؟ އެހެންނޫނަސް އާވާ ނުރުހޭ ކަމެއް އޭނާ ލައްވާ ކުރުވާނީ ކިހިނެއް؟" ރިޒާ ބުނެލިއެވެ.

"އާވާ ނުރުހިދާނެ. އެކަމަކު ކައިވެނީގެ ފަހުން އެނުރުހުން ނެތިގެން ހިނގައިދާނެ. އެއީ ވިސްނުންތޫނު ހަރުދަނާ ކުއްޖެއް. ފިރިމީހާއަށް އަދާކޮށްދެންޖެހޭ ޙައްޤުތަކަކީ ކޮބައިކަން އެމަންޖެއަށް އޮޅިފައެއް ނޯންނާނެ" ޒެރީން ވާހަކަދެއްކިއެވެ.

"ދެން މައްސަލައެއްނެތް. އަހަރެންގެ ވާހަކައަކީ ވީކަމެއް ވިއްޔޭ. މިހާރު ތިވާހަކަތައް ކިތަންމެ ވަރަކަށް ދެއްކިޔަސް ވާނެ ފައިދާއެއް އެބައޮތްތަ؟ އާވާއަކީ މިހާރު މީހެއްގެ އަނބެއް" ރިޒާ ބުނެލިއެވެ. ޒެރީން އެއްޗެއް ނުބުނެ އިރުކޮޅަކު ހިމޭނުން އިނެވެ. އެއަށްފަހު ރިޒާގެ މޫނަށް ބަލައިލިއެވެ.

"ބޭބެއަށް ކެރިދާނެތަ އަހަރެން ކައިރީގަ ވައުދެއްވާން" ޒެރީން އަހައިލިއެވެ.

"އަހަރެން ލައްވާ ތިކުރުވަން އުޅޭ ވައުދަކީ އިސްލާމްދީނާއި ޚިލާފް ކަމަކަށް ނުވެ އަހަރެންގެ އާއިލާއަށް މެދު ވެވޭ ބޭއިންސާފަކަށް ނުވަންޏާ ވައުދުވާން ކެރިދާނެ" ރިޒާ ވާހަކަދެއްކިއެވެ.

"ދުވަހަކުވެސް އާވާއަށް ދެރައެއް ލިބުމަށް ނޭދޭނަން. އެކަމަކު ދުވަހެއްގައިވެސް އެ މާހިލްގެ ހަޔާތުން އާވާ ބޭރުކޮށްފިނަމަ ކިޔާންއާއި އާވާގެ ކައިވެންޏަށް ބޭބެގެ ރުހުން ލިބޭނެކަމަށް ﷲ ގަންދީ ހުވާކުރޭ" ޒެރީން ބުނެލިއެވެ.

"މީހެއްގެ ގޮތެއް ނޭނގޭނެ. އަތުގެ އެއްފުށުގައިވާ ކަންތައް އަނެއް ފުށަށްވެސް ނޭނގޭ. އެކަމަކު އަހަރެން ދުނިޔޭގައި ހުއްޓާ ތިފަދަ ދުވަހެއް އަތުވެއްޖެނަމަ އާނ އަހަރެންގެ ދަރިފުޅު ދެން ހަވާލުކުރާނީ އެމީހަކާމެދު އަހަރެންނަށް އިތުބާރާ ޔަގީންކޮށް އޮތް ފަރާތަކަށް. ކިޔާނަކީ އަހަރެންނަށް ދުރު ކުއްޖެއްނޫން" ރިޒާ ވާހަކަދެއްކިއެވެ.

"އެކަމަކު މާހިލް އެގޮތަށް ކަންތައް ކޮށްފާނޭ އަހަރެންގެ ހިތެއް ނުބުނޭ. އެއީ އެއަށްވުރެ ހަރުދަނާ ޒިންމާދާރު މީހެއް. އެ ދެކުދިން އެކަކު އަނެކަކު ދެކެ ނިހާޔަތަށް ލޯބިވޭ. މާހިލް ނޫން އެހެން މީހަކާއެކު އެވީއަށް އުފާވެރިކަމެއް ނުލިބޭނެ. އެއީ މާހިލްއަށްޓަކައި އެވީގެ ހިތުގައި އޮތް ލޯބި އެންމެ ފުރަތަމަ ދުށީވެސް އަހަރެން" ޙާޖަރަށް އެއްޗެއް ނުބުނެ ނީނދެވުނެވެ. ޒެރީން އަކީ ރިޒާގެ ކޮއްކޮ ކަމުގައި ވިޔަސް ޒެރީން ދައްކާ ވާހަކަތަކާއި އަމަލުތައް ހުންނަ ގޮތް ޙާޖަަރަށް އެއްގޮތަކަށްވެސް ކަމަކުނުދެއެވެ.

ޒެރީން ގޮސް ކޮޓަރިއަށް ވަންއިރު ކިޔާން އެނދުގައި ލެޕްޓޮޕް ހިފައިގެން އޮތެވެ. ބަލަމުން ދިޔަ އިނގިރޭސި ފިލްމުގެ އަޑު ކަނޑާލާފައި އޭނާގެ މަގަތުން އިށިން މަންމައަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ.

"ދެން އޮތީ ކިޔާން ކުރަންވީ ހިތްވަރެއް. ބޭބެ ވައުދުވެއްޖެ" ޒެރީން ބުނެލިއެވެ.

ކިޔާން ހިނިތުންވެލިއެވެ. ލެޕްޓޮޕް ކައިރީގައި އޮތް ފޯނު ނަގާފައި ނައިޝީގެ ނަންބަރ ހޯދައިލިއެވެ. އެއަށްފަހު އެ ނަންބަރަށް ޑަޔަލް ކޮށްލިއެވެ.

"ކޮބާ ފަހުގެ މައުލޫމާތަކީ" ނައިޝީ ފޯނު ނެގިކަން އިނގުމާއެކު ކިޔާން އަހައިލިއެވެ.

އަޞުރަށްފަހު އަމާޔާއާއި އާވާ ނިންމީ ގޭގައި ތިބެގެން ވަގުތު ދުއްވާލުމަށް ކަމެއް ކުރުމަށެވެ. ފޯނު ހިފައިގެން ހަވީރުގެ ޒިކުރުތައް ކިޔުމަށް އާވާ އިނީ ސިޓިންރޫމު ސޯފާގައެވެ. ކޮޓަރިން ނިކުތް އަމާޔާ އާވާއަށް ގޮވައިލިއެވެ.

"ރެޑީތަ؟" އަމާޔާ އަހައިލިއެވެ.

"މިނިމެނީ. މާޔާ ރެޑީކޮށްލާ" އާވާ ބުނެލިއެވެ.

އޭގެ އިރުގަނޑެއްފަހުން އަމާޔާ އާވާ ކުރިމަތީގައި އައިސް ހުއްޓުނީ ކޮޓަރި ތެރޭގައި ހުރި ފަހާފޮށި ހިފައިގެންނެވެ. އާވާ އަވަސް އަވަހަށް މޭޒު ރަނގަޅު ކޮށްލަދިނެވެ. ދެއުކުޅުވަޅުގައި އަތް އަޅުވާލަމުން އަމާޔާ ފުން ނޭވައެއް ލިއެވެ.

"މިތަނުގަތަ ފަހާނީ" އާވާ އަހައިލިއެވެ.

"އާނ. މާ ފަސޭހަވާނެ. ދޭ އެވީ އަތުގައި އޮތް ފޮތިގަނޑު ބަލާ" އަމާޔާ އެދުނެވެ. އާވާ ކުޑަކުއްޖެއް ފަދައިން ދުމެއް ޖަހާފައި ސިޑިން އަރައިގެން ދިޔައެވެ.

ކޮތަޅު ހިފައިގެން ސިޑިން ފައިބައިގެން އައި އާވާ ސިހުނީ އަމާޔާގެ ހަޅޭކުގެ އަޑު އިވުމުންނެވެ. އޭނާ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ފަހު ސިޑީގެ ހަރުފަތާ ހަމައަށް ނާދެވެނީސް ފަހާފޮށީގެ ކަރަންޓު ވާގަނޑާއެކު އަމާޔާ ދުވެފައި ގޮސް ސިޓިންގރޫމު ސޯފާ ވަށާލި މަންޒަރު ފެނުނެވެ. އާވާ ކައިރިއަށް ހިނިއައީ ޓޮމީ އަމާޔާ ފަހަތުން ދުވާތަން ފެނިފައެވެ.

"އެވް....އެވީ...މަ....މަގޭ ސަލާމަތްކުރޭ...." ވަރުބަލިވެ ނޭވާ ކުރުވެފައިވާ އަޑަކުން އަމާޔާ ގޮވަމުން ދިޔައެވެ. އާވާއަށް ހެވުނު ވަރުން ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ. އެގެއަށް އައިފަހުން އަދި އެހާ ގިނައިން އާވާއަށް ހެވިފައެއް ނެތެވެ. އަމާޔާ ސޯފާގޮނޑީގެ ލެގޭ ބައި މަތިން ފުންމާލި ގޮތަކުން ފަޔަށް ތަދެއް އަރައިގެން ތިރިން ނުތެދުވެވިފައި އިންތަން ފެނުމުން އާވާ ހިތަށް ތަދުވެލިއެވެ. އޭނާ ދުވެފައި ބަދިގެއަށް ވަދެފައި ދެން އައިރު އަތުގައި ފިހިގަނޑު އޮތެވެ. އަދިވެސް ބައެއް ގަޑީގައި ޓޮމީއާއި ގާތަށް ދާން އޭނާ ޖެހިލުންވެއެވެ. ހާއްސަކޮށް އެގޮތަށް ޓޮމީ ހިލިގަނެގެން އުޅޭ ވަގުތުތަކުގައެވެ. ފިހިގަނޑާއެކު އައި އާވާ ފެނި ޓޮމީ މައިތިރިވެއްޖެއެވެ. މާދުރަށް ގޮސް ބަނޑު ޖަހާލައިފިއެވެ.

"މާޔާ ތަދުވިތަ؟" ފިހިގަނޑު ދޫކޮށްލާފައި އާވާ އައިސް އަމާޔާ ކައިރީގައި އިށީނެވެ.

"ކުޑަކޮށް... ހުވާ މިބުނީ މިގޭގަ މަށަކަށް ނޫޅެވޭނެ. މަގޭ ފަހަތުން އެދުވީ މަ ކަމެއް ކުރީކީވެސް ނޫން. އޭނަ ހިތަށް އަރާއިރަށް ހަމަ އެހެން ދުވެވޭތަ؟" އަމާޔާ ދުރުގައި އޮތް ޓޮމީއަށް ދެލޯ އަޅާލިއެވެ. އަނެއްކާވެސް އާވާއަށް ހެވެން އުޅުނެވެ.

"ހުވާ މިބުނީ އެއްދުވަހަކުން ތިއެންމެންނަށް ފެންނާނީ އޭނަ އަހަރެން ރޭޕްކޮށްފައި އޮށްވާ. ޝާން ނުވާ ވަރަށް އޭނަ މަދެކެ ލޯބިވޭ ކަންނޭނގެ. ބޮޑުކަމެއް..." އަމާޔާ ކިޔަމުން ދިޔައެވެ. މިފަހަރުވެސް އާވާއަށް ހެވިއްޖެއެވެ.

"ދެން ތެދުވޭ... އޭރުވެސް މަ ބުނީމެއްނު ކޮޓަރީގަ ފަހަން ހިނގާށޭ" އަމާޔާ ތެދުވަން އެހީވަމުން އާވާ ބުނެލިއެވެ.

ތިރީގައި ފޮތިގަނޑު ފަތުރާލައިގެން ހެދުން ކަނޑަމުން ދިޔަ އަމާޔާ އާވާއަށް ހެދުން ކަނޑަންވީ ގޮތްތައް ކިޔައިދެމުން ދިޔައެވެ. ބެލް އަޅާލި އަޑު އިވުމުން ދޮރާއި ދިމާލަށް ދެކުދިންނަށް ބަލައިލެވުނީ އެކީގައެވެ.

"މާހިލްމެން ނަމަ ބެލްއެއް ނާޅާނެއްނު. މާޔާ އިނދޭ މި އަންނަނީ ހުޅުވާފަ" އާވާ ތެދުވެގެން ހިނގައިގަތެވެ.

ހުޅުވުނު ދޮރު ކުރިމަތީގައި ހުރި ނައިޝީ ފެނުމުން އާވާ ހިނިތުންވެލިއެވެ. ނައިޝީގެ ހަށިގަނޑުގައި ކުޑަކޮށް ބައްދާލުމަށްފަހު އެތެރެއަށް ވަންނަން ދައުވަތު ދިނެވެ.

"ފިރިމީހާ އެބައުޅޭތަ؟" މާހިލް ގޭގައި ނެތްކަން އިނގުނަސް ނައިޝީ އަހައިލިއެވެ.

"ނެތް. ކޮން ދަތުރެއްތީ... އާދޭ އިށީންނަން" ސޯފާ ދައްކަމުން އާވާ އަހައިލިއެވެ. އޭރު އަމާޔާވެސް ކުރަން ހުރި ކަންތައް މަޑުޖައްސައިލުމަށްފަހު ނައިޝީއަށް އިހުތިރާމާއެކު ބަލަހައްޓައިގެން އިނެވެ. އާވާ އެބުނާ މޫނު ބުރުގާ އަޅާފައި ހުންނަ އެކުވެރިޔާ އޭނާއަށް އަދި އެފެނުނީއެވެ.

"ދެކުދިން ފަހަން ދަސްކުރަނީތަ؟ ވަރަށް ބުރަކޮށް އުޅެނިކޮށް ދޯ މިއާދެވުނީ" ނައިޝީ އަހައިލިއެވެ.

"އަބަދު ގޭގަ އިންނަންޏާ ކޮންމެސްކަމެއް ކުރަންވާނެތާ ދޯ. މިއުޅެނީ މާޔާ ކައިރިން ފަހަން ދަސްކުރަންވެގެން" އާވާ ވާހަކަދެއްކިއެވެ.

"އެހެންތަ؟ މިއީ އާވާއަށް އަހަރެން ގެނައި އެއްޗެއް. ޞަދަޤާތެކޭ ހިތާ ކާލަބަލަ" އަތުގައި އޮތް ކޮތަޅުން މަތިޖެހި ތައްޓެއް ނަގާފައި އާވާއަށް ދިއްކޮށްލިއެވެ. އާވާ ތަށީގައި ހިފަމުން ހީލިއެވެ.

"މިއަދަކީ އަހަރެން އަލަށް ބަނބުކެޔޮ ބޮނޑިބަތް ހެދި ދުވަސް. ފިރިމީހާއަށް ވަރަށް ކަމުދާ އެއްޗެއް. ހިތަށް އެރީ އާވާއަށް ގެނެސްދޭނީއޭ. ގޭގައި އޮތް ކެއުމަށްވެސް ނާދެވުނީމަ" ނައިޝީ ވާހަކަދެއްކިއެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ... އެކަމަކު މިތަށިން ރަހަ ބަލައިލާނީވެސް މާހިލްއާ ޝާނިމްސަރ އައިމަ. ދޯ މާޔާ..." އަމާޔާއަށް ބަލައިލަމުން އާވާ ވާހަކަދެއްކިއެވެ. ކަޅު ފޮތިގަނޑު ދަށުގެ ނިވަލުގައި އިން ނައިޝީގެ ތުންފަތްމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ.

"އާވާ ބޭނުންގޮތެއް. އެކަމަކު މީރުވިއްޔާ ބުނަންވާނެ އިނގޭ. ދެން ދަނީ. އަދި އެހެން ފަހަރަކުން އަންނާނަން" ނައިޝީ ވާހަކަދެއްކިއެވެ. ނައިޝީއާއެކު އާވާ ދޮރާއި ހަމައަށް ދިޔައެވެ.

"ހާދަ ހެޔޮ މީހެކޭ ދޯ އެއީ. އެވީ ކޮންތާކުން ދިމާވި މީހެއްތަ އެއީ" އަމާޔާ އަހައިލިއެވެ.

ނައިޝީއާއި ދިމާވިގޮތް އާވާ އަމާޔާއަށް ކިޔައިދިނެވެ. އެންމެފުރަތަމަ މާހިލްއާ ގުޅުވައިގެން އޭނާ ދެއްކި ވާހަކަތަކެވެ. އެއަށްފަހު ދެއްކުނީ ރަނގަޅު ވާހަކަތަކެއް ނޫންކަން އިހުސާސް ކުރެވި އެކަމާ ދެރަވެގެން އުޅުނު ގޮތެވެ. އެއަށްފަހު އެދެމެދުގައި އެކުވެރިކަން މަޑުމަޑުން އާލާވަމުން އައިގޮތެވެ.

ސަލާން ބަލައިގަތީ ކޮޓަރިން ނިކުތް ޙަބީބާއެވެ. ދޮރުމަތީގައި ހުރި ފަލަކްނާޒް ފެނުމުން ޙަބީބާގެ ތުންފަތް މައްޗަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.

"އަވަހަށް ވަދޭ" ޙަބީބާ ބުނެލިއެވެ. ފަލަކްނާޒް ގޮނޑީގައި އިށިން ވަގުތު ޙަބީބާ ލޯތްބާއެކު ފަލަކްނާޒްގެ އަތުގައި ހިފައިގެން އިން އަލަމްގެ ކޮލުގައި ހިފައިލިއެވެ. ފަލަކްނާޒްއާއި ޖެހިގެން އިން އާރިޔަންއަށް ޙަބީބާ ބަލައިލީ އެއަށްފަހުއެވެ.

އެއީތަ އެސޮރަކީ؟" ޙަބީބާ ސިއްރުން އަހައިލިއެވެ. ފަލަކްނާޒް ބޯޖަހައިލިއެވެ. ދެއަތުގެ އިނގިލިތައް ގުޅުވާލައިގެން އެއް ދިމާލަކަށް ބަލަން އިން އާރިޔަންގެ ހިތް ވަނީ ޝަކުވާތަކުން ފުނިޖެހިފައެވެ.

"ސައިހުރީ ތައްޔާރުވެފަ. އެކަމަކު މިސޮރުގެ ބައްޕަ އަންނާނެ ވާހަކަވެސް ބުނީމެއްނު" ޙަބީބާ ބުނެލިއެވެ.

"އާނ މިހާރު ގާތްކުރޭ އެބަ. އޭނަ އައިމަ ފަށާނީ" ފަލަކްނާޒް ބުނެލިއެވެ.

"ކޮބާ އެމަންޖެ؟" ފަލަކްނާޒް އަހައިލިއެވެ.

"ތައްޔާރުވަނީ. އެއީ ވަރަށް ރަނގަޅު ކިޔަމަންތެރި ކުއްޖެއް. މިހާތަނަށް ފިރިހެނަކާ އަނގައިން ބުނެފައިވެސް ނުވާ ހަމަ ނުފޮޅޭ މަލެއް ކަހަލަ ކުއްޖެއް އެއީ" ޙަބީބާ ވާހަކަދެއްކިއެވެ. ފަލަކްނާޒްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ކައިރީގައި އިން އާރިޔަންގެ މޫނަށް ބަލައިލިއެވެ. އާރިޔަން ހަމަ އަޅާވެސްނުލާ އިނެވެ. އެތަނުގައި ދެކެވެމުންދާ ވާހަކަ އޭނާއަށް ނީވޭ ކަހަލައެވެ. އޭނާގެ ހިތާއި ސިކުނޑި ގުޅިފައިވަނީ މީގެ އިރުގަނޑެއް ކުރިން އޭނާގެ ކައިވެނި ހަމަޖެހުނުކަން އިނގުމުން އަނުމް އަލަމް ކައިރީގައި ދެއްކި ވާހަކަތަކެވެ.

"އަނުމްއަށް އަހަރެން ކަމުދޭތަ...؟" ގެއިން ނިކުތްއިރުވެސް އާރިޔަންގެ ހިތުގައި އުފެދިފައިވި ސުވާލަކީ މިއީއެވެ.

(ނުނިމޭ)